ޢީދު ދުވަހުގެ ހަވީރު އެމްޓީސީސީ ހުޅުމާލެ ފެރީ ޓާރމިނަލް ތޮއްޖެހި އެތައް ބައެއް ހިތްހަމަ ނުޖެހުން ފާޅުކޮށްފިއެވެ.
ޢީދު ދުވަހު ހެނދުނު 9 އަކުން ފެށިގެން އެތައް އިރެއް ވަންދެން ކިއުގައި ގިނަ ބަޔަކު ތިބެން ޖެހުނެވެ. ހުޅުމާލެއަށް ދިއުމަށްޓަކައި ގިނަބަޔަކު ކިއު ހަދާފައިވާއިރު އެތާނގައި ދިވެހިންނަށް ވުރެ ބިދޭސީ މީހުން ގިނައެވެ. ކިއުގައި ގިނައިރުތަކެއް ވަންދެން ތިބެން ޖެހުމުން ދިވެހިން އަދި ބިދޭސީންވެސް ވަނީ ނުރުހުން ފާޅުކޮށްފައެވެ.
ކިއު މެނޭޖްކުރުމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ އެމްޓީސީސީގެ މުވައްޒަފަކު ރާއްޖެއެމްވީއަށް މައުލޫމާތުދެމުން ބުނީ ހެނދުނު 9 އަކުން ފެށިގެން 3 ޖެހުމާއި ހަމައަށް ގާތްގަނޑަކަށް 4000 ވަރަކަށް މީހުން ހުޅުމާލެ ދަތުރުކޮށްފައިވާ ކަމަށާއި މީހުން ގިނަ ވުމުގެ ސަބަބުން 5 މިނެޓާއި 10 މިނެޓާއި ދޭތެރޭ ފެރީ ދަތުރުތައް ހަމަޖައްސާފައިވާ ކަމަށެވެ.
މީހުން ގިނަ ކަމުން ޓާރމިނަލްގެ ދެ ދޮރާށި ބަންދުކުރުމަށްފަހު ކިއު މެނޭޖްކުރަން ހަރަކާތްތެރިވި މުވައްޒަފު، މީހުން ވައްދަމުން ގެންދިޔައީ އެންމެ ދޮރާއްޓަކުންނެވެ.
ޢީދު ދުވަހާ ދިމާކޮށް، ގިނަ ބަޔަކު ހުޅުމާލޭ ފެރީ ކިއުގައި ޖެހިފައިވާ އިރު، ހަވީރު 03:30 ހާއިރު ސައިކަލްގެ ކިއުވެސް ފުދޭ ވަރަކަށް ދިގެވެ.
އާންުމުކޮށްވެސް ރަސްމީ ބަނދު ދުވަސްދުވަހާއި، އީދު ދުވަސްތައް ފަދަ ދުވަސްތަކުގައި ހުޅުމާލެއަށް ދިއުމަށް ބޮޑެތި އުދަނގޫތަކާއި ކުރިމަތިވެއެވެ. އެގޮތުން ބޮޑެތި ކިއޫތައް އޮންނައިރު، ސައުކަލު ކިއޫވެސް ވަރަށް ބޮޑުކޮށް އޮވެއެވެ. ނަމަވެސް އެފަދަ ދުވަސް ދުވަހަށް ހާއްސަކޮށް އެމްޓީސީސީއަށް އަދިވެސް ހައްލެއް ހޯދައިދެވިފައިނުވާތީ ގިނަ ބައެއްގެ ފާޑުކިޔުންތައް އެމްޓީސީސީއަށް އަމާޒުވެއެވެ. ސަރުކާރުން ބުނަމުންގެންަދަނީ ހުޅުލެ މާލެ ބްރިޖާއެކުގައި މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށެވެ. ނަމަވެސް އާންމުން ބުނަމުންގެންދަނީ މައްސަލައަށް ދާއިމި ހައްލެއް ލިބެންދެން އެމްޓީސީސީން ވަގުތީ ހައްލެއް ހޯދައިދޭންޖެހޭނެކަމަށެވެ.