Advertisement
ކ. މާލެ
|
21 އޯގަސްޓް 2025 | ބުރާސްފަތި 18:38
އއ.އުކުޅަހުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ
އއ.އުކުޅަހުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ
ރައީސް އޮފީސް
ރަށު ފަތުރުވެރިކަން
ގެސްޓް ހައުސް ވިޔަފާރިވެރިން ޝޯޓްކަޓް ނަގައިގެން، ދީނާއި ޚިލާފު ކަންކަން ހިންގައިގެން މުއްސަނދި ވާން މަސައްކަތް ކުރާ ކަމަށް ރައީސް ތުހުމަތުކުރައްވައިފި
ލޯކަލް ޓުއަރިޒްމްގެ ކަންކަން ކުރިއަށް ގެންދިއުމުގައި އިންތަކެއް އޮންނަން ވާނެ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފަ
ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރިންގެ ސަބަބުން ކުޑަކުދިންނާއި މުޖުތަމައު ނުރަނގަޅު ކަންކަމަށް ހުށަހެޅޭ ކަމަށް ރައީސް ފާހަގަކުރެއްވި
ލޯކަލް ޓުއަރިޒަމްގެ ކަންކަން ކުރިއަށް ގެންދަން ވާނީ ދީނުގައި އޮންނަ ގޮތަށް ކަމަށް ރައީސް ވިދާޅުވި

ގެސްޓް ހައުސް ވިޔަފާރިވެރިން، ޝޯޓްކަޓް ނަގައިގެން، ދީނާއި ޚިލާފު ކަންކަން ހިންގައިގެން މުއްސަނދި ވާން މަސައްކަތް ކުރާ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ތުހުމަތުކުރައްވައިފި އެވެ.

ރައީސް އެފަދައިން ތުހުމަތު ކުރައްވާފައި ވަނީ އެ މަނިކުފާނު އއ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އއ.އުކުޅަހުގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކާއި ގެސްޓްހައުސްތަާއި މެދު ނުރުހުން ފާޅުކުރައްވާ ވާހަކަދައްކަވާފައެވެ. އެގޮތުން އެ ރަށްރަށަށް އަންނަ ފަތުރުވެރިންގެ ސަބަބުން ކުޑަކުދިންނާއި މުޖުތަމައު ނުރަނގަޅު ކަންކަމަށް ހުށަހެޅޭ ކަމަށް އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ރައީސްގެ އެ ވާހަކަތައް ބިނާކުރައްވާފައި ވަނީ ކުޑަކުއްޖަކު އެ މަނިކުފާނަށް ދިން ކަމަށް ބުނާ ނޯޓެއްގެ މައްޗަށެވެ. އެ ނޯޓު ލިބުނީ ވެސް މި ވާހަކަ ދައްކަން ވިސްނަވައިގެން ހުންނަވަނިކޮށް ކަމަށް ރައީސްގެ މުއިއްޒުގެ ވާހަކައިގައު ފާހަގަކުރައްވާފައިވެ އެވެ.

ބައެއް ރަށްރަށުގެ ކައިރިއަށް ސަފާރީތައް ގެންގޮސްގެން، ގެސްޓްހައުސްތަކުގައި ތިބޭ ގެސްޓުން އެ ސަފާރީތަކަށް ގެންގޮސްގެން ރާ ބޯން ދީގެން ރަށްރަށަށް ގެންނަ ކަމަށާއި އެކަން އޮޅުވާލުމަށް މަސައްކަތް ކުރާ ކަމަށް އެ މަނިކުފާނު ވަނީ ސިފަކުރައްވާފަ އެވެ.

ގާނޫނުގެ ތެރެއިން ހަނި ފުރުސަތުތައް ހޯދައިގެން އަމުދުން އަޅުގަނޑުމެންގެ ދީން ހުއްދަ ނުކުރާ ކަންކަން ކުރަންޏާ އެއީ އަޅުގަނޑުމެންގެ މުސްތަގްބަލް ހަލާކުކޮށްލަނީ. އަޅުގަނޑުމެން އަމިއްލަ އަށް އަމިއްލަ ނަފްސަށް ކޮންކަމެއްތޯ މި އޮޅުވާލަން މަސައްކަތް ކުރަނީ. ކައިރީގައި އޮންނަ ސަފާރީ ރަށުގެ 700 މީޓަރުން ބޭރުގައި އޮންނަ ސަފާރީ އަށް ގެންގޮސް، ރާދީ ރާވިއްކައި ދީގެން އަނބުރާ ރަށަށް ގެނެސް މި ހަދަނީ. ކާކަށްތޯ މި އޮޅުވާލަން މަސައްކަތް ކުރަނީ؟ އަޅުގަނޑުމެން ކޮން މުއްސަނދި ކަމެއްތޯ މި ހޯދަނީ އެކަލާނގެ ނުރުއްސަވާ މަގަކުން. ކޮން ބަރަކާތެއްތޯ އޭގަ އޮންނާނީ. ކޮން ޝޯޓުކަޓެއްތޯ ނަގަން މި މަސައްކަތް ކުރަނީ.

ރައީސް ޑރ.މުހައްމަދު މުއިއްޒު

ލޯކަލް ޓުއަރިޒްމްގެ ކަންކަން ކުރިއަށް ގެންދިއުމުގައި އިންތަކެއް އޮންނަން ވާނެ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެކަން ކުރަން ވާނީ ދީނުގައި އޮންނަ ގޮތަށް ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެގޮތަށް ގެސްޓް ހައުސް ވިޔަފާރި ހިންގާ ނަމަ ސަރުކާރުގެ އެއްބާރުލުން ފުރިހަމަ އަށް އެފަދަ ފަރާތްތަކަށް ލިބޭނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

- ކޮމެންޓް