ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި މީހަކު މަރުވި ހާދިސާއާއި ގުޅިގެން ސައިކަލް ދުއްވި މީހާ ވަނީ ފިލާފައި ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ނިޔާވެފައިވަނީ އިބްރާހިމް ރަޝީދު އާދަމް، ހ. ފޮއްދޫގެ، 64 އެވެ. އޭނާ މަރުވީ ބޮލަށް ލިބުނު ޒަހަމްތަކަކާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ހުކުރު ދުވަހުގެ ހަވީރު އެވެ.
އެކްސިޑެންޓު ހިނގާފައި ވަނީ ދުއްވި ސައިކަލު ޕާކު ކުރުމަށް އުޅެނިކޮށް ބާރު ސްޕީޑެއްގައި ދުއްވާފައި އައި އެހެން ސައިކަލެއްގައި ޖެހިގެންނެވެ. ނިޔާވިއިރު އުމުރުން 64 އަހަރުގެ އެ މީހާގެ ބޮލަށް ސީރިއަސް ޒަހަމްތަކެއް ލިބިފައިވެއެވެ.
އެ އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލޭ ނިރޮޅު މަގު، ހަބީބު ބޭންކް ކުރިމަތީގަ އެވެ. ބާރު ސްޕީޑްގައި ދުއްވި ސައިކަލްގައި އިން މީހާ ވަނީ ސައިކަލް ދޫކޮށްލުމަށް ފަހު ފިލައިފަ އެވެ.
ފުލުހުން ބުނީ ސައިކަލް ދުއްވި މީހާ އަދިވެސް ނުފެންނަ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެއެވެ.