ވަދާވެރި ރިޔާސީ އިންތިޙާބެއް 2018 ވަނަ އަހަރު ބާއްވައިފިނަމަ ފަސް ޕަސެންޓް ވޯޓް ވެސް ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިނުގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި އާދީއްތަ ދުވަހުގެ ރޭ ފަލާހް ވިދާޅުވީ ރާއްޖޭގެ އާބާދީގެ 95 ޕަސަންޓު ރައްޔިތުން ތާއީދުކުރައްވަނީ އިދިކޮޅު ފަރާތްތަކަށް ކަމަށެވެ.
ތަރައްޤީގެ ބޯޑު އަޅުއްވައިގެން ރައީސް ޔާމީން އުޅުއްވަނީ އެއީ ހެޔޮވެރިކަމެއް ކަމަށް ރައްޔިތުންނަށް ދެއްކުމަށްޓަކައި ކަމަށް ފަލާހު ވިދާޅުވިއެވެ. ނަމަވެސް، ރާއްޖޭގެ ރައްޔިތުންނަށް ވަޢުދު ވެޑަވަޑައިގެންނެވި ކަންކަން މި ސަރުކާރުން ކޮށްދީފައި ނުވާ ކަމަށާއި ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި މި ސަރުކާރުން ކަންތައްތައް ކުރައްވާ ނަމަ އެއީ ބޮޑު ގޯހެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އަދިވެސް މި ސަރުކާރަށް ހެޔޮވެރިކަމެއް ކުރެއްވުމުގެ ފުރުސަތު އެބައޮތް. ރުޖޫޢަ ވެވަޑައިގަންނަވާ. އަޅުގަނޑުމެންނަށް ފެނިގެން މިދަނީ މި ސަރުކާރުން ގިނަ ބަޔަކަށް ވަރަށް ބޮޑެތި އަނިޔާ ދެމުންދާ މަންޒަރު،" ފަލާހް ވިދާޅުވިއެވެ.
ފަލާހް ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބުގައި ރައީސް ޔާމީންއާ ވާދަކުރައްވާނެ ކަމަށް ހީފުޅުވެލައްވާ ކޮންމެ މީހަކު ޖަލަށް ލައްވާ ކަމަށާއި ރައީސް ނަޝީދާ އާއި އަދާލަތު ޕާޓީގެ ރައީސް ޝެއިޙް އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ފަދަ ބޭފުޅުންނަށް ނުޙައްޤުން ހުކުމްކުރައްވާ، ބައެއް ބޭފުޅުން ޖަލަށް ލައްވާފައިވާ ކަމަށެވެ.
ރައީސް ޔާމީން ދައްކަވާ ވާހަކަފުޅުތަކާއީ އަމަލު ދިމާނުވާކަން ފާހަގަކުރައްވާ ފަލާހު ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ހޮވިވަޑައިގަތުމުގެ ކުރިން މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމްއަށް ކުރިން ކުރިމަތިލައްވަން ޖެހިވަޑައިގަތް އެއްވެސް ކަމެއް ރައީސް ޔާމީންގެ ވެރިކަމެއްގައި ކުރިމަތި ލައްވަން ޖެހިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވި ކަމަށެވެ. އެހެންނަމަވެސް ކަންތައް ވެގެންދިޔައީ ދިމާ އިދިކޮޅަށް ކަމަށް ފަލާހް ވިދާޅުވިއެވެ. މި ސަރުކާރުން ގާސިމްގެ މައްޗަށް ރިޝްވަތު ހުށަހެޅިކަމުގެ ތުހްމަތުކޮށް، ހައްޔަރުކުރި އެވެ. އަދި އެއަށް ފަހު ދައުވާކޮށް، ޣައިރު ހާޒިރުގައި ތިން އަހަރާއި ދެ މަހާ 12 ދުވަހަށް ވަނީ ޖަލަށް ލުމަށް ހުކުމްކޮށްފަ އެވެ. ނަމަވެސް ގާސިމްގެ ސިއްހީ ހާލަތު ގޯސްވުމުގެ ސަބަބުން ހުކުމްކުރި ދުވަހުން ފެށިގެން ގާސިމަށް އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ދަނީ ފަރުވާ ދެމުންނެވެ.