Advertisement
ކ. މާލެ
|
19 ސެޕްޓެންބަރ 2025 | ހުކުރު 16:59
ނޫސްތަކާއި ނޫސްވެރިންގެ ހިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން
ނޫސްތަކާއި ނޫސްވެރިންގެ ހިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން
ރާއްޖެއެމްވީ
މީޑިއާ ކޮންޓްރޯލް ކުރާ ގާނޫނު
ނޫސްވެރިކަން ކޮންޓްރޯލްކުރާ ކޮމިޝަން ބޮއިކޮޓްކޮށް އެމްޖޭއޭއިން އަމިއްލަ ނިޒާމެއް ހަދަނީ
މީޑިއާ ކޮންޓްރޯލް ކުރުމުގެ ގާނޫނުގެ ދަށުން އުފައްދާ ކޮމިޝަން ބޮއިކޮޓްކުރަން ނޫސްވެރިން ނިންމާފައިވޭ
ފްރީ ޕްރެސް ކައުންސިލް ގެ ނަމުގައި އަމިއްލަ ނިޒާމެއް އުފެއްދުމަށް ފަސް މެންބަރުންގެ ކޮމިޓީއެއް އެކުލަވާލި
ގާނޫނު ބާތިލުކުރުމަށް ކޯޓަށް މައްސަލަ ހުށަހެޅުމަށާއި ފުލުހުންގެ އަނިޔާގެ މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށަހަޅަން ނިންމި

މީޑިއާ ކޮންޓްރޯލް ކުރުމުގެ ގާނޫނުގެ ދަށުން ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާ ކޮމިޝަން ބޮއިކޮޓްކޮށް، ނޫސްވެރިން އަމިއްލަ ނިޒާމެއް ގާއިމުކުރުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ނިންމައިފިއެވެ.

މި ގާނޫނަކީ ސަރުކާރުގެ ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތަކާއި، މަޖިލިސް މެންބަރުންނަށް އާމްދަނީއާ ނުބައްދަލު ފައިސާ ލިބެމުންދާ ވާހަކަތައް އާންމުންނާ ހަމައަށް ނުގެނެވޭ ގޮތަށް ހެދުމަށް ފާސްކޮށްފައިވާ ގާނޫނެކެވެ. ބިލު މަޖިލީހަށް ހުށަހެޅީ ސަރުކާރު އަޑީގައި އޮވެގެންނެވެ. އަދި ބިލު ފާސްކުރުމާއެކު މިއީ ސަރުކާރުން ހުށަހެޅި ބިލެއް ކަމަށް ސަރުކާރުގެ އިސްވެރިން ވަނީ ވިދާޅުވެފައެވެ.

މި ބިލު ތަސްދީގު ކުރެއްވުމާ ގުޅިގެން، އެމްޖޭއޭ އިން ބުރާސްފަތި ދުވަހުގެރޭ ބޭއްވި ކުއްލި ބައްދަލުވުމުގައި، ދާއިރާގެ ބޭފުޅުންނާއި ޖަމިއްޔާގެ މެންބަރުންގެ މަޝްވަރާ ހޯދައި، މުހިންމު ނިންމުންތަކެއް ވަނީ ނިންމާފައެވެ. މީގެ ތެރޭގައި އާ ގާނޫނުގެ ދަށުން އުފައްދާ ކޮމިޝަންގެ އިންތިހާބު ބޮއިކޮޓްކުރުމަށް ބާރުއެޅުމާއި، އަމިއްލައަށް ރެގިއުލޭޓްކުރެވޭނެ ނިޒާމެއް އެކުލަވާލުމުގެ މަސައްކަތް ފެށުން ހިމެނެއެވެ.

މީގެ އިތުރުން، މި ގާނޫނު ބާތިލުކުރުމަށް ކޯޓަށް މައްސަލަ ހުށަހެޅުމަށާއި، ބިލު ފާސްކުރި ދުވަހު ނޫސްވެރިންނަށް ފުލުހުން ކުރި އަނިޔާތަކުގެ މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމަށްވެސް ވަނީ ނިންމާފައެވެ.

"ފްރީ ޕްރެސް ކައުންސިލް" ގެ ނަމުގައި އަމިއްލަ ނިޒާމެއް އުފެއްދުމަށް ބައްދަލުވުމުގައި ފާސްކޮށް، އެކަމުގެ އިދާރީ މަސައްކަތްތައް ކުރުމަށް ފަސް މެންބަރުންގެ ކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ.

ކޮމިޓީގައި ހިމެނެނީ

  • ދައުރު ނޫހުގެ އަހުމަދު ޒާހިރު (ހިރިގާ)
  • އެމްޖޭއޭގެ ކޮންސަލްޓަންޓު ⁠މުހަމަދު ޖުނައިދު
  • މިހާރު ނޫހުގެ ⁠⁠މުހައްމަދު ހަމްދޫން
  • އައިޝަތު ޝިއުރާ
  • ⁠މިހާރު ނޫހުގެ ނާޒިމް ހަސަން

ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން ގޮވާލާފައިވަނީ އާ ގާނޫނަށް އަމަލުނުކުރުމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ބިލު ވެއްދުމާއެކު އަޑުއުފުލި ގޮތަށް، އެ އަޑު އުފުލުމުގައި ދެމިތިބުމަށްވެސް ބައިވެރިން ވަނީ ގޮވާލާފައެވެ.

މި ގާނޫނު ތަސްދީގު ކުރުމާއެކު ޤާނޫނު ނަންބަރު 78/47 (ނޫސް މަޖައްލާ ފަދަ ތަކެތީގެ ޤާނޫނު) އާއި ޤާނޫނު ނަންބަރު 2008/15 (މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނު) ވަނީ އުވިފައެވެ. އަދި ޤާނޫނު ނަންބަރު 2008/15 (މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނު) ގެ ދަށުން އުފައްދައިފައިވާ "މޯލްޑިވްސް މީޑިއާ ކައުންސިލު" އާއި ޤާނޫނު ނަންބަރު 2010/16 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ ދަށުން އުފައްދާފައިވާ "މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން" ވެސް އުވިއްޖެއެވެ.

އަދި މީޑިއާ ކޮންޓްރޯލް ކުރާ ގާނޫނުގެ 4 ވަނަ މާއްދާއާއި އެއްގޮތަށް "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން" ގެ ނަމުގައި ދައުލަތުގެ އޮފީހެއް ރައީސް މުއިއްޒު ވަނީ އުފައްދަވާފައެވެ.

- ކޮމެންޓް