2018 ވަނަ އަހަރު ރަޝިއާގައި އޮންނަ ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ފްރާންސް އެއްވަރުވިއިރު ޕޯޗުގަލް މޮޅުވެއްޖެއެވެ.
ފްރާންސްގެ ޓުލޫސްގައި ލަގްޒަމްބާގްއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވެފައި ވަނީ 0-0 ގެ ނަތީޖާއަކުންނެވެ. ދުނިޔޭގެ 136 ވަނައިގައި ރޭންކް ކުރެވިފައިވާ ލަގްޒަމްބާގްއާ ދެކޮޅަށް ފްރާންސްއިން ނެރެފައިވަނީ ވަރުގަދަ ޓީމެކެވެ. އެގޮތުން އެންޓޮއިން ގްރީޒްމަންއާ ޕައުލް ޕޮގްބާއާ އޮލިވިއާ ޖިރޫގެ އިތުރުން ޒުވާން ތަރި ކިލިއަން އެމްބާޕޭވެސް ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ.
އެހެން ނަމެވެސް ފްރާންސްއަށް ލަގްޒަމްބާގްގެ ގޯލު ހުޅުވާލެވިފައެއް ނުވެއެވެ. ލަގްޒަމްބާގުގެ ކީޕަރުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މެޗުގައި ފްރާންސްއިން ފޮނުވާލި ގިނަ ހަމަލާތައް އޭނާވަނީ ދިފާއުކޮށްފައެވެ. އެގޮތުން އޭނާވަނީ މި މެޗުގައި އަށް ސޭވް ކޮށްފައެވެ. މެޗުގެ ފަހު ވަގުތުކޮޅުގައި ލަގްޒަމްބާގަށް ވަނީ ލީޑު ނެގުމަށް ވެސް ފުރުސަތު ލިބި ބޭކާރުވެފައެވެ. އެގޮތުން އެ ޓީމުގެ މިޑްފީލްޑާ ގާސަން ރޮޑްރިގޭޒް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއާއެވެ.
ގްރޫޕް އޭގައި ސުވިޑެންއިން ވަނީ ގައުމުން ބޭރުގައި 4-0 އަކުން ބެލާރޫސް ބަލިކޮށްފައެވެ. އަދި ނެދަލޭންޑްސްއިން ވަނީ އަމިއްލަ ގައުމުގައި 3-1 ބަލްގޭރިއާ ބަލިކޮށް ވޯލްޑް ކަޕަށް ކޮލިފައިވުމުގެ އުއްމީދު ދަމަހައްޓާފައެވެ. މި ގްރޫޕުގެ އެއްވަނައިގައި ފްރާންސް އޮތީ 16 ޕޮއިންޓާއެކުއެވެ. 13 ޕޮއިންޓާއެކު ސުވިޑެންއަށް ދެވަނަ ލިބޭއިރު 12 ޕޮއިންޓާއެކު ތިންވަނައިގައި އޮތީ ބަލްގޭރިއާއެވެ.
ޔޫރަޕުގެ ވޯލްޑް ކަޕް ކޮލިފައިންގެ ގްރޫޕް ބީގައި ޕޯޗުގަލްއާ ހަންގޭރީ ވާދަކުރި މެޗު ޕޯޗުގަލްއިން ކާމިޔާބު ކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. ބުޑަޕެސްޓުގައި ކުޅުނު މެޗުގެ 30 ވަނަ މިނެޓުގައި ހަންގޭރީގެ ފޯވާޑް ޓަމާސް ޕްރިސްކިން ޕޯޗުގަލްގެ ޕެޕޭއަށް އުޅަނބޮށިން ހަމަލާ ދިނުމުން ރެފްރީ ވަނީ އޭނާއަށް ސީދާ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.
މެޗުގެ 60 މިނެޓު ހަންގޭރީއިން ކުޅުނީ 10 ކުޅުންތެރިންނާއެކު ނަމަވެސް ޕޯޗުގަލްއަށް ކާމިޔާބު ކުރެވުނީ އެންމެ ގޯލެކެވެ. ކްރިސްޓިއާނޯ ރޮނާލްޑޯ ނަގައިދިން ހުރަހަކުން ޕޯޗުގަލްއަށް މެޗުގެ ލީޑު ނަގައިދިނީ އެޑްރިއަން ސިލްވާއެވެ.
މި ގްރޫޕުގައި ދެން ކުޅުނު މެޗުތައް ސުވިޒަލޭންޑާ ފެރޯ އައިލެންޑްސްއިން ވަނީ ކާމިޔާބު ކޮށްފައެވެ. އެގޮތުން ގައުމުން ބޭރުގައި ސުވިޒަލޭންޑުން ވަނީ 3-0 ކުން ލެޓްވިއާ ބަލި ކޮށްފައެވެ. އަދި އަމިއްލަ ގައުމުގައި ފެރޯ އައިލެންޑްސް އިން ވަނީ އެންޑޮރާ ގެ މައްޗަށް 1-0 ކުން ކުރި ހޯދާފައެވެ.
ކޮންމެ ގްރޫޕެއްގެވެސް އެއްވަނައަށް ހޮވޭ ޓީމު އަންނަ އަހަރުގެ ވޮލްޑްކަޕަށް އޮޓަމެޓިކްކޮށް ކޮލިފައިވާ އިރު ގްރޫޕް ބީގެ އެއްވަނައިގައި 21 ޕޮއިންޓާއެކު އޮތީ ސުވިޒަލޭންޑެވެ. ޕޯޗުގަލް ދެވަނައިގައި އޮތީ 18 ޕޮއިންޓާއެކުއެވެ. އަދި ތިން ވަނައިގައި އޮތް ހަންގޭރީއަށް ލިބިފައިވަނީ 10 ޕޮއިންޓެވެ.