ދެކުނު އިންޑިއާގެ ބެންޑީ ބާޒާރުގައި ހުންނަ 117 އަހަަރުވީ ހުސައިނީ އިމާރާތް ބުރާސްފަތި ދުވަހު ހެނދުނު ވެއްޓުނު ހާދިސާގައި މަދުވެގެން 33 މީހުން މަރުވެފައިވާ ކަަމަށް އޮފިޝަލުން ބުނެފިއެވެ.
މިހާތަނަށް އިމާރާތުގެ ދަށުވި މީހުންގެ ތެރެއިން 46 މީހަކު ސަލާމަތްކޮށްފައިވާ ކަމަށް ބެލެވޭއިރު އިތުރު ބަޔަކު އަދިވެސް އިމާރާތުގެ ދަށުވެފައިވާ ކަމުގެ ބިރު ވަނީ ހީވެފައެވެ.
ރެސްކިއު އޮޕަރޭޝަންގައި ހަަރަކާތްތެރިވަނިކޮށް މަދުވެގެން އަލިފާން ނިއްވާ ހަ މީހުންނާއި އަދި ނެޝެނަލް ޑިޒާސްޓާ ރެސްޕޯންސް ފޯސްގެ މުވައްޒަފަކު ވަނީ މަރުވެފައެވެ.
މުމްބާއީ އަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމުގެ މަސައްކަތް އިންޑިއާއިން ގެންދަނީ ކުރަމުންނެވެ. އިމާރާތްތައް ވެއްޓުމުގެ ހާދިސާތަކަކީ އިންޑިއާގައި އާއްމު ކަމަކަށްވާއިރު ހާއްސަކޮށް ވިއްސާރަ މޫސުމުގައި އެކަން އިތުރުވެއެވެ.
ހުސައިނީ އިމާރާތް ބުރާސްފަތި ދުވަހު ހެނދުނު ވެއްޓުނު ހާދިސާ ހިނގަން ދިމާވި ސަބަބެއް އަދި ނޭނގެއެވެ. 2011 ވަނަ އަހަރު ހުސައިނީ އިމާރާތުގައި މީހުން ދިރިއުޅެން ރައްކާތެރިނޫން ކަމަށް ކަނޑައެޅި ނަމަވެސް ބައެއް މީހުން އެ އިމާރާތުގައި ދިޔައީ ދިރިއުޅެމުންނެވެ.
މިއީ މަހެއްހާ ދުވަހަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައި މުމްބާއިގައި ވެއްޓުނު ތިންވަނަ އިމާރާތެވެ.
މުމްބާއީގައި ގެދޮރު ވިއްކާ އަދި ކުއްޔަށްދޭ އަގުތަކަކީ އޭޝިއާގައި ގެދޮރު ވިއްކާ އަދި ކުއްޔަށްދޭ އެންމެ ބޮޑެތި އަގުތަކުގެ ތެރޭގައި ހިމެނޭ އަގުތަކެކެވެ.