އަނިޔާގެ ސަބަބުން ކުރިޔަށް އޮތް މެޗުގައި ޑޭވިޑް ވިޔާ ނުކުޅޭނެ ކަމަށް ސްޕެއިންގެ ފުޓުބޯޅަ އިދާރާއިން ހާމަކޮށްފިއެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި ލިޗްޓެންސްޓައިންއާ ދެކޮޅަށް ސްޕެއިން ކުޅޭ މެޗުން ވިޔާއަށް ފުރުސަތު ގެއްލިފައިވަނީ މި މެޗަށް ތައްޔާރުވުމުގެ ގޮތުން ސްޕެއިން އިން ކުރިޔަށް ގެންދިޔަ ފަރިތަކުރުންތަކުގައި އޭނާގެ "އެޑަކްޓާ މަސަލް" އަށް ލިބުނު އަނިޔާއެއްގެ ސަބަބުންނެވެ.
ޑޭވިޑް ވިޔާ އަލުން އަނބުރާ ސްޕެއިންގެ ސްކޮޑަށް ނަގާފައިވަނީ ތިން އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހުއެވެ. އެގޮތުން ވިޔާ ވަނީ މިދިޔަ ހަފްތާގައި ސްޕެއިން އިޓަލީގެ މައްޗަށް 3-0 އަކުން ކުރި ހޯދި މެޗުގެ ފަހު ވަގުތުގައި ކުޅެފައެވެ.
ސްޕެއިންގެ ރޯޔަލް ފުޓުބޯޅަ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ލިޗްޓެންސްޓައިންއަށް ދަތުރުކުރި ސްޕެއިންގެ ގައުމީ ޓީމުގައި ވިޔާ ހިމެނިފައި ނުވާ ކަމަށާ އޭނާ އެމްއާރްއައި އެއް ހެދުމަށް ސްޕެއިންގައި މަޑުކޮށްފައިވާ ކަމަށެވެ.
ވިޔާއަށް ސްޕެއިންގެ ސްކޮޑުން ފުރުސަތު ދީފައިވަނީ އޭނާގެ ކްލަބުގައި ދައްކަމުން އަންނަ މޮޅު ކުޅުމުގެ ސަބަބުންނެވެ. އެގޮތުން އޭނާ ވަނީ ނިއުޔޯކް ސިޓީ އެފްސީއަށް 19 ލަނޑު ޖަހައިދީ 9 އެސިސްޓް ހަދާފައެވެ.
ޑޭވިޑް ވިޔާ އެންމެ ފަހުން ސްޕެއިންގެ ގައުމީ ޓީމަށް މެޗެއް ކުޅެދީފައި ވަނީ 2014 ވަނަ އަހަރުއެވެ. ޑޭވިޑް ވިޔާއަކީ 2008 ވަނަ އަހަރުގެ ޔޫރޯ އާއި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ސްޕެއިން އަށް ކާމިޔާބުކޮށް ދިނުމުގައި އިސް ރޯލެއް އަދާކުރި ކުޅުންތެރިޔެކެވެ. އޭނާއަކީ ސްޕެއިންގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިޔާއެވެ. އެގޮތުން އޭނާ ވަނީ ސްޕެއިންގެ ގައުމީ ޓީމަށް ކުޅުނު 98 މެޗުގައި 59 ލަނޑު ކާމިޔާބު ކޮށްދީފައެވެ.