ރަޝިއާ ހިތްދަތިކުރުވަން އެމެރިކާއިން އަޅާ ކޮންމެ ފިޔަވަޅަކަށް ރަޝިއާއިން ހަރުކަށި ރައްދެއް ދޭނެ ކަމަށް ރަޝިޔާގެ ފޮރިން މިނިސްޓަރ ސަރްގޭ ލަވްރޯވް ހުކުރު ދުވަހު ވިދާޅުވެއްޖެއެވެ.
ރަޝިއާއިން މިހެން ބުނެފައިމިވަނީ ސެންފްރެންސިސްކޯގައި ހުންނަ ރަޝިޔާގެ ކޮންސިއުލޭޓް އޮފީހާއި އިތުރު ދެ ޓްރޭޑް މިޝަންއެއް ބަންދު ކުރުމަށް އެމެރިކާއިން ރަޝިއާއަށް އެންގިތާ އެއްދުވަސް ތެރޭގައެވެ.
މި އިންޒާރު ދިނުމުގެ ކުރިން ރަޝިއާއިން ވަނީ އެމެރިކާއިން ރަޝިޔާއަށް އެޅި ފިޔަވަޅު މިނާލަމުން ދާކަމަށެވެ.
ނިއުކްލިއަރ ދެ ބާރުގެ ދެމެދުގައި އުފެދުނު ކޯޅުން ވެގެންދާނީ ރަޝިއާގެ ރައީސް ވްލާޑިމިއަރ ޕޫޓިންއާ ގުޅުން ރަނގަޅު ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވައުދުވެ ވަޑައިގެންފައިވާ ރައީސް ޑޮނަލްޑް ޓްރަމްޕަށް އަނެއްކާވެސް ކުރިމަތިވެ ވަޑައިގަންނަވާ ނާކާމިޔާބަކަށެވެ.
އެމެރިކާގެ އެ ފިޔަވަޅަށް ރަޝިއާއިން ވަގުތުން ރައްދުދީ ބަދަލު ހިފާފައި ނުވާއިރު ރައީސް ވްލާޑިމިއަރ ޕޫޓިން މަޑުކުރައްވާފައި ވަނީ ރައީސް ޓްރަމްޕްގެ މަގާމުގެ ދައުރު ފެށެންދެންނެވެ.
ރަޝިއާއިން އެ ގައުމުގައިތިބި އެމެރިކާގެ ޑިޕްލޮމޭޓުންގެ ތެރެއިން 755 މުވައްޒަފަކު ގައުމަށް ފޮނުވާލުމަށް ނިންމިކަން އިއުލާނުކޮށްފައިވަނީ ޖުލައިމަހުގެ 31 ގައެވެ.
ރަޝިއާއިން ފޮނުވާލާ އެމެރިކާގެ ޑިޕްލޮމޭޓުންނަށް އެގައުމުގައި ތިބެވޭނެ އެންމެ ފަހު ދުވަހަކީ ހުކުރު ދުވަހެވެ.އެ ދުވަހަކީ އެމެރިކާގައި ހުންނަ ރަޝިއާގެ ކޮންސިއުލޭޓް އޮފީހާއި އިތުރު ދެ ޓްރޭޑް މިޝަން ބަންދު ކުރުމަށް އެމެރިކާއިން ދީފައިވާ ތާރީޚްގެ އެއްދުވަސް ކުރިއެވެ.
ސަރުކާރުގެ އިސް އޮފިޝަލަކު ބުރާސްފަތި ދުވަހު ވިދާޅުވީ ކޮންސިއުލޭޓް އޮފީހާއި އެ އޮފީހާއެކު ޑިޕްލޮމޭޓުން ތިއްބަވާ ތަނާއި ދެ ޓްރޭޑް މިޝަން ބަންދު ކުރަން ޖެހޭނެކަމަށެވެ. ނަމަވެސް ރަޝިއާގެ އެއްވެސް ސްޓާފަކު އެމެރިކާ ދޫކޮށް ދިއުން މަޖުބޫރު ނޫންކަމަށެވެ.
އޮފިޝަލް ވިދާޅުވީ ރަޝިއާއަށް އެ ތަންތަން ބެލެހެއްޓުމުގެ ހުއްދަ އޮންނާނެ ކަމަށާއި ނަމަވެސް ބޭނުން ކުރުމުގެ ހުއްދަ ނޯންނާނެ ކަމަށެވެ.
ވޮޝިންގޓަނުން ބުނެފައި ވަނީ "ބަދަލު ހިފުމުގެ އިތުރު ފިޔަވަޅުތައް ނުފެންނާނެކަމަށް އުއްމީދުކުރާ ކަމަށާއި" އަދި ގުޅުން ރަނގަޅުވާނެ ކަމަށް އުއްމީދު ކުރާކަމަށެވެ". ނަމަވެސް އިތުރު ފިޔަވަޅުތައް އަޅަން ޖެހިއްޖެނަމަ އަޅަން ތައްޔާރުކަމަށް ވެސް ބުނެފައިވެއެވެ.
ރަޝިއާގެ ފޮރިން މިނިސްޓަރ ލަވްރޯވްއަށް ވަނީ މި ހަމަނުޖެހުންތަކުގެ އަސްލަކީ ރައީސް ޓްރަމްޕްގެ ސަރުކާރުކަމަށް ވިދާޅުވާން ކެރިވަޑައިނުގެންފައެވެ. އޭގެ ބަދަލުގައި މި ނުތަނަވަސްކަން ގުޅުވާލާފައިވަނީ ކުރީގެ ރައީސް ބަރަކް އޮބާމާގެ ސަރުކާރާއެވެ.
ލަވްރޯވް ވިދާޅުވީ މޮސްކޯއިން އަދިވެސް އޮތީ ރަޝިއާގެ މަސްލަހަތަށް ރިއާޔަތް ކުރެވޭ ބިނާކުރަނިވި އެއްބާރުލުމަށް ތައްޔާރަށެވެ.
ރަޝިއާއިން އެމެރިކާއަށް ފިޔަވަޅު އެޅީ ކްރައިމިއާގެ މައްސަލަޔާއި އެމެރިކާގެ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އެމެރިކާއިން ރަޝިއާގެ 35 ޑިޕްލޮމޭޓަކު ފޮނުވާލި ފޮނުވާލުމަށް ފަހުއެވެ.
ރައީސް ބަރަކް އޮބާމާގެ ވެރިކަމުގެ އެންމެ ފަހު ދުވަސްކޮޅު މިދިޔަ ޑިސެމްބަރު މަހުވަނީ އެ ޑިޕްލޮމޭޓުން ފޮނުވާލުމުގެ އިތުރުން އެމެރިކާގައި ހުރި ރަޝިއާގެ ދެ ކަމްޕައުންޑެއް ބަންދު ކޮށްފައެވެ.