Advertisement
ކ. މާލެ
|
29 ސެޕްޓެންބަރ 2025 | ހޯމަ 00:50
ސައީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވުމަށް ފަހު ކޯޓުގެ ބޭރުގައި ތިބި އާއިލާ އާއި ހެޔޮ އެދޭ ފަރާތްތައް
ސައީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވުމަށް ފަހު ކޯޓުގެ ބޭރުގައި ތިބި އާއިލާ އާއި ހެޔޮ އެދޭ ފަރާތްތައް
ސޯޝަލް މީޑިއާ
ކްރިމިނަލް ކޯޓް
މީގެ ކުރިން ކުށުގެ ރެކޯޑެއް ނެތް ފެނަކައިގެ ކުރީގެ އެމްޑީ ސައީދުގެ މައްޗަށް އެންމެ ހަރުކަށި އަދަބު ދިނީ ކީއްވެ؟
ކަރަޕްޝަންގެ ކުށަށް އަދަބު ލިބޭތަން ފެންނަނީ ވަރަށް މަދުން ކަމަށް އަދި ދެވެނީވެސް ވަރަށް ކުޑަ އަދަބެއް ކަމަށް
ސައީދުގެ މައްޗަށް 4 އަހަރުގެ ޖަލު ހުކުމެއް ކަނޑައެޅި
ދައުލަތުން ބުނީ އަސާސީ އަދަބު ރަނގަޅު ކަމަށާއި އަދަބު ކުޑަކުރަން ޖެހޭ ނުވަތަ ބޮޑު ކުރަން ޖެހޭ ހާލަތެއް ނެތް ކަމަށް

ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ހިފުމުގެ ކުށް ސާބިތުވާ ކަމަށް އާދިއްތަ ދުވަހު މެންދުރު ފަހު ކްރިމިނަލް ކޯޓުން ކަނޑައަޅާ ވަނީ ހުކުމް ކޮށްފައެވެ.

އެއާ އެކު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް މުހައްމަދު ނިންމެވީ ސައީދުގެ މައްޗަށް 4 އަހަރުގެ ޖަލު ހުކުމެއް ކަނޑައަޅާށެވެ.

އިސް ފަނޑިޔާރު މި ހުކުމް ކުރެއްވި އިރު، އެއަށް ވުރެ ލުއި އަދަބެއް ދިނުމުގެ އިޚްތިޔާރު ފަނޑިޔާރުގެ އަތުގައި އޮތެވެ.

ކުށް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު އާންމު އުސޫލު ގެ ދަށުން، އަދަބާ މެދު ވާހަކަ ދެއްކުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ވަކީލަށާއި ސައީދަށް ފަނޑިޔާރު ފުރުސަތު ދެއްވިއެވެ.

ސައީދުގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ގާނޫނުލް އުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) އާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެެއް ގެ ގޮތުގައެވެ. އެހެން ކަމުން އެ ކުށް ސާބިތު ވެއްޖެ ނަމަ ދެވޭ އެންމެ އަސާސީ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

ދައުލަތުގެ ފަރާތުން ބުނީ ސައީދުގެ އަދަބު ދަށްވާނެ އަދި މަތިވާނެ ހާލަތެއް ފާހަގަ ނުވާ ކަމަށެވެ. އޭގެ މާނަ އަކީ އަސާސީ އަދަބު ދިނުން އެންމެ ރަނގަޅު ކަމުގައެވެ.

އަދަބު ކަނޑައެޅުމާ ބެހޭ ގޮތުން ދެކެވުނު ވާހަކައިގައި ސައީދުގެ ފަރާތުން ބުނެފައިވަނީ، އޭނާ އަކީ މީގެ ކުރިން މިފަދަ ކުށެއް ސާބިތުވެފައިވާ ފަރާތެއް ނޫން ކަމަށާއި، އެހެން ކަމުން ގާނޫނުލް އުގޫބާތުގެ 1104 ވަނަ މާއްދާ އަށް ރިއާޔަތް ކޮށް އަސާސީ މިންގަނޑުން އެއް ދަރަޖަ ދަށް ކުރަން ޖެހޭ ކަމަށެވެ. އަދި ގާނޫނުލް އުގޫބާތުގެ 1109 ވަނަ މާއްދާގެ ދަށުން މުޅިން ފުރިހަމަ ނުވާ މައާފު ލިބެނިވި ދިފާއު އެއް އޭނާ އަށް ލިބިގެންވާ ކަމުގައެވެ.

މިގޮތުން ޝަރީއަތް ހިންގުނު ކުށުގެ އަމަލު ހިންގި ކަމުގެ ރިޕޯޓުގައި ބަޔާން ކުރާ ބައެއް ކަންކަމަށް ހަވާލާ ދެމުން ސައީދު ގެ ފަރާތުން ބުނެފައިވަނީ، އޭނާ އެ އަމަލު ހިންގާފައި ވަނީ ގާނޫނީ ގޮތުން ލިބުނު ލަފާގެ މަތިން ކަމަށް އެނގޭ ކަމަށާއި، އެހެން ކަމުން ގާނޫނުލް އުގޫބާތުގެ 1109 ވަނަ މާއްދާގެ (ށ) އަށް ރިއާޔަތް ކޮށް އަސާސީ އަދަބުން 2 ދަރަޖަ ދަށްކޮށް ދިނުމަށް އެދޭ ކަމަށެވެ. އަދި އެގޮތުން ކަނޑައެޅޭ ޖަލުގެ އަދަބުގެ ތިންބައިކުޅަ އެއްބައި ޖުރިމަނާ އަށް ބަދަލު ކޮށްދިނުމަށް ވެސް ފަނޑިޔާރަށް ދެންނެވިއެވެ.

