މުޒްދަލިފާ އިން މިނާ އަށް ދިޔަ މަގުމަތީގައި ގެއްލުނު ދެ ހައްޖުވެރިންގެ އެކަކު ފެނިއްޖެއެވެ.
މިނާގައި ހުރި މިހާރު ނޫހުގެ ސީނިއާ އެސިސްޓެންޓް އެޑިޓަރު އަހްމަދު އަބްދުﷲ ސައީދު ބުނި ގޮތުގައި ގެއްލިގެން ހޯދަމުން އަންނަ ދެ މީހުންގެ ތެރެއިން ފެނިފައިވަނީ އުމުރުން 63 އަހަރުގެ ނ. ވެލިދޫ އަމީނާ ހަސަން ކަމަށެވެ. އޭނާ ފެނިފައިވަނީ ސައީދު ބުނި ގޮތުގައި މުޒްދަލިފާއާ ވީ ކޮޅުގައި ހުންނަ މަސްޖިދުލް ކުވެއިތު ކައިރިން، ހޮނިހިރު ދުވަހުގެ ރޭ ދަންވަރު އެވެ.
އަދިވެސް ނުފެންނަނީ ޅ. ނައިފަރު ފިރިހެނެއް ކަމަށް ސައީދު ބުންޏެވެ. ހޮނިހިރު ދުވަހުގެ ރޭ ދަންވަރު ފެނުނު އަންހެން މީހާ އާއި އަދި ވެސް ހޯދަމުން އަންނަ ނައިފަރު މީހާގެ މައުލޫމާތު ސައުދީ ސަރުކާރަށް ވެސް އަންގާފައިވާ ކަމަށް ސައީދު ބުންޏެވެ.
މިކަމާއި ގުޅިގެން އަދި ހައްޖު ކޯޕަރޭޝަނުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
މުޒްދަލިފާ އިން މިނާ އަށް ދިޔަ މަގުމަތީގައި ގުރޫޕާ ވަކިވެ، އެހެން ބައެއް މީހުން ވެސް ގެއްލުނެވެ. ނަމަވެސް އެ އެންމެން ވެސް ވަނީ ފެނިފަ އެވެ.
މިއަހަރު ރާއްޖެއިން 1،300 މީހަކު ހައްޖަށް ގޮސްފައިވާއިރު އޭގެ ތެރެއިން ގިނަ މީހުން ދިޔައީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގަ އެވެ.