ކ. މާލެ
|
3 ސެޕްޓެންބަރ 2017 | އާދީއްތަ 16:11
ސުވިޒަލޭންޑުގެ ރޯޖާ ފެޑެރާ
ސުވިޒަލޭންޑުގެ ރޯޖާ ފެޑެރާ
ދި ގާޑިއަން
ޔޫއެސް އޯޕަން
ޔޫއެސް އޯޕަން: ފެޑެރާ އަދި ނަދާލް ގަދަ 16 އަށް
ރޯޖާ ފެޑެރާ ގަދަ 16އިގެ ޖާގައެއް ކަށަވަރު ކުރީ ސްޕެއިންގެ ފެލީސިއާނޯ ލޮޕޭޒް ސީދާ ތިން ސެޓުން ބަލިކޮށްގެން
ރަފައޭލް ނަދާލް ގަދަ 16އިގެ ޖާގައެއް ކަށަވަރު ކުރީ އާޖެންޓީނާގެ ލިއޮނާޑޯ މޭޔާ ތިން ސެޓު އެއް ސެޓުން ބަލިކޮށްގެން

ޔޫއެސް އޯޕަން ޓެނިސް ޗެމްޕިއަންޝިޕުގެ ގަދަ 16 އަށް ރަފައޭލް ނަދާލް އަދި ރޯޖާ ފެޑެރާ ދަތުރު ކޮށްފިއެވެ.

ފުރަތަމަ ދެ މެޗު ފަސް ސެޓަށް ގޮސްގެން ކާމިޔާބު ކުރަން ޖެހުނު ނަމަވެސް ސުވިޒަލޭންޑުގެ ރޯޖާ ފެޑެރާ ގަދަ 16 ގެ ޖާގައެއް ކަށަވަރު ކުރީ ސްޕެއިންގެ ފެލީސިއާނޯ ލޮޕޭޒް ސީދާ ތިން ސެޓުން ބަލި ކޮށްގެންނެވެ.

އެއް ގަޑިއިރާ 46 މިނެޓަށް ދިގު ދެމިގެން ދިޔަ މެޗުގެ ސެޓުތައް ފެޑެރާ ގެންދިޔައީ 6-3، 6-3 އަދި 7-5 އަކުންނެވެ. ޔޫއެސް އޯޕަން ޓެނިސް މުބާރާތް ފަސް ފަހަރު ކާމިޔާބު ކޮށްފައިވާ ފެޑެރާ ގަދަ 16 ގައި ވާދަ ކުރަން ޖެހޭނީ ޖަރުމަނުގެ ފިލިޕް ކޯލްޝްރައިބާއާއެވެ.

އޭޓީޕީ ޓެނިސް ރޭންކިންގެ އެއްވަނައިގައި މިވަގުތު ރޭންކް ކުރެވިފައިވާ ސްޕެއިންގެ ރަފައޭލް ނަދާލް ގަދަ 16 ގެ ޖާގައެއް ކަށަވަރު ކުރީ އާޖެންޓީނާގެ ލިއޮނާޑޯ މޭޔާ ތިން ސެޓު އެއް ސެޓުން ބަލި ކޮށްގެންނެވެ. ފުރަތަމަ ސެޓު 7-6 އަކުން މޭޔާ ގެންދިޔަ ނަމަވެސް ނަދާލް ވަނީ ފަހު ތިން ސެޓު، 6-3، 6-1 އަދި 6-4 އަކުން ގެންގޮސް މެޗު ކާމިޔާބު ކޮށްފައެވެ. ރައުންޑް އޮފް 16 ގައި ނަދާލް ވާދަކުރަން ޖެހޭނީ ޔޫކްރެއިންގެ އެލެކްސެންޑާ ޑޮލްގޮޕްލޯވްއާއެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ނަދާލް ބުނީ ވަރުގަދަ މެޗުތައް ކުޅެން ލިބުމަކީ މުބާރާތުގައި ކުރިޔަށް ދިޔުމަށް ލިބޭ ހިތްވަރެއް ކަމަށާއި ޖެހިޖެހިގެން ތިން މެޗު ކާމިޔާބު ކުރެވުމަކީ ވަރަށް ހިތްހަމަޖެހޭ ކަމެއް ކަމަށެވެ. އަދި ރައުންޑް އޮފް 16 ގައި ވާދަކުރަން ޖެހެނީ ވަރަށް ހުނަރުވެރި މޮޅު ކުޅުންތެރިޔަކާ ކަމަށާއި އެ މެޗަށް ވަރަށް ފުރިހަމައަށް ތައްޔާރުވާނެ ކަމަށް ނަދާލް ބުންޏެވެ.  

ޑޮލްގޮޕްލޯވް ގަދަ 16 ގެ ޖާގައެއް ކަށަވަރު ކުރީ ސާބިއާގެ ވިކްޓޯ ޓްރިއޯކީ ސީދާ ތިން ސެޓުން ބަލި ކޮށްގެންނެވެ. އާޖެންޓީނާގެ ހުއާން މާޓިން ޑެލްޕޮޓްރޯ ވެސް ވަނީ ސީދާ ތިން ސެޓުން 11 ވަނައަށް ސީޑު ކުރެވިފައިވާ ރޮބާޓޯ ބައުޓިސްޓާ ބަލިކޮށް ގަދަ 16 އަށް ދަތުރު ކޮށްފައެވެ.

މުބާރާތުގެ ހަވަނައަށް ސީޑު ކުރެވިފައިވާ  ޑޮމިނިކް ތިއެމް ވެސް ވަނީ ސީދާ ތިން ސެޓުން އެޑްރިއަން މަނާރިއަނޯ ބަލިކޮށް ގަދަ 16 އިގެ ޖާގައެއް  ކަށަވަރު ކޮށްފައެވެ. ހަމައެހެންމެ ރަޝިއާގެ އަންދްރޭ ރުބްލޭވް ވެސް ވަނީ ތިން ސެޓު އެއް ސެޓުން ޑާމިރް ޑުޒްމުހޫރް ބަލިކޮށް ގަދަ 16 އަށް ދަތުރު ކޮށްފައެވެ.

- ކޮމެންޓް