ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުލް ބާރީ ޔޫސުފްގެ ނަމުގައި ޓްވިޓަރ ގައި ހަރަކާތްތެރިވާ އެކައުންޓާ އެއްވެސް ގުޅުމެއް ނެތް ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
ފޭސްބުކްގައި ބާރީ ވިދާޅުވީ އެ ފޭސްބުކް އެކައުންޓް ފިޔަވައި އިތުރު އެހެން ފޭސްބުކް އެކައުންޓެއް ނުގެންގުޅުއްވާ ކަމަށެވެ. އަދި މި ދުވަސްވަރު އޭނާގެ ނަމުގައި ޓްވިޓަރ ގައި ދައުރުވަމުން ދަނީ އޭނާގެ އެކައުންޓް ނޫން ކަމަށާއި އެއީ ބަޔަކު ހަދައިގެން އުޅޭ ފޭކު އެކައުންޓަތަކެއް ކަމަށް ވިދާޅުވެފައިވެއެވެ.
ބާރީ ވިދާޅުވީ ނަސްރާއި ކާމިޔާބަށްޓަކައި ހައްގު ގޮތުގައި ސޯޝަލް މީޑިއާ ބޭނުން ކުރުމަށް ހުރިހާ ފަރާތްތަކަށް ދަންނަވާ ކަމަށެވެ.
ޖުޑިޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ) އިން ބާރީ ޖުވެނައިލް ކޯޓަށް ބަދަލުކުރީ ޖުލައި މަހުގެ 11 ވަނަ ދުވަހުގެ ރެ އެވެ.
ޖޭއެސްސީއިން އެ ނިންމުން ނިންމުމުގެ ކުރިން ބާރީ ވަނީ ކޯޓުގައި އޮތް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްސަލަ ބާތިލްކޮށް ބޭރުކޮށްލާފަ އެވެ. ނަމަވެސް އަލުން އެ ދައުވާކޮށް، މިދިޔަ ބުރާސްފަތި ދުވަުހުގެ ރޭ ގާސިމްގެ ޣައިރު ހާޒިރުގައި ވަނީ ހުކުމްކޮށްފަ އެވެ. ހޮސްޕިޓަލުގައި ގާސިމް އެޑްމިޓް ކޮށްފައިވަނިކޮށް، ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް އެމަނިކުފާނު ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފަ އެވެ.
ފަހަކަށް އައިސް ބާރީ ގެންދަވަނީ ފޭސްބުކްގައި ތަފާތު ވާހަކަތަކެއް ދައްކަވަމުންނެވެ. ބާރީ ވަނީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަރުގަދަ އިންޒާރެއް ވެސް ދެއްވާފަ އެވެ. ނަމަވެސް އެއީ ކޮން ބަޔަކަށް ނުވަތަ ކާކަށް ނިސްބަތްކޮށް ލިޔުއްވި އެއްޗެއް ކަމެއް ވިދާޅުވެފައެއް ނުވެ އެވެ.
ގާޒީ ބާރީ ވިދާޅުވީ "ހަމަ ކަށަވަރުން "އެބައި މީހުންނަކީ" އަނިޔާވެރި ޖާހިލު ބައެއް" ކަމަށެވެ. އަދި "އެއީ ކޮން ބައެއް ކަމާއި، އެބައިމީހުންގެ އަނިޔާވެރިކަމާއި ޖާހިލުކަމުގެ ތަފްސީލު އަންނަނީ...." ކަމަށް ގާޒީ ބާރީ ވިދާޅުވެފައިވެއެވެ.
އެ ވާހަކަތައް ދައްކަވަމުން ގެންދަވަނިކޮށް ފުލުހުން ވަނީ ބާރީގެ އާއިލާއަށް ފޯރުކޮށްދެމުން އައި ސެކިއުރިޓީ ދިނުން ހުއްޓާލާފަ އެވެ.
އެކަމާ ގުޅޭ ގޮތުން ބާރީ ފޭސްބުކްގައި ވިދާޅުވެފައިވަނީ އަނބިދަރިންނަށް ފުލުހުންގެ ފަރާތުން ދެމުން އައި ސެކިއުރިޓީ ކަނޑާލީ ބިރުދައްކަން ކަމަށްވާނަމަ އަދި ތި ހީކުރެވުނީ ރަނގަޅަށް ނޫން ކަމަށެވެ. "ކެރެންޏާ އަޅުގަނޑު މަރާލާ" ބާރީ ވިދާޅުވެފައިވެއެވެ.