އދ. ދަނގެތީގެ ބަނދަރު ބޮޑު ކުރުމުގެ މަސައްކަތް ފަށަން ގެންގޮސްފައިވާ ސާމާނު ކުއްލި ގޮތަކަށް އެ އަތޮޅު އޮމަދޫ އަށް ގެންގޮސްފިއެވެ.
ރަށުން ވާހަކަ ދެއްކި ފަރާތަކުން ބުނެފައިވަނީ، ރަށަށް ގެނެސްފައިވަނީ ހިލަ އާއި ސިމެންތީގެ މަދު އެތިކޮޅެއް ކަމަށާއި އެއީ އަންނަ އޮކްޓޯބަރު 7 ވަނަ ދުވަހު ރައީސް މުއިއްޒު އެ ރަށަށް ވަޑައިގަންނަވާ ދަތުރުފުޅުގައި ބަނދަަރު ބޮޑު ކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާތީ ގެނެސްފައިވާ ތަކެތި ކަމަށް އެނގިފައިވާ ކަމަށެވެ.
އޭނާ މައުލޫމާތު ދިން ގޮތުން ދަނގެތިން ސިމެންތި އާއި ހިލަ އޮމަދޫ އަށް ގެންދަނީ ކީއްވެތޯ އެމްޓީސީސީ އިން އެކަމުގައި އުޅޭ މީހުންގެ ގާތުގައި އެހުމުން ބުނެފައިވަނީ "މަތިން އަންގައިގެން ކަމުގައެވެ."
އޭނާ ބުނީ ކައުންސިލުގެ ރައީސް އަށް މިކަން މިހެން ހިނގާތީ ގުޅުމުން ރައީސް އަށް ވެސް އެކަން އެހެން ހިނގާކަން އެނގިލައްވާ ކަމަށް އޭނާ ބުންޏެވެ.
"ރައީސް ވިދާޅުވީ، ދެން ކީއްހޭ ކުރާނީ، އެކަމާ ދެން އަޅާ ނުލާށޭ."
މައުލޫމާތު ދިން ފަރާތުން ބުނީ، މިއީ ދަނގެތީގެ ބަނދަރު ބޮޑު ކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވި ދެވަނަ ފަހަރު ކަމުގައެވެ. އެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ދުވަސްވަރު ވެސް ހައިމާކް އަކާއި ލޯޑަރަކާއި، ފިއުލްޓޭންކަކާ އެއްޗެއްހި ގެނައި ކަމަށާއި، އެހެން ނަމަވެސް މިއަދާ ހަމަ އަށް ވެސް އެ މަސައްކަތް ފަށާފައި ނުވާ ކަމަށެވެ.
މިހާރު ހަރަކާތްތައް އަނެއްކާވެސް ފެންނަން ފަށައިފި ކަމަށާއި، އާދިއްތަ ދުވަހު އެމްޓީސީސީގެ ބަޔަކު އައިސް ބަނދަރުގައި މިން ޖަހާވެސް ހަދައިފި ކަމަށެވެ.
'ރައްޔިތުންގެ މަޖިލިސް އިންތިޚާބު ނިމުމުން ދެން އައީ އެ ސަމާނު ބަލައި،" ކަަމަށް ރަށުން ވާހަކަ ދެއްކި ފަރާތުން ބުންޏެވެ.
އެހެން ނަމަވެސް ރައްޔިތުން ނުކުމެ އެކަމަށް ހުރަސް އެޅުމުން ހައިމާކް ގެންދެވޭ ގޮތް ނުވީ ކަމަށް އޭނާ ބުންޏެވެ. އެ ގޮތުން އަދި ވެސް ރަށުގައި އޭރު ގެނައި ހައިމާކު އޮތް ކަމަށް އޭނާ ބުންޏެވެ.
އޮމަދޫ އަަށް ތަކެތި ގެންދަނީ ކީއްވެ ކަމެއް ސާފު ކޮށް ބުނެދޭން ނޭނގުނު ނަމަވެސް އޭނާ ބުނީ އެރަށަށް ވެސް މުއިއްޒު އަންނަ މަހު ދަތުރު ކުރައްވާ ގޮތައް ހަމަ ޖެހިފައިވާ ކަމުގެ ވާހަކަ އިވިފައިވާ ކަމަށެވެ.
އަންނަ މަހުގެ ކުރީކޮޅު މުއިއްޒު އަރި އަތޮޅު ދެކުނު ބުރިއަށް ދަތުރެއް ކުރައްވާ ގޮތައް ހަމަ ޖެހިފައި އޮތުމާ އެކު އެ ސަރަހައްދުގެ ރައްތަކުގައި ދަތުރާ ބެހޭ އިންތިޒާމުތައް ކުރެވެމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.