ކުރީގެ ނައިބުރައީސް އަޙުމަދު އަދީބަށް ކުރިމަތިވެފައިވާ ސިއްހީ މައްސަލަތައް ސީރިއަސް ކަމަށާ، ސަރުކާރުން އެކަމާއިމެދު އަޅައިނުލައި ދޫކޮށްލައިގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުޙައްމަދު އަމީތު ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހު އަމީތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަދީބާއި ޖަލުން ބައްދަލުވެވަޑައިގަތް ކަމަށާ، އަދީބަށް ނުރައްކާތެރި ސިއްޙީ މައްސަލަތަކެއް ދިމާވެފައިވާ ކަމަށެވެ. އަދީބުގެ ކަންބޮޑުވެވަޑައިގަތުންތަކަކީ ސީރިއަސް ކަމެއްކަން ފާހަގަކުރައްވާ އަމީތު ވިދާޅުވީ، ސަރުކާރުން އެކަމާއިމެދު އަޅައިނުލައި ދޫކޮށްލައިގެން ނުވާނެ ކަމަށެވެ.
Adeeb has serious medical complications. I met him in Jail, I know they are real. Government should not ignore, his concerns are serious.
— Mohamed Ameeth (@MohamedAmeeth) September 2, 2017
އަމީތު މިފަދައިން ޓްވީޓް ކުރެއްވިއިރު، އަދީބަށް ވަނީ ސިއްޙީ ބޮޑެތި މައްސަލަތަކެއް ދިމާވެފައެވެ. އެގޮތުން ލޮލުގެ އެކި މައްސަލަތަކާއި، ކެންސަރަށް ހުށަހެޅިދާން މަގުފަހިވާފަދަ އެތެރެހަށީގެ ސިސްޓާއި، ކިޑްނީގައި ހިލަ އުފެދުމުގެ ސަބަބުން އެމަނިކުފާނުގެ ފުރާނަފުޅަށް ވަނީ ނުރައްކާވެފައެވެ. ނަމަވެސް، ރާއްޖެއިން ލިބެން ނެތް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ސަރުކާރުން ވަނީ އެމަނިކުފާނަށް ހުރަސްއަޅާފައެވެ.
މީގެ ސަބަބުން ފަރުވާ ލަސްވެ، އެމަނިކުފާނަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތައްވެސް އިތުރަށް ގޯސްވަމުންދާއިރު، ދިވެހި ކޮންމެ ރައްޔިތަކަށް ޤާނޫނުއަސާސީން ލިބިދޭ ބޭސްފަރުވާގެ ޙައްޤުން އަދީބް މަހުރޫމް ކުރުމުގެ ސަބަބެއްގެ ގޮތުގައި ސަރުކާރުން ދައްކަނީ ސަރުކާރަށް އަދީބް ދެއްވަން ޖެހޭ ކަމަށް ސަރުކާރުން ބުނާ ފައިސާތަކެއް ދެއްވައިފައި ނުވުމެވެ. އަދީބްގެ ފުރާނަފުޅަށް ސަރުކާރުން އަގު ކިޔާފައިވާއިރު، ދައުލަތަށް އަދީބް ފައިސާއެއް ދެއްކެވުމަށް އެއްވެސް ކޯޓަކުން އަދީބްގެ މައްޗަށް ޙުކުމެއް ކޮށްފައެއް ނުވެއެވެ.
އެކި މައްސަލަތަކުގައި އަދީބްގެ މައްޗަށް 33 އަހަރުގެ ޖަލު ޙުކުމެއް އިއްވައި، އަދީބް ޖަލުގައި އޮންނެވިއިރު، އަދީބުގެ އަތުގައި ހުރިކަމަށް ސަރުކާރާއި ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ތުޙުމަތުކުރައްވާ "ހަލާލު ނޫން" ފައިސާ ބޭނުން ކުރެއްވި ކަމަށް އެއްބަސްވެވަޑައިގަތް ބޭފުޅުންނާއި، އެ ފައިސާ ނެންގެވި ކަމަށް ތުޙުމަތުކުރެވޭ ގިނަ ބޭފުޅުން އަދިވެސް ތިއްބެވީ އިއްޒަތްތެރިންގެ ގޮތުގައި ސަރުކާރުގެ މަތީ މަޤާމުތަކުގައެވެ.