މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއިން ރާއްޖެއަށް ގެންނަ ޑްރެޖަރު، "މަހާ ޖައްރާފް" އަންނަ އޮކްޓޫބަރު މަހު ރާއްޖެ ގެނެވޭވަރު ވާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެމްޓީސީސީން ކުރިން ހާމަކޮށްފައިވާ ގޮތުގައި މި ޑްރެޖަރު ލިބުމާއި އެކު، އެ ކުންފުނީގެ ބިން ހިއްކުމާއި ފަޅު ފުންކުރުމުގެ މަސައްކަތް ފުޅާކޮށް، ރާއްޖެއާއި ރާއްޖެއިން ބޭރުގައި އެ ކުންފުނިން ބިން ހިއްކުމާއި ފަޅު ފުންކުރުމުގެ ޚިދުމަތް ދޭން ފަށާނެއެވެ.
"މަހާ ޖައްރާފް" ގެނެވުމުން ރާއްޖެއިން ބޭރުގައިވެސް އެމްޓީސީސީން ބިން ހިއްކުމާއި ފަޅު ފުންކުރުމުގެ މަސައްކަތް ކުރުމަށް ނިންމާފައި ވީނަމަވެސް، އެ ކުންފުނީގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ކުރިއަށްދާ ބިން ހިއްކުމާއި ފަޅު ފުންކުރުމުގެ މަސައްކަތްތަކަށް އިސްކަންދިނުންކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ނެދަލެންޑްސްގެ އައި.އެޗް.ސީއާ ހަވާލު ކޮށްގެން ޗައިނާގެ ނަންޓޮން ރެއިންބޯ މެރިން ޓެކްނޮލޮޖީއިން ބަނދެފައިވާ މި ޑެރެޖަރަކީ ދިގުމިނުގައި 90 މީޓަރު ހުންނަ އުޅަނދެކެވެ. 50 މީޓަރު އަޑިން ވެލި ނެގުމުގެ ޤާބިލުކަން ލިބިފައިވާ މި ޑްރެޖަރަށް އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރު ކުރެވޭކަމަށްވެސް އެމްޓީސީސީން ބުނެއެވެ.
މި ޑްރެޖަރަކީ 555 މިލިއަން ރުފިޔާ (36 މިލިއަން ޑޮލަރު) ގެ އަގަކަށް ބަނދެފައިވާ ޑްރެޖަރެކެވެ.