މުޒްދަލިފާ އިން މިނާ އަށް ދިޔަ މަގުމަތީގައި ގެއްލުނު ދެ ހައްޖުވެރިޔަކު އަދިވެސް ނުފެނިގެން ހޯދަމުންއެބަ ދެ އެވެ.
ގެއްލިގެން އުޅޭ ދެ ހައްޖުވެރިންނަކީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ ދެ މީހުން ނެވެ. ނަމަވެސް މިކަމާ ގުޅޭ ގޮތުން ހައްޖު ކޯޕަރޭޝަނުން އަދި އެެއްވެސް އެއްޗެއް ހާމައެއް ނުކުރެ އެވެ. އަދި މިނާގައި މިހާރު ހުންނެވި އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދްރީސް ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.
ދިވެހި ހައްޖުވެރިންނާއެކު މިނާގައި ހުރި "މިހާރު" ނޫހުގެ ސީނިއާ އެސިސްޓެންޓް އެޑިޓަރު އަހުމަދު އަބްދުﷲ ސައީދު ބުނި ގޮތުގައި މުޒްދަލިފާއިން މިނާއަށް ދިޔަ މަގުމަތީގައި ގެއްލުނު ބައެއް މީހުންގެ ތެރެއިން ދެ މީހުން ފިޔަވައި އެހެން މީހުން މިހާރު ވަނީ ފެނިފަ އެވެ. އޭގެތެރޭގައި ހިމެނޭ ގއ. ވިލިނގިލީ ދެމަފިރިންގެ ތެރެއިން އަންހެން މީހާ ފެނުނީ މިނާގެ މަގުތަކުގައި ފިރިމީހާ ހޯދަން ހުއްޓުމެއް ނެތި ހިނގަމުން ދަނިކޮށެވެ. އޭރު ފިރިމީހާ އޮތީ މިނާގައި ހުންނަ ހެލްތު ސެންޓަރެއްގަ އެވެ.
އެހެން ހައްޖުވެރިޔަކު މިނާގެ ހައިފް މިސްކިތުގައި އިންދައި ފެނިފައިވާއިރު، ގެއްލިގެން ހޯދަމުން ދިޔަ މީހަކު އެހެން ބައެއްގެ އެހީތެރިކަމުގައި، ދިވެހިން މައްކާގައި ތިބޭ ހޮޓެލަށް ގެންގޮސްފަިއވާ ކަމަށް ސައީދު ބުންޏެވެ.
"ފެނުނު ހުރިހާ ހައްޖުވެރިންގެ އިހުރާމް ކަނޑައި ހައްޖުގެ ހުރިހާ ހުރިހާ ކަމެއް ވަނީ ފުރިހަމަ ކުރުވާފައި،" ސައީދު ބުންޏެވެ.
ގެއްލިގެން ނުފެނިވާ ދެ ހައްޖުވެރިން ހޯދުމުގެ މަސައްކަތް ހައްޖު ކޯޕަރޭޝަނުންގެ އޮފިޝަލުންނާއި އެހެން ބައެއް ހައްޖުވެރިންގެ އެހީތެރިކަމާއެކު ދަނީ ކުރަމުންނެވެ.
މިއަހަރު ރާއްޖެއިން 1،300 މީހަކު ހައްޖަށް ގޮސްފައިވާއިރު އޭގެ ތެރެއިން ގިނަ މީހުން ދިޔައީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގަ އެވެ.