އަލްހާ އީދާ ދިމާކޮށް ޅ.ކުރެންދޫގައި ބާއްވަމުން އަންނަ ކުރެންދޫ ފުޓްސަލް ކަޕްގެ ސެމީއަށް ދިޔަ ޓީމުތައް ކަށަވަރުވެއްޖެ އެވެ.
އާދީއްތަ ދުވަހު ކުޅުނު މެޗުތަކަށް ފަހު ސެމީއަށް ދަތުރު ކޮށްފައިވަނީ އެފްސީ ކަހާނީ، އެފްސީ ބަދަވީން، އެފްސީ ކަލަމިންޖާ އަދި ޒިފިއަސް ޔޫތް ޒެސްޓް އެވެ.
މުބާރާތުގެ ސެމީއަށް އެފްސީ ކަހާނީ ދަތުރުކުރީ ގްރޫޕް އޭގައި ކުޅުނު ތިން މެޗު ހަތް ޕޮއިންޓް ހޯދާ ލަނޑުގެ ތަފާތުންނެވެ. އެފްސީ ބަދަވީން ސެމީ އަށް ދަތުރުކުރީ ކަހާނީއާ އެއް އަދަދަކަށް ޕޮއިންޓް ހޯދާ ލަނޑުގެ ތަފާތުން ގްރޫޕްގެ ދެވަނަ ހޯދައިގެންނެވެ.
ގްރޫޕް ބީ އިން ކަލަމިންޖާ ސެމީގެ ޖާގަ ކަށަވަރު ކުރީ ކުޅުނު ހުރިހާ މެޗެއް ވެސް ކާމިޔާބުކޮށް ނުވަ ޕޮއިންޓާއެކުގައެވެ. މި ގްރޫޕްގައި ހިމެނޭ ޒިފިއަސް ޔޫތް ޒެސްޓް، ރާކާ އެސްސީ އަދި ޅަސިއަންސް އަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ. އެގޮތުން ސެމީއަށް ދަތުރުކުރީ ލަނޑުގެ ތަފާތުން ޒެފިއަސް ޔޫތް ޒެސްޓް އެވެ.
މުބާރާތުގެ ސެމީގެ މެޗުތައް ހޯމަ ދުވަހު ކުޅޭ އިރު، ފުރަތަމަ ސެމީގައި ބައްދަލު ކުރާނީ އެފްސީ ކަހާނީ އަދި ޒިފިއަސް ޔޫތް ޒެސްޓް އެވެ. ދެވަނަ ސެމީގައި ބައްދަލުކުރާނީ އެފްސީ ބަދަވީން އަދި ކަލަމިންޖާ އެވެ.
މި މުބާރާތަކީ 2015 ވަނަ އަހަރުން ފެށިގެން ކުރެންދޫގައި ބާއްވަމުން އަންނަ މުބާރާތެވެ. މިފަހަރު މުބާރާތުގައި ޖުމްލަ 8 ޓީމު ދެ ގްރޫޕަކަށް ބަހާލާފައިވާއިރު، ސެމީއަށް ދަތުރު ކުރާނީ ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމެވެ.