ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަންނާނެ ކަމަށް ޕޯޗުގަލުން އާދީއްތަ ދުވަހު ބުނެފިއެވެ.
ޕޯޗުގަލުން މި ނިންމުން ނިންމާފައި ވަނީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ވަގުތެއްގައި ބައެއް ހުޅަނގުގެ ޤައުމުތަކުން ފަލަސްތީނު އިސްރާއީލު މައްސަލައިގައި އެ ގައުމުތަކުން ގެންގުޅެމުން އަންނަ ސިޔާސަތު ބަދަލުކުރަން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.
ޕޯޗުގަލްގެ ފޮރިން މިނިސްޓްރީން މިކަން އިއުލާނު ކުރީ ނިއުޔޯކްގައި ބޭއްވުމަށް ހަމަޖެހިފައިވާ އދ.ގެ ޖެނެރަލް އެސެމްބްލީ (ޔޫއެންޖީއޭ) ގެ ކުރިންނެވެ. ފްރާންސް، ޔޫކޭ، ކެނެޑާ އަދި އޮސްޓްރޭލިއާ ވެސް ފަލަސްތީނު ދައުލަތް ބަލައިގަންނަކަން އިއުލާނު ކުރުމަށް ދަނީ ތައްޔާރުވަމުންނެވެ.
އިސްރާއީލުން މިކަން ކުށްވެރިކޮށްފައި ވާއިރު، ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައިވަނީ މިއީ 7 އޮކްޓޯބަރ 2023 ގައި ހަމާސްއިން އިސްރާއީލަށް ދިން ހަމަލާއަށްފަހު "ޓެރަރިޒަމަށް ދެވޭ އިނާމެއް" ކަމަށެވެ.
އިސްރާއީލުގެ އެންމެ ބޮޑު އެކުވެރިޔާ ކަމުގައިވާ އެމެރިކާ އިން ނަތަންޔާހޫގެ ވާހަކަތަކަށް ތާއީދުކޮށްފައިވެއެވެ.
އިނގިރޭސިވިލާތައް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ޑޮނަލްޑް ޓްރަމްޕް، ބޮޑު ވަޒީރު ސަރ ކީރ ސްޓާމާއެކު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އޭނާ ފަލަސްތީނު ދައުލަތް ބަލައިގަތުމަށް ކުރާ އިއުލާނުތަކާ ދެކޮޅު ކަމަށެވެ.
އދ.ގެ 193 މެމްބަރުންގެ ތެރެއިން ގާތްގަނޑަކަށް ހަތަރުބައިކުޅަ ތިންބައި މިހާރުވެސް ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަނެފައިވެއެވެ. 2012 އިން ފެށިގެން އދ. ގައި ފަލަސްތީނަށް ލިބިފައިވަނީ ނޮން- މެމްބަރ އޮބްޒާވަރ ދައުލަތެއްގެ ދަރަޖައެވެ. އދ.ގެ ޖެނެރަލް އެސެމްބްލީގައި ދުނިޔޭގެ ލީޑަރުން އެއްވުމަށް ތައްޔާރުވަމުންދާއިރު، އިސްރާއީލުގެ ޓޭންކުތަކާއި ސިފައިން ޣައްޒާ ސިޓީ އަށް އަރާ ލާއިންސާނީ ވަރުގަދަ ހަމަލާތަކެއް ދަނީ ހުއްޓުމެއްނެތި ދެމުންނެވެ. އަދި އެތައް ލައްކަ މީހުން އެ ސިޓީ ދޫކޮށް ދިއުމަށް ވަނީ މަޖުބޫރު ކޮށްފައެވެ.
އިސްރާއީލުގެ ސިފައިން ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި މަދުވެގެން 65,141 މީހުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ސިއްހަތާ ބެހޭ މިނިސްޓްރީން ބުނެއެވެ.