އއ. ބޮޑުފޮޅުދޫއިން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެެވެ.
ރައީސް ސާލިހަށް މަރުހަބާ ދެންނެވުމަށް ބޮޑުފޮޅުދޫގެ ކުދި ބޮޑު ގިނަ ރައްޔިތުންތަކެއްވަނީ އެރަށު ބަނދަރު ސަރަހައްދަށް ޖަމާވެފައެވެ. ރައީސް ޞާލިހަށް މަރުހަބާ ދެެންނެވުމުގައި ބޮޑުފޮޅުދޫ ރަށުކައުންސިލުގެ މެމްބަރުން އަދި މުއައްސަސާތަކުގެ އިސްވެެރިންވެސް ބައިވެރިވެވަޑައިގެންފައިވެއެެވެ.
ރައީސް ސާލިހް ބުރާސްފަތި ދުވަހު ހަވީރު ބޮޑު ފޮޅުދޫ އަށް ވަޑައިގެންނެވި އިރު ރަށުގެ ބަނދަރުމަތީގައި ގިޑިގެ ހަދާ، ދިދަފަތި ތަކުން ޒީނަތްތެރި ކޮށް މަރުހަބާގެ ލަވަތައް ހުރީ ޖަހާފައެވެ.
މިއީ ބޮޑުފޮޅުދޫގެ އެމްޑީޕީ މެމްބަރުންގެ ދައުވަތަކަށް ރައީސް ޞާލިހް ކުރައްވާ ދަތުރުފުޅެކެވެ. ބޮޑުފޮޅުދޫއަށް އަށް ރައީސް ޞާލިޙު ކުރައްވާ މި ދަތުރުފުގައި އެމަނިކުފާނުގެ އަރިހުގައި ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާގެ އިތުރުން، އަލިފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ރަޝީދު ޙުސެއިން (ބިގޭ) ވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ.
މިދަތުރުފުޅުގައި ރައީސް ޞާލިހު، ބޮޑުފޮޅުދޫގެ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރައްވަން ހަމަޖެހިފައިވެއެެވެ. އަދި ބޮޑުފޮޅުދޫގެ އިސްރައްވެހިންނާއި ޚާއްސަ އެހީއާއި ރައްކާތެރިކަމަަށް ބޭނުންވާ ފަރާތްތަކަށް ރައީސް ޞާލިހުގެ މި ދަތުރުފުޅުގައި ޒިޔާރަތް ކުރެއްވުމަށްވެސް ހަމޖެހިފައިވެއެވެ.
މައުލޫމާތު ލިބިފައިވާގޮތުން މިދަތުރުފުޅުގައި، ބޮޑުފޮޅުދޫ ކައުންސިލްގެ ފަރާތުން ރައީސް ޞާލިހުގެ ވެރިކަމުގައި ބޮޑުފޮޅުދޫއަށް ގެނެސްދީފައިވާ ތަރައްގީގެ އަގު ވަޒަންކުރުމުގެ ގޮތުން ޚާއްސާ އެވޯޑެއް ދެއްވުމަށް ހަމަޖެހިފައިވެއެެވެ.
ރައީސް ޞާލިހުގެ ސަރުކާރުގައި ވަނީ ބޮޑުފޮޅުދޫގައި ތަރައްގީގެ ގިނަ މަޝްރޫއު ތަކެއް ކުރިޔަށް ގެންގޮސްފައެެވެ. މިގޮތުން ބޮޑުފޮޅުދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ފެއްޓެވުމާއި، 300 މީހުންގެ ޖާގައިގެ މިސްކިތެއް އެޅުމާއި ސިއްހީ މަރުކަޒުގައި ލެބޯޓަރީގެ ހިދުމަތް ގާއިމް ކުރުން ހިމެނެއެވެ.
ބޮޑޮފޮޅުދޫގައި ރައީސް ޞާލިހުގެ ސަރުކާރުން ކުރެއްވި އެންމެ މުހިންމު ކަމެއްގެ ގޮތުގައު އެރަށު ރައްޔިތުން ފާހަގަކުރާ ކަމަކީ ރަށުގެ ބިން ހިއްކުމެވެ. ބިން ހިއްކުމާއެކު، ތިރީހަކަށް އަހަރަށްފަހު ބޮޑޮފޮޅުދޫ ރައްޔިތުން އަމިއްލަ ރަށުން ގޯތި ލިބުމަށްއެދި ދެކެމުން އައި ހުވަފެން ވަނީ ހަގީގަތަކަށްވެފައެެވެ.
ރައީސް ޞާލިހު ބޮޑުފޮޅުދޫ އަށް ކުރައްވާ ދަތުރުފުޅު ނިންމާލެއްވުމަށްފަހު މާލެ ވަޑައިގަންނަން ހަމަޖެހިފައިވަނީ ހުކުރު ދުވަހުއެެވެ.