ޖަންކްޝަން ފުރި މަގުމައްޗަށް ނަޖިސް ބޭރުވި މައްސަލައަށް ވަގުތުން ހައްލުކުރި ކަމަށް މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ބުނެފިއެވެ.
އާދިއްތަ ދުވަހުގެ ރޭ ކުރި ޓުވީޓެއްގައި އެކުންފުނިން ބުނެފައިވަނީ އާދިއްތަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި އޯކިޑް މަގުގައި ޖަންކްޝަން ފުރި މަގުމައްޗަށް ނަޖިސް ބޭރުވި މައްސަލައަށް އެމްޑަބްލިޔުއެސްސީ ޓީމުން ވަގުތުން އެ ސަރަހައްދަށް ގޮސް، ވިއްސަކަށް މިނެޓް ތެރޭގައި މައްސަލަ ހައްލުކޮށްފައިވާ ކަމަށެވެ.
— MWSC (@MWSC_Official) September 3, 2017
އާންމު ރައްޔިތުން އެ ކުންފުނީގެ ސަމާލުކަމަށް އެ މައްސަލަ ގެނައުމުން އެ ކުންފުނިން ވަނީ އާންމުންނަށް ޝުކުރު އަދާކޮށްފައެވެ.
ކުރިއަށް އޮތް 50 އަހަރު ދުވަހަށް އަމާޒުކޮށްގެން މާލޭގެ ނަރުދަމާ ނިޒާމު ތަރައްގީ ކުރުމަށް އެމްޑަބްލިޔުއެސްސީ އިން ވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި އެކަމުގެ އަމަލީ މަސައްކަތް ފަށައިފައެވެ. އެ މަސައްކަތަކީ 75 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
އެ މަސައްކަތުގެ ތެރޭގައި މާލޭގެ މަގުތަކުގައި ވަޅުލާފައި ހުރި ނަޖިސް ޖަންކްޝަންތައް ފުރިގެން، މަގުތަކަށް ނަޖިސް ލީކުވުން ހުއްޓުވުމަށްޓަކައި ޚާއްސަ މަސައްކަތްތަކެއް ކުރުން ހިމެނެއެވެ. ރަނގަޅަށް ނަޖިސް ފްލޯ ނުވުމުގެ ސަބަބުން މަގުތަކަށް ނަޖިސް ލީކުވާ ނަމަވެސް، އެމްޑަބްލިއުއެސްސީން އޭރު ނިންމީ އެއް ޖަންކްޝަން އަނެއް ޖަންކްޝަނާ ގުޅުވުމަށް މިހާރު އަޅާފައި ހުރި ހޮޅިތަކަށް ވުރެ ތަންކޮޅެއް މަތިން އިތުރު ހޮޅި ލައިނެއް އެޅުމަށެވެ.