ކ. މާލެ
|
2 ސެޕްޓެންބަރ 2017 | ހޮނިހިރު 17:08
އިންޑިއާގެ އެކްސްޓާނަލް އެފެއަރޒް މިނިސްޓަރ ޝުސްމާ ސުވަރާޖް
އިންޑިއާގެ އެކްސްޓާނަލް އެފެއަރޒް މިނިސްޓަރ ޝުސްމާ ސުވަރާޖް
ޕްރެސް ޓްރަސްޓް އޮފް އިންޑިއާ
އިންޑިއާ ކަނޑު
އިންޑިއާ ކަނޑުގެ ހަމަޖެހުން ދެމެހެއްޓުމުގެ ޒިންމާ އުފުލަން ޖެހޭނީ އެ ކަނޑުގެ ގައުމުތަކުން: އިންޑިއާގެ ޚާރިޖީ ވަޒީރު
އިންޑިއާ ކަނޑަކީ ދުނިޔޭގެ ވިޔަފާރީގައި މުހިންމު ދައުރެއް އަދާކުރާ ކަނޑެއް
ޗައިނާ އިން ދަނީ އިންޑިއާ ކަނޑަށް އަތްގަދަ ކުރުމަށް މަސައްކަތް ކުރަމުން

އިންޑިއާ ކަނޑުގެ ހަމަޖެހުން ދެމެހެއްޓުމަށް މަސައްކަތް ކުރަން ޖެހޭނީ އެ ކަނޑުގެ ގައުމުތަކުން ކަމަށް އިންޑިއާގެ ޚާރިޖީ ވަޒީރު ސުޝްމާ ސުވަރާޖް ވިދާޅުވެއްޖެއެވެ.

ސްރީލަންކާގައި ކުރިއަށް ދިޔަ ދެވަނަ އިންޑިއަން އޯޝަންސް ކޮންފަރެންސް ގައި ބުރާސްފަތި ދުވަހު ވާހަކަފުޅު ދައްކަވަމުން އިންޑިއާގެ ޚާރިޖީ ވަޒީރު ސުޝްމާ ސުވަރާޖް ވިދާޅުވީ، އިންޑިއާ ކަނޑުގެ ހަމަޖެހުމާއި، ސުލްހައާއި،  އެ ކަނޑުގެ ތިޔާގިކަން ދެމެހެއްޓުމުގެ އަސާސީ ޒިންމާ ނަގަން ޖެހޭނީ އިންޑިއާ ކަނޑަށް ނިސްބަތްވާ ގައުމުތަކުން ކަމަށެވެ.

އެކަމަނާ ވިދާޅުވީ، ދުނިޔޭގެ އިގްތިސާދު ކުރިއެރުވުމުގައި އިންޑިއާ ކަނޑުގެ ދައުރު އެކަށީގެންވާ ގޮތެއްގައި އަދާ ކުރެވޭނީ އެ ކަނޑަކީ ސުލްހަވެރި ކަނޑަކަށް ވެގެން ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އިންޑިއާގެ ޚާރިޖީ ވަޒީރު ސުޝްމާ ސުވަރާޖްގެ ވާހަކަފުޅުގައި އިންޑިއާ ކަނޑަކީ އަހަރަކު ގާތްގަނޑަކަށް ލައްކައެއްހާ އާގު ބޯޓު ހުރަސްކުރާ ކަނޑެއް ކަމަށާއި ދުނިޔޭގެ ކޮންޓެއިނަރ ޝިޕްމެންޓުގެ ދެ ބައިކުޅަ އެއްބައި އުފުލަނީ މި ބޯޓުފަހަރުގައި ކަމަށާއި، ދުނިޔޭގައި ކަނޑުމަގުން އުފުލާ މުދަލުގެ ތިން ބައިކުޅަ އެއްބައި އިންޑިއާ ކަނޑުން ހުރަސްކުރުމުގެ އިތުރުން ތެލުގެ ދެބައިކުޅަ ތިންބައި އުފުލަނީ އިންޑިޔާ ކަނޑުން ލާފާކަން ފާހަގަ ކުރެއްވިއެވެ.

