ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ރަޝީދު ސަސްޕެންޑު ކުރީ އެ ކޯޓު ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ގާޒީ އާދަމް އާރިފްއާ މުޚާތަބުކޮށް ވިދާޅުވި ބަހެއްގެ ސަބަބުން ކަމަށް ރާއްޖެއެމްވީއަށް މައުލޫމާތު ލިބިއްޖެ އެވެ.
ޖުޑިޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ ގާޒީ އަހުމަދު ރަޝީދު ސަސްޕެންޑު ކުރީ އޯގަސްޓް މަހުގެ 23 ވަނަ ދުވަހު އެވެ.
ގާޒީ އަހުމަދު ރަޝީދު ސަސްޕެންޑު ކުރި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ރައީސުލްޖުމްހޫރިއްޔާ ފަރާތުން އިންނަވާ މެންބަރު، އެ ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު ފައިސަލް އެވެ.
ނަން ހާމަނުކުރުމަށް ޝަރުތުކޮށް ރާއްޖެއެމްވީއާ ވާހަކަ ދެއްކި ޖޭއެސްސީގެ މެންބަރަކު ވިދާޅުވީ ގާޒީ އަހުމަދު ރަޝީދާ ގުޅޭގޮތުން ހުށަހެޅުނު ސުލޫކީ މައްސަލައަކީ އިސްގާޒީއާ ދިމާލަށް "އެއްޗެއް' ވިދާޅުވުން ކަމަށެވެ.
ޖޭއެސްސީގެ މެންބަރު ވިދާޅުވީ ގާޒީ އަހުމަދު ރަޝީދުގެ މައްސަލަ ބަލައި ނިމެންދެން ސަސްޕެންޑު ކޮށްފައިވާއިރު، އެ މައްސަލަ މިހާތަނަން ބަލައި ނިމިފައިނުވާ ކަމަށެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޖޭއެސްސީއަށް އެ މައްސަލަ ހުށަހެޅީ ކްރިމިނަލް ކޯޓުގެ މުވައްޒަފެކެވެ.
ގާޒީ އަހުމަދު ރަޝީދު ސަސްޕެންޑު ކުރުމާ ގުޅޭ ގޮތުން ޖޭއެސްސީ އިން ބުނެފައިވަނީ ކޮމިޝަނުން ބަލަމުންދާ ޝަކުވާއަކާ ގުޅިގެން ކޮމިޓީގެ ތަހުގީގަށް ގާޒީ އަހުމަދު ރަޝީދު އޯގަސްޓް 23 ގައި ހާޒިރުވެ ޝަކުވާއާ ގުޅޭގޮތުން ދީފައިވާ ބަޔާނާއި، އެ ޝަކުވާއާ ގުޅިގެން ހުށަހެޅިފައިވާ ހެކިންނަކީ ކްރިމިނަލް ކޯޓުގެ ބައެއް ގާޒީންނާއި ބައެއް މުވައްޒަފުން ކަމަށްވުމުން، ގާޒީ އަހުމަދު ރަޝީދު ކޯޓަށް ނުކުމެ މަސައްކަތް ކުރެވޭގޮތަށް އޮވެއްޖެނަމަ، ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ބޮޑުކަމަން ކޮމިޓީއަށް ގަބޫލުކުރެވިފައިވާ ކަމަށެވެ.
ގާޒީ އަހުމަދު ރަޝީދު ކްރިމިނަލް ކޯޓުގެ މަސައްކަތަށް ނުކުމެ އުޅުމަކީ ކޮމިޓީން ކުރަމުންދާ ތަޙްޤީޤަށް ހުރަސްތަކެއް އެޅިދާނެ ކަމެއްކަމަށް ބެލެވޭ ކަމަށާއި އެހެންކަމުން ފަނޑިޔާރުންގެ ގާނޫނުގެ 38 ވަނަ މާއްދާގެ (ރ) ގެ ދަށުން ޝަކުވާގެ ތަހުގީގު ފުރިހަމަކޮށް، އެ ކަމުގެ ރިޕޯޓު ކޮމިޝަނަށް ހުށަހަޅާ، ގާނޫނުގައިވާ ގޮތުގެމަތީން ލިބެންޖެހޭ ފުރުސަތުތަކަށްފަހު، ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން ގާޒީ އަހުމަދު ރަޝީދު ސަސްޕެންޑް ކުރާ ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.
ގާޒީ އަހުމަދު ރަޝީދު ސަސްޕެންޑް ކޮށްފައި މިވަނީ، ކްރިމިނަލް ކޯޓުގެ އިސްގާޒީގެ މަގާމުގައި ހުންނެވި އަބްދުލް ބާރީ ޔޫސުފް ޖުވެނައިލް ކޯޓަށް ބަދަލުކޮށް، ގާޒީ އަހުމަދު ޝަކީލް ފެމިލީ ކޯޓަށް ބަދަލުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.