ގއ. މާމެންދޫގައި ހިނގި ގުރޫޕް މާރާމާރީއެއްގައި އެރަށު ލިލީ އޮފް ދަ ވެލީ، އަހްމަދު އުދައްޔު މަރާލި މައްސަލައިގައި ދެ މީހުން މަރަން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި މަރުގެ ހުކުމް އިއްވާފައިވަނީ ގއ. މާމެންދޫ، ރިހިފަރުދާގެ، އަޙުމަދު ޝަމީމް އާއި، ގއ. މާމެންދޫ، ގުލްފާމުގެ، މުޙައްމަދު މާޒިންގެ މައްޗަށެވެ. މި ދެމީހުން މަރަން ހުކުމް ކުރީ އުދައްޔުގެ ވާރިސުންގެ ތެރެއިން އެންމެން އެކަމަށް އެއްބަސްވުމާ ގުޅިގެންނެވެ.
މި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލިއެވެ. އެއީ ޝަމީމް އާއި، މާޒިންގެ އިތުރުން ގއ. މާމެންދޫ، ބިލަތްމާގެ، ޝަރަފު ރަޝީދު އާއި 18 އަހަރު ނުފުރޭ ކުޑަކުއްޖެއްގެ މައްޗަށެވެ. މި ކުއްޖާގެ މައްސަލަ ބެލި ޖުވެނައިލް ކޯޓުން ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު 31 ވަނަ ދުވަހު 25 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފައެވެ.
މި މައްސަލައި ގައި ކުރިން ނިމުނު ޝަރީއަތުން، ޝަރަފް ރަޝީދުގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ ސާބިތު ނުވާ ކަމަށް ކޯޓުން ނިންމިއެވެ. ނަމަވެސް މާރާމާރީ ހިންގުމުގެ ކުށް ޝަރަފްގެ މައްޗަށް ސާބިތުވެ، އޭނާ ހަތް އަހަރަށް ޖަލަށްލުމަށް ހުކުމް ކުރިއެވެ. އަދި މާޒިންގެ މައްޗަށް ވެސް މާރާމާރީގެ ކުށް ސާބިތުވެ، 10 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރިއެވެ.