ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ގުރޫޕް އެފްގައި ހަންގޭރީއާ ދެކޮޅަށް ކުޅުނު މެޗުން ފަހު ވަގުތު ޕޯޗުގަލް މޮޅުވެއްޖެ އެވެ.
އަންގާރަ ދުވަހުގެ ރޭ ހަންގޭރީއާ ދެކޮޅަށް ކުޅުނު މެޗު ޕޯޗުގަލް އިން ކާމިޔާބު ކުރީ 3-2 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ހަންގޭރީ އިންނެވެ. ނަމަވެސް، ޕޯޗުގަލް އިން ފަހަތުން އަރައި ލީޑު ނެގި އެވެ. އޭގެ ފަހުން ހަންގޭރީ އިން ނަތީޖާ ހަމަހަމަ ކުރި ނަމަވެސް، ޕޯޗުގަލް އިން ފަހު ވަގުތު ލަޏޑު ޖަހައިގެން މެޗުން މޮޅުވެފަ އެވެ.
މެޗު ފަށައިގެން 21 ވަނަ މިނެޓުގައި ހަންގޭރީ އަށް ލަނޑު ޖަހައި ލީޑު ނަގައިދިނީ ބާނަބާސް ވާގާ އެވެ. އޭނާ އެ ލަނޑު ޖެހީ ސޮލްޓް ނަގީ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި ބެނާޑޯ ސިލްވާ ވަނީ ޕޯޗުގަލް އަށް ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.
މެޗުގެ ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު ޕޯޗުގަލް އިން ލީޑު ނެގީ އެ ޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްގެންނެވެ. އެ ޕެނަލްޓީ ކާމިޔާބުކޮށް ޕޯޗުގަލް އަށް ލީޑު ނަގައިދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނެޓަށް ވެފައި ވަނިކޮށް، ވާގާ ވަނީ ދެ ވަނަ ލަނޑެއް ޖަހައި ހަންގޭރީ އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.
އޭގެ ދެ މިނެޓު ފަހުން ޕޯޗުގަލް އިން ވަނީ އެ ޓީމުގެ ތިން ވަނަ ލަނޑު ޖަހައި މެޗުން މޮޅުވެފަ އެވެ. އެ ލަނޑު ޕޯޗުގަލް އަށް ޖަހައިދިނީ ޔާއޯ ކަންސޭލޯ އެވެ. އެ ލަނޑު ޖަަހަން ކަންސޭލޯ އަށް ފުރުސަތު ތަނަަވަސްކޮށްދިނީ ސިލްވާ އެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފައި ވަނީ، ކޮންމެ މެޗަކީ ވެސް ތަފާތު މެޗެއް ކަމަށާއި، ޕޯޗުގަލް އިން ދިމާވާ ކަންކަމަށް ޙައްލު ހޯދަނީ ރޭވުންތެރިކަމާ އެކު ކަމަށެވެ. އޭނާ ބުނީ ކައުންޓަ އެޓޭކުގައި ހަންގޭރީ އިން ވަރަށް ބޮޑަށް ނުރައްކާ ކުރަމުން ދިޔަ ކަމަށާއި، އެއާއެކު ޕޯޗުގަލްގެ ޑިފެންސް އިން ދެއްކީ ވަރަށް މޮޅު ކުޅުމެއް ކަމަށެވެ.
މެޗުގެ ވަކި ހިސާބަކުން ޕޯޗުގަލް އިން ފުރިހަމަ އަށް ކޮންޓްރޯލް ހޯދިކަން ފާހަގަކޮށް މާޓިނޭޒް ބުނެފައި ވަނީ، އެ މެޗުގައި ޕޯޗުގަލް އިން އާދަޔާ ޚިޔާލު ކުޅުމެއް ދެއްކި ކަމަށެވެ. ޚާއްސަކޮށް މެޗުން މޮޅުވުމަށް މީގެ ކުރިން ވެސް ޕޯޗުގަލްގެ ކުޅުންތެރިން ދައްކަމުން އައި ހިތްވަރު، ހަންގޭރީ މެޗުން ވެސް ފެނުނު ކަމަށް އޭނާ ބުންޏެވެ.
މޮޅާއެކު މި ގުރޫޕުގެ އެއް ވަަނައިގައި ޕޯޗުގަލް އޮތީ މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެގެންނެވެ. ކޮލިފިކޭޝަންގައި އަންނަ އޮކްޓޫބަރު މަހު ޕޯޗުގަލް އަށް އޮންނާނީ އަޔަލެންޑާ ދެކޮޅަށް ކުޅޭ މެޗެވެ.