އިންޑިއާ މީހުން ހަނީމޫން އަށް އެންމެ ދާން ބޭނުންވާ ތަނަކީ ކޮބާތޯ ބެލުމަށް ކުރި ސާވޭގައި އެތަނަކީ އިންޑޮނީޝިއާގެ ބާލީ ކަމަށް ސާވޭގެ ނަތީޖާ ދައްކައިފިއެވެ.
މި ސާވޭގައި ރާއްޖެ ހިމެނިފައިވަނީ ދެ ވަނަ އަށެވެ.
ތިންވަނަ އަށް އެންމެ ދާން ބޭނުންވާ ތަނަކަށް ސާވޭން ދައްކާފައިވަނީ ތައިލެންޑް އެވެ.
ހިންދުނސްތާން ޓައިމްސް އިން ބުނެފައިވަނީ، އަލަތު ކައިވެންޏަށް ފަހު އިންޑިއާ މީހުން ހަނީމޫން އަށް ދާންބޭނުންވަނީ ގޮނޑުދޮއްތައް ރީތި އަދި އޮން އެރައިވަލްގައި ވިސާ ލިބޭ އަދި ފަސޭހައިން ދަތުރު ހަމަ ޖެހުން ފަދަ ކަންކަން ހުންނަ ތަންތަނަށް ކަމަށެވެ.
މި ނޫހުގައި، އީޒީގޯވަން ޑޮޓް ކޮމްގެ ސީއީއޯ ނީލޫ ސިންގ އާ ހަވާލާދީ ބުނެފައިވަނީ، އިންޑޮނީޝިއާގެ ބާލީއަކީ، ރީތި ގޮނޑުދޮއްތައް ލިބިފައިވުމުގެ އިތުރުން ގުދުރަތީ ރީތިކަން ލިބިފައިވާ ތަނަކަށް ވެފާ ދަތުރުފަތުރު ފަސޭހަ ވުމަކީ އެ މަންޒިލް އިންޑިއާ މީހުންގެ މެދުގައި މަގްބޫލްވި ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށެވެ.
އީޒީގޯވަން ޑޮޓް ކޮމް އިން މި ސާވޭ ކުރިއަށް ގެންގޮސްފައިވަނީ އޮން ލައިންކޮށް 2017 ވަނަ އަހަރުގެ ޖަނަވަރީން ޖޫން މަހާ ދެމެދުގައެވެ.
ސާވޭގެ ނަތީޖާ އަށް ހަވާލާދީ ހިންދުސްތާން ޓައިމްސް ގައި ބުނެފައިވަނީ މަގްބޫލް ވަމުން އަންނަ މަންޒިލްތަކުގެ ތެރޭން އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ ސޭޝެލްސް އަށް ކަމަށެވެ. ސޭޝެލްސް ވަނީ އެންމެ މަގްބޫލް ފަސް މަންޒިލްގެ ތެރޭގައި ހިމެނިފައެވެ.
ސޭޝެލްސް އިން ވަނީ މުމްބާއީ އާ އެ ގައުމާ ދެމެދު ސީދާ ދަތުރުތައް ފަށާ ހަފްތާއަކު ފަސް ފްލައިޓް އޮޕަރޭޓް ކުރަން ފަށާފައެވެ. އޭގެ ސަބަބުން އިންޑިއާއިން ސޭޝެލްސްއަށް ފަތުރުވެރިންގެ ގޮތުގައި ދާ މީހުން ވަރަށް ބޮޑުތައް މައްޗަށް ގޮސްފައިވާ ކަމަށްވެސް އީޒީގޯ ޑޮޓް ކޮމް އިން ބުނެފައިވެއެވެ.
ރާއްޖެއަކީ ބޮލީވުޑްގެ މަޝްހޫރު ތަރިންގެ ޗުއްޓީ ހޭދަ ކުރުމަށް މަގްބޫލް މަންޒިލެކެވެ.