ރައީސް މުހައްމަދު މުއިއްޒުގެ އަމިއްލަ ގެކޮޅު މ. ދިމްޔާތު - ބޭންކު ލޯނެއް ނުނަގާ 15 ބުރިއަށް ހެއްދެވީ ކިހިނެއްތޯ އައްސަވާ އަލީ އާޒިމް ސޯޝަލް މީޑިއާ ގައި ކުރެއްވި ސުވާލަށް ރައީސް އޮފީހުގެ ތަރުޖަމާނު އެއްވެސް އެއްޗެއް ވިދާޅެއް ނުވިއެވެ.
ސެޕްޓެމްބަރު 18 ވަނަ ދުވަހު އެކްސް ގައި މެދު ހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އާޒިމް ވަނީ "ސީރިއަސް ސުވާލުތަކެއް" ކަމަށް ވިދާޅުވެ، ރައީސް މުއިއްޒު އަށް އަމާޒު ކުރައްވާ ސުވާލުތަކެއް ކުރައްވާފައެވެ.
Mr. President Dr. @MMuizzu ,
— 𝐀𝐥𝐢 𝐀𝐳𝐢𝐦 (@aliaazim) September 18, 2025
Serious questions remain unanswered.
How was a 15-storey building in Dhimyath constructed without any bank loan?
How did 5 million enter your bank account during the last two years of your ministerial tenure?
What was the amount you personally…
އާޒިމް ވިދާޅުވީ "ސީީރިއަސް ސުވާލުތަކަށް އަދިވެސް ވަނީ ޖަވާބު ނުލިބި ކަމުގައެވެ.
އާޒިމް އައްސަވާފައި ވަނީ ދިމްޔާތުގައި 15 ބުރީގެ އިމާރާތެއް އެއްވެސް ބޭންކް ލޯނެއް ނެތި އެޅީ ކިހިނެއްތޯ އާއި ރައީސް މުއިއްޒު ވަޒީރުކަމުގެ ދައުރުގެ ފަހު ދެ އަހަރު ތެރޭގައި އެމަނިކުފާނުގެ ބޭންކް އެކައުންޓަށް 5 މިލިއަން ވަންނަން ޖެހުނީ ކިހިނެއްތޯ އެވެ.
އޭގެ އިތުރުން "ނޫމަޑި" ޑީލުން" އެމަނިކުފާނަށް ލިބިވަޑައިގަތީ ކިހާވަރެއްތޯ ވެސް ވަނީ އައްސަވާފައެވެ.
އާޒިމުގެ ސުވާލުތައް ނިންމާލައްވަމުން ވިދާޅުވީ، "މި ސުވާލުތަކަށް ހާމަކަން ބޮޑު ގޮތެއްގައި ޖަވާބު ނުދޭހާ ހިނދަކު، ދިވެހި ރައްޔިތުން މަނިކުފާނަށް ވައްކަމާއި، ކޮރަޕްޝަނާއި، އަނިޔާވެރި ވެރިޔެކޭ،" ގޮވުން ހައްގު ވެގެން ވާ ކަމުގައެވެ.
ރައީސް މުއިއްޒުގެ ގެކޮޅު ހެއްދެވި ގޮތާ ބެހޭ ގޮތުން ސުވާލު އުފެދޭ ގޮތައް މީގެ ކުރިން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
އާޒިމްގެ މި ޕޯސްޓާ ގުޅިގެން ރައީސް މުއިއްޒުގެ ފަރާތުން ކޮމެންޓެއް ހޯދުމަށް ކުރި މަސައްކަތް ކާމިޔާބުވާ ގޮތް ވަނީ ނުވެފައެވެ. ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދުގެ ކޮމެންޓަކަށް ސެޕްޓެމްބަރު 18 ވަނަ ދުވަހު ފޮނުވި ނަމަވެސް މިއަދާ ހަމައަށް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.