މިއަދު ފެނިގެންދަނީ މިނިވަން މުއައްސަސާތަކުން ނިންމާ ނިންމުންތަކަކީ ރައީސް އަބްދުﷲ ޔާމީން ހިތްޕުޅާވާގޮތަށް ނިންމާ ނިންމުންތަކަށް ބަދަލުވާތަން ކަމަށާއި އެނޫން ގޮތަކަށް އެއްވެސް ނިންމުމެއް ނިންމަން ނުކެރޭ ކަމަށް ޖުމްހޫރީޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ 60 މިނެޓުގައި ވާހަަކަ ދައްވަމުން އަމީން ވިދާޅުވީ، ގާސިމްގެ މައްސަަލައިގައި ހުކުމް ކޮށްފައިވާ އިރު ހުކުމުގައި އޭނާގެ ބޭސްފަރުވާއަށް ބޭރަށް ފޮނުވަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ގާސިމްގެ މައްޗަށް ޖަލު ހުކުމް ކުރި ފަނޑިޔާރަށް ގާސިމްގެ ބަލިހާލަތު އެނގިވަޑައިގެން، އެ ފުރުސަތު ދިނުމަށް އެދިފައިވާ ކަމަށާއި އެހެންނަމަވެސް ފަހުން ބަޔާންނެއް ނެރުނު އިރު ހުރިހާ ކަމެއް ބަދަލުވެފައިވާ ކަމަށް އަމީނު ވިދާޅުވި އެެވެ.
" ރައީސް ޔާމީން ބޭނުންފުޅުވި ގޮތަކަށް ނޫން އެ ހުކުމް ނެރެފައިވަނީ. އެ ހުކުމް ކޮންމެސް ގޮތަކުން ބާތިލް ކުރުމަށް މަސައްކަތް ކުރަނީ. ނޫނީ ވިއްޔާ ބަދަލެއް ގެންނަން. އެހެންވީމަ މިއަދު ބަޔާން ތަފާތު ގޮތަކަށް ތަފާތު ރަހައެއްގައި ނުކުމެގެން މިއުޅެނީ ރައީސް ޔާމީން ހިންހަމަނުޖެހޭ ހުކުމް އަނބުރާލުމަށް. މިއީ މިއަދު ފެންނަ އެއްޗަކީ." އަމީން ވިދާޅުވި އެވެ.
އަމީން ވިދާޅުވީ،ސަރުކާރުން ކޮންމެ ފަހަރަކު ވެސް، ޝަރުތަކާ ނުލާ މަޝްވަރާ ކުުރުމަށް، ގޮވާލާ އިރު، ޝަރުތުތައް ހިފައިގެން އެންމެ ފުރަތަމަ އަންނަނީވެސް ސަރުކާރުން ކަމަށެވެ. ސަރުކާރުން މިކަން ކޮންމެ ފަހަރު ވެސް ކުރަނީ އިހްލާސްތެރިކަމެއް ނެތި ކަމަށާއި ލީޑަރުންނާއި ނުލާ މަޝްވަރާ ކުރުމަށް އެދުމުގެ އެއްވެސް މާނައެއް ނެތް ކަމަށެވެ.
ސަރުކާރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އިދިކޮޅު ފަރާތްތަކަށް މަޝްވަރާ ކުރުމަށް ގޮވާލާފައިވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހު އެވެ