ރާއްޖޭގެ ވެރިކަން ވައްޓާލަން އިދިކޮޅު ފަރާތްތަކުން ކުލީ ސިފައިންގެ އެހީތެރިކަން ހޯދަން އުޅޭ ކަމަށް ސަރުކާރު ހިންގާ ޕީޕީއެމް އިން ދެއްކި ވާހަކަތަކަށް އެއްވެސް ޖަވާބެއް ދޭން ބޭނުން ނުވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.
ސަރުކާރު ހިންގާ ޕީޕީއެމްގެ ސެކްރަޓަރީ ޖެނަރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު ޑރ އަބްދުﷲ ހަލީލް ވިދާޅުވެފައި ވަނީ އިދިކޮޅު ފަރާތްތަކުން ކުލީ ސިފައިން ރާއްޖެ ގެނެސް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެކަމާ ގުޅީގެން ރާއްޖެއެމްވީން ސުވާލު ކުރުމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ އެ ވާހަކަތަކަށް އެމްއެންޑީއެފް އިން އެއްވެސް ކޮމެންޓެއް ކުރަން ބޭނުން ނުވާ ކަމަށެވެ. އެފަދަ އެއްވެސް ކަމެއް ހިންގަން ބަޔަކު މީހުން މަސައްކަތް ކުރަމުންދޭތޯ ނުވަތަ ކޮށްފައިވޭތޯ ސުވާލު ކުރުމުން ވެސް އެއްވެސް ޖަވާބެއް ދެއްވާފައެއް ނުވެއެވެ.
ޑރ ހަލީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އިދިކޮޅު ފަރާތްތަކަށް ސަރުކާރު ވައްޓާނުލެވިއްޖެ ނަމަ ކުލީ ސިފައިންގެ އެހީތެރިކަން ހޯދަން މަސައްކަތް ކުރަން އުޅޭ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.
ހަލީލްގެ ޓުވިޓްގައި ވިދާޅުވެފައި ވަނީ ރައީސް އަބްދުﷲ ޔާމީން އަށް ރައްޔިތުންގެ ތާއިދު އިތުރު ވަމުންދާތީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ސަރުކާރު ވައްޓާލުމަށް ކުރާ މަސައްކަތުގައި ބައިވެރިވުމަށް އެދިވަޑައިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ މެމްބަރުންނަށް އެސްއެމްއެސް ފޮނުއްވައި އަދި ގުޅުއްވައި އާދޭސް ކުރައްވަމުންނެވެ.
ޑރ. ހަލީލް ދެއްކެވި ވާހަކަތަކަކީ ރާއްޖޭގެ ގައުމީ ސަލާމަތާ ގުޅޭ ވާހަކައަކަށް ވާއިރުވެސް، އެމްއެންޑީއެފުން ވެސް އަދި ފުލުހުން ވެސް މިހާތަނަށް އެއްވެސް ބަހެއް މިކަމުގައި ބުނެފައެއް ނުވެ އެވެ.