ޖަލަށް ލުމަށް ހުކުމްކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ގޭ ބަންދަށް ބަދަލު ކުރަން މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ނިންމައިފިއެވެ.
މާމިގިލީ ދާއިރާގެ މެމްބަރުގެ ގޮތުގައި ވެސް ހުންނެވި ގާސިމްގެ މައްޗަށް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅިކަމުގެ ކުށް ސާބިތުކޮށް އޭނާ ތިން އަހަރާއި ދެ މަސް ދުވަހާއި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމްކުރީ ޣައިރު ހާޒިރުގައި، އޯގަސްޓް 24 ވަނަ ދުވަހުގެ ރޭ މެންދަމުގަ އެވެ. އޭރު ވެސް ގާސިމް އޮންނެވީ އައިޖީއެމްއެޗްގައި އެޑްމެޓް ކުރައްވާފަ އެވެ.
ޖަލަށް ހުކުމްކުރި ނަމަވެސް ގެއަށް ބަދަލުކުރަން ކަރެކްޝަނަލް ސާވިސްއިން ނިންމައި އެކަމުގެ ލިޔުން ބުދަ ދުވަހުގެ ރޭ ގާސިމާ ހަވާލުކުރެއްވީ ސިއްހީ ހާލުކޮޅު ހުރި ގޮތުންނެވެ. މި ގޮތަށް ނިންމިއިރު، ގާސިމްގެ ހުކުމުގައި ބެނެފައިވާ ގޮތަށް ބޭސްފަރުވާ އަށް އޭނާ ރާއްޖޭން ބޭރަށް ފޮނުވުމުގެ އިންތިޒާމުތަކެއް އަދިވެސް ހަމައެއް ނުޖައްސަ އެވެ. ކްރިމިނަލް ކޯޓްގެ ހުކުމާ ސަރުކާރުން ހިލާފުވެފައިވާއިރު، ގާސިމް ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މައްސަލަ އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ އިސްތިއުނާފުކޮށްފަ އެވެ.
ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނަރަލް އަހްމަދު ސަމީރު ރާއްޖެއެމްވީއަށް ވިދާޅުވީ ގާސިމަށް އަދިވެސް ހޮސްޕިޓަލުން ފަރުވާ ދެއްވަމުން ގެންދަވާއިރު، ކަރެކްޝަނަލް ސާވިސްއިން ބައެއް އިންތިޒާމްތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެ ގޮތުން ގޭގައި އޮންނަ މީހަކަށް ލިބިދޭ ބައެއް ފުރުސަތުތައް ހޮސްޕިޓަލުގައި އޮތްނަމަވެސް ބުދަ ދުވަހުގެ ރެއިން ހަމަ ޖައްސަދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ގާސިމްގެ އަރިހުގައި ކުރިން އާއިލާގެ އެކަކަށް ހުރުމުގެ ފުރުސަތު އޮތް ނަމަވެސް މިހާރު އާއިލާގެ ހުރިހާ އެންމެނަށްވެސް ހޮސްޕިޓަލުގައިވެސް ތިބެވޭނެ ކަމަށް ކަރެކްޝަނުން އަންގާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ގާސިމްގެ ހިތުގެ ދެ ޓެސްޓެއް ވަރަށް އަވަހަށް ހެދުމަށް ޑޮކްޓަރުން ވަނީ ލަފާ ދެއްވައިފަ އެވެ. އަދި ފަރުވާ ދިނުން ލަސްކޮށްފި ނަމަ އޭނާގެ ފުރާނައަށް ގެއްލުން ވެދާނެ ކަމަށް ވެސް ޑޮކްޓަރުން ވަނީ ވިދާޅުވެފަ އެވެ.
ގާސިމްގެ ޝަރީއަތަކީ ސިޔާސީ ކަމެއް ކަމަށާއި ހުކުމްކުރީ ވެސް ބޭއިންސާފުން ކަމަށް ގުޅިފައިވާ ޕާޓީތަކުން ބުނެ އެވެ.