ރައްޔިތުންގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ޖަލު ހުކުމުގެ ބައެއް ނަމަވެސް ބާތިލް ކުރަން ދިއުމުގެ ބާރު ބަންޑާރަ ނައިބަށް ލިބިގެންނުވާ ކަމަށް ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީން ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގުރާމްގައި ޝަމީމް ވިދާޅުވީ ގާސިމް ބޭސްފަރުވާއަށް ފޮނުވުމަށް ކޮށްފައިވާ އަމުރު ބަންޑާރަ ނައިބު އޮފީހުން ހައި ކޯޓުގައި އިސްތިއުނާފު ކުރި ނަމަވެސް އެ މައްސަލަ ބަލައިގަންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"ހައި ކޯޓަށްވެސް ގާނޫނު އަސާސީގައި އޮތް އެއްޗެއް ވިދާޅުވާނެ. އެނގިވަޑައިގަންނަވާނެ. ސަތޭކަ ތެއްތިރީސް ވަނަ މާއްދާގައި ވަރަށް ސާފުކޮށް އެ އޮންނަނީ ޕްރޮސެކިއުޓާ ޖެނަރަލްގެ ބާރެކޭ ޖިނާއީ މައްސަލައެއް އިސްތިއުނާފު ކުރުމަކީ،" އޭނާ ވިދާޅުވި އެވެ.
ޖިނާއީ މައްސަލައެއްގައި އިސްތިއުނާފު ކުރުމުގެ ކަންކަމުގައި އުޅެވޭނީ ޕްރޮސެކިއުޓާ ޖެނަރަލްއަށް ކަމަށް މީގެ ކުރިން ހައި ކޯޓުންނާއި ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށްވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
"އޭޖީ ނުވަތަ ކަރެކްޝަނުން އެ ހުކުމާމެދު ހިތްހަމަ ޖެހިވަޑައިނުގަންވާނަމަ ޖެހިވަޑައިގަންނަވާނީ ޕީޖީ އަރިހުގައި އެދިވަޑައިގަންނަވަން. ޕީޖީ ދެން ގޮތެއް ނިންމަވަން ޖެހޭނީ. އެހެންވީމަ ގާނޫނީ ގޮތުން ގާނޫނު އަސާސީއާ ހިލާފަށް އޭޖީ އޮފީހުން އެޕީލަށް ހުށަހެޅުއްވީ. އަޅުގަނޑުމެން އެކަމާ މެދު ކަންބޮޑެއް ނުވަން.،"
ޝަމީމް ވިދާޅުވީ ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބަލައިގެން ނަމަވެސް ގާސިމް ރާއްޖެއިން ބޭރަށް ފޮނުވުމަށްޓަކައި މެޑިކަލް ބޯޑުން ފުރިހަމަ ކުރަން ޖެހޭ ބައިވެސް ވަނީ ފުރިހަމަ ކޮށްފައިނުވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ގާސިމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ އިންތިޒާމްތައް ހަމަ ޖައްސަދިނުމަށް ބެހޭ އިދާރާތަކުގެ މައްޗަށް ކޯޓުން އަމުރުކުރިތާ އެއް ހަފްތާ ވީއިރުވެސް އަދިވެސް އެކަމުގެ ހުއްދަ ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ގާސިމް ރާއްޖެއިން ބޭރަށް ފޮނުވުމަށް ދައުލަތުގެ އެއްވެސް އިދާރާއަކަށް ހުރަހެއް މިހާރަކު ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"ބޭނުންވާ ލިޔުންތައް ލިބިއްޖެ. ޑޮކްޓަރު ލިޔުން ދެއްވައިފި. ކޯޓުން އަމުރު ކުރައްވާފައި އެބަ އޮތް. މި ހާލަތަކީ މެޑިކަލް ބޯޑަށްވެސް ދާން ޖެހޭ ހާލަތެއްވެސް ނޫން. ކޯޓުގެ ހުކުމެއް އޮތީމަ މެޑިކަލް ބޯޑަށް ނުގޮސް ވެސް ހުއްދަ ދޭން ޖެހޭ،" ޝަމީމް ވިދާޅުވި އެވެ.
ގާސިމަށް ހުކުމް ކުރި ފަހުންވެސް އައިޖީއެމްއެޗްގެ ހިތުގެ ޑޮކްޓަރުން ވަނީ ރާއްޖެއިން ބޭރުން ޓެސްޓްތަކެއް ހެދުމަށް ލާފާ ދީފައެވެ.
ގާސިމްގެ މައްޗަށް އުފުލި ރިޝްވަތު ހުށަހެޅުމުގެ ކުށް ޣައިރު ހާޒިރުގައި ސާބިތުކޮށް ތިން އަހަރާ ދެ މަހާއި 12 ދުވަހަށް ޖަލަށް ހުކުމް ކޮށްފައިވަނީ ސިއްހީ ހާލުކޮޅު ސީރިއަސްވެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.