އިނގިރޭސިވިލާތުގައި ވެރިކަން ކުރަމުން އަންނަ ލޭބާ ޕާޓީގެ ސަރުކާރަށް ދިމާވެފައިވާ އެންމެހައި ގޮންޖެހުން ތަކުން އަރައި ގަނެވޭނެ ކަމަށް، އެ ޕާޓީގެ ލީޑަރު އަދި އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ ވިދާޅުވެއްޖެ އެވެ.
ސްޓާމާ މިހެން ވިދާޅުވެފައި ވަނީ، ލޭބާ ޕާޓީގެ އަހަރީ އާންމު ޖަލްސާގެ ކުރިންނެވެ. އެގޮތުން ސްޓާމާ ވިދާޅުވީ، އޭނާގެ ސަރުކާރަށް މިހާރު ދިމާވެފައިވާ ގޮންޖެހުން ތަކުން އަރައި ގަނެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.
މި ދަނޑިވަޅަކީ ރިފޯމް ޔޫކޭއާ އަޅާ ބަލާއިރު، ލޭބާ ޕާޓީ އަށް ރައްޔިތުންގެ ތާއީދު ދަށްވެފައިވާ ދަނޑިވަޅެއް ކަމަށް ބައެއް ސާވޭ ތަކުން ދައްކަ އެވެ. އަދި ގްރޭޓާ މެންޗެސްޓާގެ މޭޔަރު އެންޑީ ބާންހަން، ލޭބާ ޕާޓީގެ ލީޑާޝިޕް އަށް ކުރިމަތިލައިފާނެ ކަމުގެ ޚަބަރުތައް ފެތުރެމުން އަންނަ ދަނޑިވަޅެއްގައި، ސްޓާމާ ވިދާޅުވީ މިއީ އަތާ އަތް ގުޅާލައިގެން މަސައްކަތް ކުރަންވީ ވަގުތު ކަމަށެވެ.
ރިފޯމް ޔޫކޭގެ ލީޑަރު ނައިޖެލް ފަރާޖްއާ ދެކޮޅަށް ފާޑު ކިޔުންތައް އަމާޒު ކުރަމުން ސްޓާމާ ވިދާޅުވީ، ފަރާޖްގެ ޕާޓީ އިން އިނގިރޭސިވިލާތް ބައިބައި ކޮށްލާނެ ކަމަށެވެ. އެކަން ފާހަގަ ކުރައްވައި ސްޓާމާ ވިދާޅުވީ ލިވަޕޫލްގައި ކުރިއަށްދާ ލޭބާ ޕާޓީގެ އަހަރީ ޖަލްސާ އަކީ ވިހަ އެކުލެވިގެންވާ ބައިބައިވުމާއި، ފަހަތަށް ޖެހުމުގެ ބަދަލުގައި އެހެން ގޮތްތަކެއް ހުށަހެޅުމުގެ ފުރުސަތެއް ކަަމަށެވެ،
މީގެ އިތުރުން، އިމިގްރޭޝަން ސިޔާސަތުތަކ ގުޅޭ ގޮތުން ހޯމް ސެކްރެޓަރީ ޝަބާނާ މަހްމޫދު ވިދާޅުވީ، އިންޑެފިނިޓް ލީވް ޓު ރިމެއިން (އައިއެލްއާރު) ހޯދުމުގެ ޤަވާއިދުތައް ހަރުކަށި ކުރުމަށް ޤާނޫނަށް ބަދަލު ގެންނަން ބޭނުންފުޅުވާ ކަމަށެވެ. އެހެން ނަމަވެސް، ރިފޯމް ޔޫކޭގެ ހުށަހެޅުމާ ޚިލާފަށް، ޤާނޫނީ އިމިގްރޭޝަނަކީ ރަނގަޅު ކަމެއް ކަމަށާއި، ބިދޭސީން މުޖުތަމައު އަށް ކުރާ ހެޔޮ އަސަރުތައް ވެސް ބެލުން މުހިންމު ކަމަށް ހޯމް ސެކްރެޓަރީ ވަނީ ވިދާޅުވެފަ އެވެ.
ލޭބާ ޕާޓީގެ އަހަރީ ޖަލްސާގައި އެ ޕާޓީ އިން އިތުރު އެހެން މައްސަލަތަކަށް ވެސް މަޝްވަރާ ކުރާނެ ކަމަށް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި ދެ ކުދިންނަށް ވުރެ ގިނަ ކުދިން ތިބޭ އާއިލާތަކަށް ދެވޭ އެހީގެ އިސްލާޙާއި، އަދި ޑިޖިޓަލް އައިޑީ ނިޒާމެއްް ތައާރަފު ކުރުމުގެ މައްސަލަތައް ހިމެނޭ ކަމަށް ވަނީ ބުނެފަ އެވެ.