މިޔަންމާ ސަރުކާރުން އެގައުމުގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް އަޑުއުފުލުމަށްޓަކައި ރަޝިއާގެ ވެރިރަށް މޮސްކޯގެ މުސްލިމުން މޮސްކޯގައި ހުންނަ މިޔަންމާގެ އެމްބަސީ ކައިރިއަށް އާދީއްތަ ދުވަހު އެއްވެ އަޑުއުފުލައިފިއެވެ.
ރަޝިއާގެ މުސްލިމުންގެ އެއްވުން ކުރިއަށް ދިޔައިރު ގިނަ އަދަދެއްގެ ފުލުހުން ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވަމުން ދިޔައެވެ.
އަށްސަތޭކައެއްހާ ރަޝިއާގެ މުސްލިމުން މި އެއްވުމުގައި ބައިވެރިވިއިރު ރިޕޯޓުތައް ބުނާގޮތުން އެއްވެސް ހަމަނުޖެހުމެއް މި އެއްވުމުގައި ހިނގާފައެއް ނުވެއެވެ.
މިޔަންމާގެ މުސްލިމުންނާ އެކީ ތިބިކަން ހާމަ ކުރުމަށް ރަޝިއާގެ މުސްލިމުން ބޭއްވި އެއްވުމުގައި ބައިވެރިވި މީހުން މިޔަންމާގެ އެމްބަސީ ކުރިމަތީގައި ނަމާދުކުރަން ތިބިތަން ވެސް ފެނިފައިވެއެވެ.
މިޔަންމާ ސަރުކާރުން އެގައުމުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓާލުމަށް ބައިނަލްއަގްވާމީ މުޖުތަމައުއިން ދަނީ ގޮވާލަމުންނެވެ.
މިޔަމަންމާގެ މުސްލިމް ކުޑަކުދިންނާ އަންހެނުންނާ ފިރިހެނުން ރޯމާ ދުވާލު ކަތިލަމުން މަރަމުން އެމީހުންގެ ގެދޮރާ މުދާ ސުންނާފަތިކޮށް އަންދާ އަޅިޔަށް ހަދަމުންދާ ދިޔުމަކަށް ހުއްޓުމެއް ނެތެވެ.
މިޔަންމާ މީހުން ދެކޭ ގޮތުގައި ރޮހިންޖާ މުސްލިމުންނަކީ އެގައުމުގެ މީހުންނެއް ނޫނެވެ. އެއީ ބަންގްލަދޭޝް އިން ވަގަށް އެތެރެވެގެން އުޅޭ ބައެކެވެ. އެހެން ކަމުން އެމީހުންނަކީ އެކަހެރި ކުރެވި، އެންމެ އަސާސީ ހައްގުތަކުންވެސް މަހްރޫމް ކުރެވިފައިވާ ބައެކެވެ. އެމީހުންގެ އަވަށުން ބޭރަށްވެސް ދެވެނީ ހުއްދަ ހޯދައިގެންނެވެ.
ރޮހިންޖާ އަކީ މިޔަންމާގެ މައިނޯރިޓީ ނަސްލަކަށް ނިސްބަތްވާ ބައެކެވެ. އެ މީހުން ވަޒަންވެރިވެފައިވަނީ މިޔަންމާގެ ހުޅަނގުގައި އޮންނަ ސްޓޭޓެއް ކަމަށްވާ ރަޚައިން ގައެވެ. ބުޑިސްޓުންގެ މެޖޯރިޓީ އޮންނަ މިޔަމަންމާ އަކުން ރޮހިންޖާ މީހުންނަކީ މިޔަމަންމާގެ ރައްޔިތުން ކަމަކަށް ނުދެކެއެވެ. ރޮހިންޖާ މުސްލިމުންގެ ގޮތުގައި ބެލޭ 1.1 މިލިއަން މީހުންނަށް އަމިއްލަ ގައުމެއް ނެތެވެ.