މިސަރުކާރުން މިހާރު ގެންގުޅޭ ވިސްނުން ބަދަލުކުރައްވާ، ރައްޔިތުންނަށް ކޮންމެހެން ބޭނުންޖެހިފައިވާ މަޝްރޫއުތައް ކުރިއަށްގެންދެވުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިސަރުކާރަށް ގޮވާލައްވައިފި އެވެ.
އއ. ބޮޑުފޮޅުދޫއަށް ވަޑައިގެން، ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، އެމްޑީޕީ ސަރުކާރުން މަސައްކަތްކުރީ، ރައްޔިތުންނާއި ގާތުން ރައްޔިތުންނަށް އެންމެ ބޭނުންޖެހިފައިވާ މަޝްރޫއުތައް ކުރިއަށްގެންދިއުމަށް ކަމަށާއި އެހެން ނަމަވެސް މިއަދު ފެނިގެންދަނީ އެމްޑީޕީ ސަރުކާރުން ފައްޓާފައިވާ މަޝްރޫއުތައްވެސް، މިސަރުކާރު އައި ފަހުން މަޑު ޖައްސާލާފައިވާތަން ކަމަށެ އެވެ.
އެގޮތުން ބޮޑުފޮޅުދޫގައި އެމްޑީޕީގެ ސަރުކާރުން ފައްޓާފައިވާ މަޝްރޫއުތަކުގެ ފެނާއި ނަރުދަމާގެ މަޝްރޫއު ހުއްޓުމަކަށް އައިސްފައިވާތީ އެކަމަށް އިޝާރާތްކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، ރާއްޖޭގެ ކޮންމެ ދިމާލަކަށް ބަލާލިކަމުގައިވިޔަސް މިއަދު ފެންނަމުންދަނީ މި މަންޒަރު ކަމަށެ އެވެ. އެހެންކަމުން މިއަދުގެ ސަރުކާރުގެ ވިސްނުން ބަދަލުކޮށް ރައްޔިތުންނަށް ބޭނުން ޖެހިފައިވާ މަޝްރޫއުތައް ވީހާވެސް އަވަހަކަށް ފައްޓަވައިދެއްވުމަށް ރައީސް ޞާލިޙް ވަނީ އެދިވަޑައިގެންފަ އެވެ.
ރައީސް ޞާލިޙް ބޮޑުފޮޅުދޫ އަށް ވަޑައިގެންނެވީ އެރަށު ކައުންސިލުގެ ދައުވަތަކަށް ބުރާސްފަތި ދުވަހު ހަވީރު އެވެ. ރައީސް ޞާލިޙްގެ މިދަތުރުފުޅުގައިވަނީ ބޮޑުފޮޅުދޫ ކައުންސިލުން އެރުވޭ ޚިދުމަތުގެ އެންމެ މަތީ ޝަރަފުގެ އައްޑަނަ އެމަނިކުފާނަށް އަރުވާފަ އެވެ. މިކަމަށްޓަކައި އެރަށު ބަނދަރު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި އައްޑަނައާއި ހަވާލުވެވަޑައިގެންނެވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ބޮޑުފޮޅުދޫއަށް އާދެވުމުން އިހްސާސްކުރެވުނީ އަމިއްލަ ރަށަށް ދެވުނު ކަހަލަ އިހްސާސެއް ކަމަށާއި ރަށުގެ ރައްޔިތުން ނިކުމެ އެމަނިކުފާނަށް ކީ މަރުހަބާއަށް ވަނީ ޝުކުރު އަދާ ކޮށްފައެވެ.
އަދި ބޮޑުފޮޅުދޫ ކައުންސިލުން އެރުވި ޚިދުމަތުގެ ޝަރަފްގެ އައްޑަނައަށް އިޝާރާތްކުރައްވާ ރައީސް ޞާލިޙް ވިދާޅުވީ، މިފަދަ އައްޑަނަ އަކުން އެނގިގެންދަނީ އެމްޑީޕީގެ ސަރުކާރުގައި ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ސަރުކާރާއި ކެބިނެޓާއި، މަޖިލިސް މެމްބަރުން ކޮށްދެއްވާފައިވާ މަސައްކަތް ކަމަށާއި މިއަދު އެކަމުގެ އިހްސާސްކުރެވޭ ކަމަށެއެވެ. އަދި މިއައްޑަނައަކީ އެހުރިހާ ފަރާތްތަކެއްގެ ޝާމިލްވުން ހިމެނޭ ކަމެއް ކަމަށާއި އެމްޑީޕީން ރައްޔިތުންނަށް ކޮށްދީފައިވާ މަސައްކަތުގެ އަގު ރައްޔިތުން ބަލައިގަންނަ ކަމަށް ރައީސް ޞާލިޙް ވިދާޅުވި އެވެ.
އަދި މިސަރުކާރު ވެރިކަމަށް އައުމަށްފަހު ފާސްކުރި ބޮޑެތި ބަޖެޓްތައް ހުސްވެގެންދިޔައީ ރައްޔިތުންނަށް އެއްވެސް ކަމެއްކޮށް ނުދީ ކަމަށާއި އެފާއިސާއަށް ވީގޮތް ރައްޔިތުންނަށް ސާފުކޮށްދޭންޖެހޭނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވި އެވެ.
މިސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ވިދާޅުވަމުން ރައީސް ޞާލިޙްވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުއްޓިފައިވާ މަޝްރޫއުތަކުގެ މަސައްކަތް އަވަހަށް ފައްޓަވައި ރައްޔިތުންނާއި ގާތުން ޙިދުމަތް ދިނުމަށް މިސަރުކާރަށް ގޮވާލާ ގޮވާލުން ތަކުރާރު ކުރައްވާފަ އެވެ.