މުނިފޫހިފިލުވުމުގެ ދާއިރާގައި ދިވެހިންގެ މެދުގައި ބޮޑު މަޤްބޫލްކަމެއް ހޯދާފައިވާ އަލީ ސީޒަންގެ، ސީޒަން އަލީ ޕްރޮޑަކްޝަން އިން ދިވެހިންނާއި ހަމައަށް ގެނެސްދޭ "ޕަރީ" ފިލްމްގެ ނަން ލޯންޗްކޮށްފިއެވެ.
ސީޒަންގެ އިތުރުން އަހުމަދު އަހުސަން އަކީ ވެސް ފިލްމްގެ ޕްރޮޑިއުސަރއެވެ.
ފިލްމްގެ ޕްރޮޑަކްޝަންގެ ވާހަކަ އާއި ހިސާބުން ދިވެހިންގެ ޝައުގުވެރިކަން ދަމައިގަނެފައިވާ މި ފިލްމުގެ ލޯގޯ ލޯންޗްކުރީ އާދިއްތަ ދުވަހުއެވެ. މި ފިލްމް ވެގެންދާނީ ދިވެހި ސިނަމާގައި ފާހަގަކޮށްލެވޭ ފިލްމަކަށެވެ.
އޭގެ ތެރެއިން އެއް ސަބަބަކީ މި ފިލްމަކީ ސީޒަން އާއި އަހުސަން ޕްރޮޑިއުސްކުރާ ފިލްމަކަށް ވެފައި މިއީ ސީޒަން ޑައިރެކްޓް ކުރާ ފިލްމެއް ދިވެހި ސިނަމާ އަށް ތިން އަހަރަށް ފަހު ގެނެސްދޭ ފިލްމަށް ވުމެވެ.
ފިލްމުގެ ކާސްޓުންނަކީ ފިލްމް ޝައުގުވެރިކޮށްދޭ އަނެއް ސަބަބެވެ. ފިލްމްގެ ކާސްޓުންގެ ތެރޭގައި ޝީލާ ނަޖީބް، ރިޝްމީ ރަމީޒް، އައިޝަތު ލަމްސާ ލަތީފް، ޖުމައްޔިލް ނިމާލް، މުހައްމަދު ނައުޝާދު އަލީގެ އިތުރުން އަލީ ސީޒަން ފަދަ މޫނުތައް ފާހަގަކޮށްލެވެއެވެ. ފިލްމްގެ ކާސްޓުންގެ ގޮތުގައި ތިބީ ދިވެހިންގެ ލޯބި ހޯދާފައިވާ ކުޅަދާނަ ފަންނާނުންކަމަށް ވުމާއި އެކު މި ކާސްޓާއި އެކު ޕަރީ ފިލްމް ދިވެހިންނާއި ހަމައަށް އަންނާނެ އިރެއްގެ އިންތިޒާރުގައި މިހާރުވެސް ސިނަމާ އަށް ލޯބިކުރާ އެތައް ބަޔަކު ތިބިކަން ފާހަގަކޮށްލެވެއެވެ