ރާއްޖޭގެ ބޮޑު ސަރަަހައްދަަކަށް ވިސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.
ވައިޓް އެލާޓް ނެރެފައިވަނީ ކާފު އަތޮޅާއި ލ އަތޮޅާއި ދެމެދުގެ އަތޮޅުތަކަށެވެ. އެގޮތުން އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށްވެސް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ. މީގެ އިތުރުން އެ ސަރަހައްދުތަކަށް ވައި ގަދަވެ ކަނޑު ގަދަވާނެ ކަމަށް ލަފާކޮށްފައިވާ އިރު ކޮޅިގަނޑުގައި 45 މޭލަށް ވައި ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެ އެވެ.
ކުރިއަށް އޮތް 24 ގަނޑި އިރު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާތަކުން ހާމަކޮށްފައިވާ އިރު މި ދުވަސްވަރަކީ އަތޮޅުތެރެއަށް ޢީދު ޗުއްޓީއަށް ގިނަބަޔަކު ގޮސް އުޅޭ ދުވަސްވަރެކެވެ. އަދި މީހުން އުފުލާ ދޯނި ފަހަރުވެސް އާންމުކޮށް ދަތުރުތައް ކޮށްއުޅޭ މިންވަރަށް ވުރެ ގިނައިން ދަތުރުތައް ކުރާ ދުވަސްވަރެކެވެ.
މިދުވަސްވަރު ދަތުރުތައްކޮށް އުޅުމުގައި ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ފުރިހަމަ ކޮށްގެން ދަތުރުތައް ކުރުމަށް ފުލުހުންނާއި އެމްއެންޑީއެފުން ވަނީ އާންމު ރައްޔިތުންނަށް އިލްތިމާސް ކޮށްފަ އެވެ.