ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު އަށް ހުކުމް އިއްވުމަށްފަހު ހުޅުމާލޭގައި ހުންނަ ޖަލަށް ގެންގޮސްފިއެވެ.
ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ހިފުމުގެ ކުށް ސާބިތުވާ ކަމަށް އާދިއްތަ ދުވަހު މެންދުރު ފަހު ކްރިމިނަލް ކޯޓުން ހުކުމް ކުރުމަށްފަހު ޖަލަށް ގެންދިިޔައީ އޮރިއޮއްސުނު ފަހުންނެވެ. ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ އަދަބެއްގެ ގޮތުގައި ދައުލަތުން 1 އަހަރާއި 7 މަހުގެ ޖަލު ހުކުމެއް އިއްވައިދިނުމަށް އެދުމުންވެސް ސައީދުގެ މައްސަލަ ބެއްލެވި ގާޒީ ވަނީ ސައީދު އަށް 4 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.
ސައީދުގެ އިތުރުން މި މައްސަލައިގައި އެ ކުންފުނީގެ އޭރުގެ ޕްރޮކިއުމަންޓް ހެޑް، މަރިޔަމް ދީނާގެ މައްޗަށް ވެސް ދައުލަތުން ދައުވާ އުފުލާފައިވެއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިންގި ތަހުގީގެއްގެ މައްޗަށް ކުރި އަށް ގެންދިޔަ މި ޝަރީއަތުގައި، ސައީދު ކުރި ކުށެއް ކަމަށް ފާހަގަ ކޮށްފައިވަނީ، 2019 ވަނަ އަހަރުގެ އޭޕްރީލް 25 ގައި ސެޓްލްމަންޓް އެއްބަސްވުމެއް ހަދައި، ބަދަލުގެ ގޮތުގައި 848،000ރ. އެ ކުންފުންޏަށް ދިނުމެވެ.