ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޖަލު ހުކުމް އެއްކޮށް ގޭބަންދަށް ބަދަލު ކުރުމަށް ނިންމާފައި ނުވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުނެފި އެވެ.
ކަރެކްޝަނުގެ މީޑިއާ އޮފިޝަލް ބުރާސްފަތި ދުވަހު ވިދާޅުވީ ގާސިމްގެ ޖަލު ހުކުމް އެއްކޮށް ގޭބަންދުގައި ހުންނަވައިގެން ތަންފީޒްކުރާ ގޮތަށް ބަދަލުކުރުމަށް ނިންމާފައިނުވާ ކަމަށެވެ. އެހެން ނަމަވެސް ގާސިމްގެ ސިއްޚީ ހާލުކޮޅަށް ބަލައި ވަގުތީ ގޮތުން ގޭބަންދަށް ބަދަލު ކުރުމަށް ކަރެކްޝަނުން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ ވަގުތީ ގޮތުން ގާސިމް ގޭބަންދަށް ބަދަލު ކުރީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 75 ވަނަ މާއްދާއަށް ރިއާޔަތްކޮށް ކަމަށެވެ.
ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 75 ވަނަ މާއްދާގައި ބުނެފައި ވަނީ ޖަލުގައި ހުކުމް ތަންފީޒު ކުރުމަށް ނުކުޅެދޭ ފަދަ ބައްޔެއް ނުވަތަ ރަނގަޅުވާނެ ކަމަށް ލަފާނުކުރެވޭ ނަފްސާނީ ބައްޔެއް ނުވަތަ ގައިންގަޔަށް އަރާ ބައްޔެއް ހުރި ކަމަށް މެޑިކަލް އޮފިސަރަށް ފާހަގަކުރެވިއްޖެނަމަ އެކަމެއް ލިޔުމުން ޑައިރެކްޓަރ އޮފް ޕްރިޒަންއަށް އަންގަންވާނެ ކަމަށެވެ. އަދި މެޑިކަލް އޮފިސަރ އަންގާ އެންގުންތަކަށް ބަލާފައި، އެ އެންގި މައްސަލައެއް ހައްލުވަންދެން ގައިދީއަކު ޖަލުން އެހެން ތަނަކަށް ބަދަލުކުރުމަށް ޑައިރެކްޓަރ އޮފް ޕްރިޒަންގެ ލަފާގެމަތިން ކޮމިޝަނަރަށް ލިޔުމަކުން ހުއްދަ ދެވިދާނެ ކަމަށް ބަޔާން ކޮށްފައިވެއެވެ.
ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ގާސިމަށް އަދިވެސް ހޮސްޕިޓަލުން ފަރުވާ ދެއްވަމުން ގެންދަވާއިރު، ކަރެކްޝަނުން ބައެއް އިންތިޒާމް ތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން ގޭ ބަންދުގައި ހުންނަ މީހަކަށް ލިބިދޭ ބައެއް ހައްގުތައް، ހޮސްޕިޓަލުގައި އޮންނެވި ނަމަވެސް ބުދަ ދުވަހުގެ ރެއިން ފެށިގެން ގާސިމަށް ހަމަޖައްސަދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ގާސިމްގެ އަރިހުގައި ކުރިން އާއިލާގެ އެކަކަށް ހުރުމުގެ ފުރުސަތު އޮތް ނަމަވެސް މިހާރު އާއިލާގެ ހުރިހާ އެންމެނަށް ވެސް ހޮސްޕިޓަލުގައި ވެސް ތިބެވޭނެ ކަމަށް ކަރެކްޝަނުން އަންގާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުއްވުމުގެ ދައުވާގެ ކުށް ސާބިތުކޮށް ގާސިމް ތިން އަހަރާއި ދެ މަސް ދުވަހާއި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރީ ޣައިރު ހާޒިރުގައި، އޯގަސްޓް 24 ވަނަ ދުވަހުގެ ރޭ ދަންވަރު އެވެ. އޭރު ވެސް ގާސިމް އޮންނެވީ އައިޖީއެމްއެޗްގައި އެޑްމިޓް ކުރައްވާފަ އެވެ.
ގާސިމަށް އިއްވި ހުކުމުގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ އިންތިޒާމްތައް ހަމަޖައްސައިދިނުމަށް އިދާރާތަކުގެ މައްޗަށް އަމުރު ކޮށްފައިވާއިރު ކަރެކްޝަނުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިޖުރާއަތު ފުރިހަމަ ކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށެވެ.
ބަންޑާރަނައިބުގެ އޮފީހުން ވަނީ، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ އިންތިޒާމްތައް ހަމަޖައްސައިދިނުމަށް ހުކުމުގައި ކޮށްފައިވާ އަމުރު ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.