އުލްހިޔާ ކަތިލުން މިފަހަރު މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި ކުރިގެންދިއުމަށް ހަމަޖައްސައިފި އެވެ.
އުލްހިޔާ ކަތިލުން ފެށުމަށް ހަމަޖެހިފައިވަނީ، ޢީދު ނަމާދަށްފަހު އެވެ. އުލްހިޔާ ކަތިލުމުގެ އިންތިޒާމުތައް އަމިއްލަ ގްރޫޕުތަކުން ހަމަޖައްސައިދޭ އިރު، ޢީދު ނަމާދަށް ފަހު އިންޑަސްޓިއަލް ވިލޭޖު ސަރަހައްދަށް ގޮސް އުލުހިޔާގެ ގޮތުގައި ކަތިލަން ބޭނުންވާ ބަކަރިއެއް އިހްތިޔާރު ކުރުމުގެ ފުރުސަތުވެސް ބައެއް ގްރޫޕުތަކުން ވަނީ ހުޅުވާލާފަ އެވެ. ކަތިލުމުން ބަކަރި ކޮށާ ދިނުމުގެ އިންތިޒާމުތައްވަނީ ހަމަޖެހިފަ އެވެ.
އުލްހިޔާ ކަތިލުމުގެ މަސައްކަތްކުރާ އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވްސް އިން ވަނީ އެފަރާތައް ގުޅައިގެން ބަރަކި ކަތިލުމަށް ނަން ނޯޓް ކުރުމަށް ފުރުސަތު ހުޅުވާލާފަ އެވެ. އިސްލާމިކް ފައުންޑޭޝަނާއި "އަގީގާއެމްވީ" އާ ގުޅިގެން އުލްހިޔާ ކަތިލުމުގެ މަސައްކަތް ކުރާ އިރު، މިފަހަރު ގާތްގަނޑަކަށް 75 ބަރަކި ކަތިލުމަށް ވަނީ ހަމަޖެހިފަ އެވެ.
އަގީގާ އެމްވީގެ ފައުންޑަރ އަހުމަދު ލަތީފު ވިދާޅުވީ، އުލްހިޔާ ކަތި ލުމަށް ވަރަށް ގިނަ އަދަދެއްގެ މީހުން މިހާރުވެސް ގުޅަމުންދާ ކަމަށާއި އެހެން ނަމަވެސް މިފަދަ އެންގެ އެކަށީގެންވާ ވަރަށް ބަކަރި ލިބިފައިނުވާ ކަމަށެެވެ. އެހެން ނަމަވެސް ކުރިއަށް އޮތް ތަނުގައި މިއަށްވުރެއް ފުޅާކޮށް، އުލްހިޔާ ކަތިލުން ކުރިއަށްގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިސްލާމިކް ފައުންޑޭޝަނުން ކަތިލާ ބަކަރިއަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުން ގެންނަ ބަކަރި ކަމަށާއި ށ، ނ އަތޮޅު އަދި ޅ އަތޮޅުންވެސް ބަކަރި ގެނެސްފައިވާ ކަމަށް އެ ފައުންޑޭޝަނުން ބުނެ އެވެ.
އުލްހިޔާ ކަތިލުމަށްޓަކައި 25ކިލޯ ހަމަވާ ބަކަރިން ފެށިގެން 50 ކިލޯ ހަމަވާ ބަކަރި ގެނެސްފައިވާ ކަމަށް އިސްލާމިކް ފައުންޑޭޝަނުން ބުނެ އެވެ.
އިސްލާމިކް ފައުންޑޭޝަންގެ އިތުރަށް ވެސް އެހެން ބައެއް އަމިއްލަ ގްރޫޕުތަކުންވެސް އަންނަނީ އުލްހިޔާ ކަތިލުމުގެ އިންތިޒާމުތައް ރާވަމުންނެވެ.އެގޮތުން ތިން ބަކަރި ކޮށްޓެއް އިންޑަސްޓިއަލް ވިލޭޖު ސަރަހައްދުގައި ހުރި އިރު، ގާތްގަނޑަކަށް 200 ވަރަކަށް ބަކަރި އެ ސަރަހައްދުގައި އުލްހިޔާގެ ގޮތުގައި ކަތިމަށް ވަނީ ތައްޔާރުކުރެވިފަ އެވެ.