އއ. ބޮޑުފޮޅުދޫއަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ ރަށު އިސްރައްވެހިންނާއި ޚާއްސަ އެހީ އާއި ރައްކާތެރިކަމަށް ބޭނުންވާ ފަރާތްތަކަށް ޒިޔާރަތް ކުރައްވައިފިއެވެ.
ރައީސް ޞާލިހް ވަނީ އެފަރާތް ތަކުގެ ހާލު އޮޅުންފިލުއްވައި ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ. ރައީސް ޞާލިހު ގެ މިޒިޔާރަތުން، އެބޭފުޅުންނާއި ރައީސް ޞާލިހްއާ އޮންނަ ގާތް ގުޅުން ވަރަށް ރަނގަޅަށް ފެނިގެން ގޮސްފައިވެއެވެ.
އެފަރާތްތަކުގެ ގޭގެޔަށް ވަކިވަކިން ވަޑައިގެން ރައީސް ސާލިހް ވަނީ އެފަރާތްތަކާއެކު އުފާވެރި ވަގުތު ކޮޅެއް ހޭދަކުރަށްވާފައެެވެ. ރަޢީސް ޞާލިހު އަކީ އަބަދުވެސް ބޮޑުފޮޅުދޫގެ އިސްރައްވެހިންނާއި، ޚާއްސަ އެހީ އާއި ރައްކާތެރިކަމަށް ބޭނުންވާ ފަރާތްތަކާ ޚާއްސަ ގާތް ގުޅުމެއް ބާއްވާ ބޭފުޅެއްކަން ބައްދަލުރި ފަރާތްތަކުގެ އާއިލާތަކުން ބުނެފައިވެއެވެ.
ވެރިކަމުން ފައިބާވަޑައިގަތުމަށްފަހުވެސް މިގުޅުމަށް ބަދަލެއް އައިސްފައި ނުވާކަން އެފަރާތްތަކުން ފާހަގަކޮށްފައިވެއެެވެ.
ރައީސް ޞާލިހުގެ މި ދަތުރުފުޅަކީ ބޮޑުފުޅަދޫގެ އެމްޑީޕީ މެމްބަރުންގެ ޚާއްސަ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސް ސާލިހް ބުރާސްފަތި ދުވަހު ހަވީރު ބޮޑުފޮޅުދޫ އަށް ވަޑައިގެންނެވި އިރު އެމަނިކުފާނަށް ވަނީ އެރަށުން ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
މިދަތުރުފުޅުގައި ބޮޑުފޮޅުދޫ ކައުންސިލުން ވަނީ ޚާއްސަ ހަފްލާއެއް ބާއްވާ، އއ. ބޮޑުފޮޅުދޫ ކައުންސިލުން އެރުވޭ ޚިދުމަތުގެ އެންމެ މަތީ ޝަރަފުގެ އައްޑަނަ ރައީސް ޞާލިހަށް އަރުވާފައެވެ. މި އައްޑަނަ ރައީސް ޞާލިހަށް އެރުވީ އެމަނިކުފާނުގެ ވެރިކަމުގައި ބޮޑުފޮޅުދޫގެ ތަރައްޤީއަށް ކުރިމަގަށްޓަކައި ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ކަމަށް ކައުންސިލު އިން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ރައީސް ސާލިހުގެ މި ދަތުރުފުޅުގައި ވަނީ ބޮޑުފޮޅުދޫ ރައްޔިތުންނާ ބައްދަލު ކުރުމަށް އެރަށު ބަނދަރު ސަރަހައްދުގައި ބޭއްވި ޖަލްސާގަވެސް ބައިވެރިވެވަޑައިގެންފައެވެ.
ރައީސް ޞާލިހުގެ ސަރުކާރުގައި ވަނީ ބޮޑުފުޅަދޫގައި ތަރައްގީގެ ގިނަ މަޝްރޫއު ތަކެއް ކުރިޔަށް ގެންގޮސްފައެެވެ. މިގޮތުން ބޮޑުފުޅަދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ފެއްޓެވުމާއި، 300 މީހުންގެ ޖާގައިގެ މިސްކިތެއް އެޅުމާއި ސިއްހީ މަރުކަޒުގައި ލެބޯޓަރީގެ ހިދުމަތް ގާއިމް ކުރުން ހިމެނެއެވެ.
ބޮޑުފުޅަދޫގައި ރައީސް ޞާލިހުގެ ސަރުކާރުން ކުރެއްވި އެންމެ މުހިންމު ކަމެއްގެ ގޮތުގައު އެރަށު ރައްޔިތުން ފާހަގަކުރާ ކަމަކީ ރަށުގެ ބިން ހިއްކުމެވެ. ބިން ހިއްކުމާއެކު، ތިރީހަކަށް އަހަރަށްފަހު ބޮޑުފުޅަދޫ ރައްޔިތުން އަމިއްލަ ރަށުން ގޯތި ލިބުމަށް އެދި ދެކެމުން އައި ހުވަފެން ވަނީ ހަގީގަތަކަށްވެފައެެވެ.