އެކަމަނާ ވިދާޅުވި ގޮތުގައި މި ސަރަހައްދުގެ ތަނަވަސްކަން އިތުރު ކުރުމުގެ އިންޖީނަކީ އިންޑިއާ ކަނޑެވެ. އެހެން ކަމުން އިންޑިއާ ކަނޑުގެ ސުލްހަ ދެމެހެއްޓުމަކީ މުހިންމު ކަމެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

އިންޑިއާ ކަނޑުގެ ސުލްހަ ދެމެހެއްޓުމުގެ މުހިންމު ކަމުގެ ވާހަކަ އިންޑިއާގެ ޚާރިޖީ ވަޒީރު ދެއްކެވި މި ދަނޑިވަޅަކީ، އިންޑިއާ އާ ވާދަވެރި ޗައިނާގެ އަސްކަރީ މަނަވަރުތައް އިންޑިއާކަނޑުގައި ގިނަ ވަމުންދާ ދަނޑިވަޅެއްގައި ކަން ފާހަގަ ކުރެވެއެވެ.

އެފްރިކާ ބައްރަށް ނިސްބަތްވާ ޖިބޫތީގައި އަސްކަރީ ބޭހެއް ގާއިމް ކުރުމުގެ އިތުރުން، ޗައިނާ އިން ވަނީ ސްރީލަންކާގެ ހަންބަންޓޯޓާ ބަނދަރު ތަރައްގީކޮށް ހިންގުމާ ހަވާލުވެފައެވެ. ހަމަ އެގޮތައް ޕާކިސްތާނުގެ ގުވާދަރު ގައިވެސް ޗައިނާ އިން ގެންދަނީ ބަނދަރު ތަރައްގީ ކުރަމުންނެވެ.

އިންޑިއާގެ ޚާރިޖީ ވަޒީރު ވިދާޅުވީ އިންޑިއާ ކަނޑުގެ ގައުމުތަކާ އެކުގައި މަސައްކަތް ކޮށް ދިވެހިރާއްޖެ އާއި ސްރީލަންކާ އާއި މޮރިޝަސް އާ ސެޝެލްސްގެ މެރިޓައިމް ލޮޖިސްޓިކްސް ރަނގަޅު ކުރުމަށް މަޝްރޫއުތައް ހިންގުމަށް އިންޑިއާ އޮތީ ތައްޔާރަށެވެ.

އިންޑިއާގެ ޚާރިޖީ ވަޒީރު ސުޝްމާ ސުވަރާޖްގެ ވާހަކަފުޅުގައި އިންޑިއާ ކަނޑުގައި ހިމެނޭ ގައުމުތަކުން ކަމަކަށް އެދި ގޮވާލުމުން ފުރަތަމަ އިޖާބަދޭ ގައުމުގެ ގޮތުގައި އިންޑިއާ އޮންނާނެއެވެ. މިގޮތުންސްރީލަންކާގައި ފެންބޮޑުވި ހާދިސާ އާ ގުޅިގެން އެހީވި ކަމާއި، 2017 ވަނަ އަހަރުގެ ޖޫން މަހު ސައިކްލޯން މޯރާ އާ ގުޅިގެން ބަންގްލާދޭޝް އަށް އެހީ ފޯރުކޮށްދިން ކަމާއި، 2014 ވަނަ އަހަރު މާލެއަށް ކުރިމަތިވި ބޯފެނުގެ މައްސަލަ ހައްލު ކުރުމަށް އިންޑިއާއިން އެއްހާސް ޓަނުގެ ފެން ފޯރު ކޮށްދިން ކަން ފާހަގަ ކުރެއްވިއެވެ.

ކަނޑުފޭރޭ މީހުންގެ ފަރާތުން ކުރިމަތިވާ ނުރައްކާތައް ކުޑަކުރުމަށް އިންޑިއާ ކަނޑު ބެލެހެއްޓުމަށް ދިވެހިރާއްޖެ އާއި މޮރިޝަސް އާ ސޭޝެލްސްއާ ގުޅިގެން އިންޑިއާއިން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

- ކޮމެންޓް