Advertisement
ކ. މާލެ
|
19 އޯގަސްޓް 2025 | އަންގާރަ 19:05
ބްރޯޑްކާސްޓިންގ ކޮމިޝަން
ބްރޯޑްކާސްޓިންގ ކޮމިޝަން
މިހާރު
ބްރޯޑްކޮމް
"ކާލާ ބައިސާ" ޕްރޮގްރާމްގައި ސުހައިލްގެ އަބުރަށް ހުތުރުވާގޮތަށް ބްރޯޑްކާސްޓްކޮށްފައިވާ ވާހަކަތަކަށް ޖަވާބުދާރީވާން ރާއްޖެޓީވީ އަށް އަންގައިފި
ރާއްޖެޓީވީން ޖަވާބުދާރީވާން 3 ސެޕްޓެމްބަރު 2025 ގެ 14:00 ގެ ނިޔަލަށް ވަނީ މުއްދަތު ދީފަ
ކަނޑައެޅިފައިވާ މުއްދަތުގައި ޖަވާބު ނުދީފިނަމަ ލިބިފައިވާ ލިޔެކިއުންތަކުގެ އަލީގައި މައްސަލަ ބަލައި ނިންމާނެ

ރާއްޖެ ޓީވީ "ކާލާ ބައިސާ" ޕްރޮގްރާމްގައި އިސްމާޢިލް ސުހައިލްގެ އަބުރަށް ހުތުރުވާގޮތަށް ވައްކަމުގެ ތުހުމަތުއޮތް މީހެއްކަމަށް އިޝާރާތްކޮށް ބްރޯޑްކާސްޓްކޮށްފައިވާ ވާހަކަތަކަށް ޖާވާބުދާރީވުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީ އަށް އަންގައިފި އެވެ.

ރާއްޖެޓީވީ އަށް ޖަވާބުދާރީ ވާން އަންގާފައި ވަނީ 17 އޮގަސްޓްގައި ރާއްޖެޓީވީ އަށް ފޮނުވާފައިވާ ސިޓީއެއްގައެވެ.

އެ ސިޓީގައި ބުނެފައިވަނީ، ރާއްޖެ ޓީވީން 20 އޭޕްރިލް 2025 ވަނަ ދުވަހުގެ ރޭ ލައިވްކޮށް ބްރޯޑްކާސްޓްކުރި "ކާލާ ބައިސާ" ޕްރޮގްރާމްގައި އިސްމާއިލް ސުހައިލްގެ އަބުރަށް ހުތުރުވާގޮތަށް ވައްކަމުގެ ތުހުމަތުއޮތް މީހެއްކަމަށް އިޝާރާތްކޮށް ބްރޯޑްކާސްޓުކުރި ކޮންޓެންޓެއް ބްރޯޑްކާސްޓުކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާޢި ޚިލާފު ވާހަކަތަކެއް ދައްކާފައިވާ ކަމަށެވެ.

ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ތިން ވަނަ ހަމައިގެ (1) "މީހެއްގެ ނުވަތަ ބައެއްގެ ހުރުމަތް ކެނޑި ދާ ފަދަ އިއްޒަތާއި ޤަދަރަށް އުނިކަމެއް އަތުވެދާ ފަދަ ނުވަތަ ނިކަމެތިކަމެއް ލިބިދާނެ ބަސްތަކާއި މަންޒަރާއި އަޑު ބްރޯޑްކާސްޓް ކޮށްފައިވާ ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.

އަދި ހުށަހަޅާފައިވާ ޝަކުވާއާ ގުޅޭގޮތުން، ޝަކުވާ ހުށަހެޅުމާއި ޝަކުވާ ބަލައިގަތުމުގެ ނިޒާމްގެ 8 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ލިޔުމުން ޖަވާބުދާރީ ވުމަށް ރާއްޖެޓީވީ އަށް އެ ކޮމިޝަނުން ވަނީ ފުރުސަތު ދީފައެވެ. އެ ފުރުސަތު ދީފައި ވަނީ 03 ސެޕްޓެމްބަރު 2025 ވާ ބުދަ ދުވަހުގެ 14:00ގެ ނިޔަލަށެވެ. އަދި މި މުއްދަތުގައި ޖަވާބު ދެއްވުމަށް އުޒުރުވެރިވެލައްވާނަމަ، ސަބަބު ބަޔާންކުރައްވައި ޖަވާބުދާރީވުމަށް ދީފައިވާ މުއްދަތައް އިތުރު ފުރުސަތަށް އެދި ވަޑައިގަތުމަށް އެކޮމިޝަނުންވަނީ އެދިފައެވެ.

ބްރޯޑްކޮމް އިން ބުނީ، ހަވާލާދީފައިވާ މުއްދަތުގައި އެ ކޮމިޝަނަށް ލިޔުމުން ޖަވާބު ހުށަހަޅުއްވާފައި ނުވާނަމަ ނުވަތަ ސަބަބު ބަޔާންކޮށް ޖަވާބުދާރިވުމުގެ މުއްދަތު އިތުރުކުރުމަށް އެދި ލިޔުމުން ހުށަހަޅުއްވާފައި ނުވާނަމަ ތަހުގީގަށް ލިބިފައިވާ ލިޔެކިއުންތަކުގެ އަލީގައި މައްސަލަ ބަލައި ނިންމާނެ ކަމަށެވެ.

- ކޮމެންޓް