ޙައްޖު ދުވަހު އަރަފާތު ބިމަށް ދިޔަ ދިވެހި ބައެއް ޙައްޖާޖީން އަރަފާތު ބިމުގައި "ތާށިވެ، ގެއްލިފައިވާ" ކަމަށް އެފަރާތްތަކުގެ އާއިލާތަކުން ބުނެފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަރަފާތުގައި ތާށިވެ ގެއްލިފައިވަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ބެލުމުގެދަށުން ޙައްޖަށް ދިޔަ ޙައްޖާޖީންނެވެ. އަރަފާތުގައި ތާށިވެފައި ތިބި ބައެއް ޙައްޖާޖީންނާއި، އެފަރާތްތަކުގެ އާއިލާތަކުގެ ފަރާތުން އެނގުނު ގޮތުގައި ދިވެހި ފަންސާހެއްހާ ޙައްޖުވެރިން ވަނީ ހަވާލުވާނެ ފަރާތެއްނެތި އަރަފާތުގައި ތާށިވެފައެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދިން ޙައްޖާޖީއެއްގެ އާއިލާގެ މެންބަރަކު ބުނީ، ޙައްޖާޖީން އަރަފާތު ބިމުގައި ތާށިވެ، ގެއްލެން މެދުވެރިވީ ޙައްޖު ދުވަހު އިރުއޮއްސުނު ވަގުތު ބަސް ނުލިބުމުގެ ސަބަބުން ފަތިސްވަންދެން އެ ބިމުގައި މަޑުކުރުމަށްފަހު، އެންމެފަހުން ފަތިހު ހިނގާފައި ދަތުރު ފެށުމާއި ގުޅިގެން ކަމަށެވެ. އެގޮތުން ހިނގާފައި ދަތުރުކުރުމުގެ ތެރޭގައި ބައެއް ފަރާތްތައް ވަރުބަލިވެ، ގްރޫޕާއި ވަކިވެ، ގެއްލުނީކަމަށް އެފަރާތްތަކުން މައުލޫމާތު ދިނެވެ.
އަރަފާތުގައި ތާށިވެ، ގެއްލުނު ދިވެހި ދެމީހަކު މިހާރު ހޯދިފައިވާކަމުގެ މައުލުމާތު ލިބިފައިވާއިރު، ރާއްޖެއެމްވީ އާއި ވާހަކަދެއްކި ޙައްޖާޖީއަކު ބުނީ، އަރަފާތުގައި ތާށިވެ، ހަދާނެ ގޮތެއް ނެތިފައި ތިބޭތާ ހަ ގަޑިއިރަށްވުރެ ގިނައިރު ވެފައިވާ ކަމަށާ، ސައުދީގެ ޙައްޖު އޮފިޝަލުންނާއި އެހެން ފަރާތަކުންވެސް އެ ހައްޖާޖީންނަށް އަދި އެހީއެއް ނުލިބޭކަމަށެވެ. ރާއްޖެއެމްވީއާއި ވާހަކަ ދެއްކި ހައްޖާޖީއާއިއެކު ވިއްސަކަށް ދިވެހި ޙައްޖާޖީން ތިބިކަމަށް އޭނާ ބުނި އިރު، އެ ގްރޫޕް ތިބީ އަރަފާތުގެ 45 ވަނަ ގޭޓު ކައިރީގައި ކަމަށް އޭނާ ބުންޏެވެ.
ދިވެހި ބައެއް ޙައްޖާޖީން އަރަފާތު ބިމުގައި "ތާށިވެ، ގެއްލިފައިވާ" ކަމަށް އެފަރާތްތަކާއި އާއިލާތަކުން ބުނެފައިވާއިރު، މި ކަމާއި ގުޅިގެން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ބަހެއް ހޯދުމަށް ފޯނާއި، މެސެޖު މެދުވެރިކޮށް ރާއްޖެއެމްވީން އެކި ގޮތްގޮތުން ކުރި މަސައްކަތް ވަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޖަވާބެއް ނުލިބުމުގެ ސަބަބުން ނާކާމިޔާބުވެފައެވެ.