ކޮންމެ އަލްހާ އީދެއްގައި ވެސް އެންމެ ތަފާތު ކަމެއް ކުރާ ބަޔަކީ ކުޅުދުއްފުއްޓެ އެވެ. މިދިޔަ އަހަރުގެ މާލި ޕެރޭޑެކޭ އެއްގޮތަށް މިފަހަރު، ކުޅުދުއްފުށީގައި ބޭއްވި ޕެރޭޑަށް ވެސް ގިނަ ބައެއްގެ ސަމާލުކަން ލިބިގެންދިޔަ އެވެ. ޕެރޭޑްގެ ކޮންމެ މާއްޔެއް ވެސް އަދި ފްލޯޓެއް ވެސް ނިސްބަތްކޮށްފައި ވަނީ ގައުމުގައި ހުރި ބޮޑެތި މައްސަލަތަކެވެ.
ގިނަ ފްލޯޓްތަކުގައި ހުރީ ސަރުކާރަށް ހަޖޫ ޖަހައިފަ އެވެ. އޭގެ ތެރޭގައި ސިޔާސި ކުޑަގޮޅި ފްލޯޓާާއި މޯޅިނުވާ ފިނިފެންމާ ފްލޯޓާއި ފްލެޓް ފްލޯޓާއި ފައިސާ ގޯންޏާއި ޑޮލަރު ފޮއްޓާއި ދަތްދޮޅި ފްލޯޓާއި ކަޅުފައިސާ ދޮވުން ފްލޯޓް ހިމެނެ އެވެ.
ކުޅުދުއްފުށީ ދެ ޖިންސްކުގެ އެކި އުމުރުގެ މީހުންނާއި ކުދިން ބައިވެރިވި މި ޕެރޭޑްގައި ދައުލަތުގެ އެހެން މުއައްސަސާތަކަށް ވެސް ނިސްބަތްކޮށް ފްލޯޓްތައް ދައްކާލި އެވެ. ފަނޑިހިޔާރު ނަމުގައި ފްލޯޓެއް ހަދާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލުވާލި މައްސަލައަށް ނިސްބަތްކޮށް، ހަތަރު ގޮނޑިއެއް ތަންޑިޔަލުގައި އެލުވާފައިވެ އެވެ. މަޖިލީހުގައި ހިމެނޭ ސަރުކާރަށް ނިސްބަތްވާ މެމްބަރުންގެ ހާލަތު ދައްކުވައި ދިނުމުގެ ގޮތުން ގޮނޑިއެއްގައި ވަލުން ބަނދެ، އެ ގޮނޑި ވާޖަހާފައި ދަމަމުންދެ އެވެ.
މީގެ 17 އަހަރު ކުރިން ކުޅުދުއްފުށީގައި ފެށި މަށި މާލި ޕެރޭޑް މި ފަހަކަށް އައިސް ވެފައިވަނީ ސިޔާސީ ވަރުގަދަ މެސެޖްތަކެއް ދޭ ޕެރޭޑަކަށެވެ. މިދިޔަ އަހަރުގެ ޕެރޭޑްގައި ސަރުކާރުގެ ވައުދުތަކަށާއި އަބުރުގެ ގާނޫނަށް ވަރަށް ބޮޑަށް ހަޖޫޖަހާފައިވެ އެވެ.
މިފަހަރުގެ ޕެރޭޑް އިންތިޒާމުކުރުމުގައި ހަރަކާތްތެރިވި މީހަކު ބުނި ގޮތުގައި ފްލޯޓްތައް ހަދާފައިވަނީ އެއްވެސް ބަޔަކަށް ނިސްބަތްކުރުމުގެ ނިޔަތުގައި ނޫން ކަމަށާއި އެއީ އެރަށުގެ ރައްޔިތުންގެ އުފެއްދުންތެރި ހިޔާލު ކަމަށެވެ.
ހޮނިހިރު ދުވަހު ހަވީރު ބޭއްވި މި ޕެރޭޑަށް ކުޅުދުއްފުށިން ބޮޑު ތަރުހީބެއް ލިބުނުއިރު، ސޯޝަލް މީޑިއާގައި ވެސް ޕެރޭޑްގެ ވާހަކަ ދަނީ ވަރުގަދައަށް ދައްކަމުންނެވެ.
ކުޅުދުއްފުށީގެ އިތުރުން ގއ. ވިލިނގިލީގައި އީދު ފާހަގަ ކުރުން މުޅިން ތަފާތެވެ. ވިލިނގިލީގެ ދެޖިންސްގެ މީހުން ބޭއްވި ޕެރޭޑްގައި ސަރުކާރަށް ސިޔާސީ މެސެޖްތަކެއް ދީފައިވެ އެވެ. މިޕެރޭޑްގައި ސިހުރުވެރިޔާ އަސޭލާއަށް ނިސްބަތްކޮށް "އުސޫލާ"ގެ ނަމުގައި މީހަކު ދައްކާލިއިރު، ފައިސާ އާއި ތިޖޫރި އަދި "މައްތިދޫ ޖަލު"ގެ ނަމުގައި ފްލޯޓް ގެނެސްދީފައިވެ އެވެ. އަދި ޕެރޭޑްގައި ފުލުހުންނަށް ނިސްބަތްކޮށް، މުޒާހަރާގައި ޕެޕާ ސްޕްރޭ ޖަހާ މަންޒަރެއް ދައްކުވައިދެ އެވެ.
އަލްހާ އީދު ރާއްޖޭގެ ހުރިހާ ރަށެެއްގައި ފާހަގަކުރަމުން އަންނައިރު، ބައެއް ރަށްރަށުގައި ތަފާތު އެކި ކުޅިވަރުތަކާއި މިއުޒިކް ޝޯތައް ދަނީ ބާއްވަމުންނެވެ.