ދެ ފަރާތުގެ ވާހަކަ ތައް އަޑު އެހުމަށް ފަހު ފަނޑިޔާރު ހުކުމް ކަނޑައަޅުއްވަމުން ވިދާޅުވީ، ޕްރޮސެކިއުޓަރުން އަދަބު މަތިވާނެ ހާލަތެއް ނެތް ކަމަށް ބުނި ނަމަވެސް އަދަބު މަތިވާނެ ގިނަ ހާލަތްތަކެއް ހުރިކަން ފާހަގަ ކުރެވޭ ކަމަށެވެ.

އެގޮތުން ފަނޑިޔާރު ވިދާޅުވީ، އެއްބަސްވުން ތަކެއް ހަދައިގެން މަސައްކަތް ނުކުރާ ބަޔަކަށް ގިނަ އަދަދެއްގެ ފައިސާތަކެއް ފެނަކައިގެ އިސް ވެރިން ދީފައިވާ ވާހަކަ ކަމަށެވެ. މި އަމަލުގެ ތެރެއިން 805،600 ރުފިޔާ ދިވެހި ދައުލަތުން ގެއްލުން ވެފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ރައްޔިތުންގެ ފައިސާ އިން ހިންގާ މިފަދަ ކުންފުނިތަކުގެ އިސްވެރިން ހިންގާ ބޮޑެތި ކަރަޕްޝަންގެ އަމަލުތަކުގެ ސަބަބުން އެ ކުންފުނި ތެރޭގައި ވެސް ކަރަޕްޝަން އަށް ދޮރު ހުޅުވި އެ ފަސާދަ ފުޅާވެގެން ދިއުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމުގައި ފަނޑިޔާރު ވިދާޅުވިއެވެ.

ވަކި ބަޔަކަށް ނުހައްގު ފައިދާ ހޯދަން ހިންގާ މިފަދަ އަމަލުތަކުގެ ނަތީޖާ އެއްގެ ގޮތުން ކުންފުނިތަކުގެ ހިންގުމުގެ ޚަރަދު ބޮޑުވާ ކަމަށާއި އެކަން ފޫބެއްދުމަށް ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ އަގު ބޮޑުވެގެންދާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

އާހިރުގައި މިކަމުގެ ތަކުލީފު އުފުލަން ޖެހެނީ ރައްޔިތު މީހާ އަށް ކަމަށާއި، އެހެން ކަމުން މިފަދަ ޚިދުމަތް ފޯރުކޮށްދިނުމަށް ހަދާފައިވާ ކުންފުނިތަކުގެ ވެރިންގެ މައްޗަށް ސާބިތުވާ ކޮރަޕްޝަންގެ މައްސަލަ ތަކުގައި އެކުށާ ގުޅިގެން ދޭން ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ދޭން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ފަނޑިޔާރު އިތުރަށް ވިދާޅުވީ، ދައުލަތުގެ ކުންފުނިތަކުގައި ކަރަޕްޝަން މިވަނީ އާންމުވެފައި ކަމަށާއި، ދައުލަތުގެ ފައިސާ އަށް ޚިޔާނާތްތެރިވެ ކަރަޕްޝަންގެ އަމަލުތައް ހިންގުމަކީ އާދައިގެ މަތިން އާންމު އުސޫލުން ހިންގާ ކަމެއްގެ ގޮތުގައި ބެލެވޭ މިންވަރަށް އެކަން އާންމު ވެއްޖެ ކަމަށެވެ.

ފަނޑިޔާރު އިތުރަށް ވިދާޅުވީ، "މި އަމަލު ހިންގާ މީހުންނަށް އަދަބު ލިބޭތަން ފެންނަނީ ނުހަނު މަދުން،" ކަމަށާއި "އަދި އަދަބު ލިބޭ ނަމަ ލިބޭ އަދަބަކީ ވެސް ނިސްބަތުން ކުޑަ އަދަބަކަށް ވާތީ މިކަން ހިންގާ މީހުންނަށް ލިބޭ ހިތްވަރަކަށް މިކަން ވެއެވެ."

މިކަންކަން މިހެން ހުރުމާއެކު ސައީދުގެ މައްޗަށް ގާނޫނުލް އުގޫބާތުގެ 1003 ވަނަ މާއްދާ އަށް ރިއާޔަތް ކޮށް މިކުށާ ގުޅިގެން ގާނޫނުގައި ކަނޑައެޅިފައިވާ އެންމެ ހަރުކަށި އަދަބު ކަމުގައިވާ 4 އަހަރުގެ ޖަލުގެ އަދަބު ކަނޑައަޅަން ފެނިވަޑައިގަތީ ކަމަށް އިސް ގާޒީ އާދަމް މުހައްމަދު ވިދާޅުވިއެވެ.

- ކޮމެންޓް