ހައްޖުގެ އަޅުކަން އަދާކުރުމަށް އަރަފާތައް ހައްޖާޖީން މިރޭ ފުރާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފި އެވެ
ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޔާމީން އިދްރީސް ވިދާޅުވީ، ސައުދީ ގަޑިން ދަންވަރު 12:00 ހާއިރު އަރަފާތު ބިމަށް ދިއުމަށް ހައްޖުވެރިން ފުރާނެ ކަމަށެވެ. އެއީ ރާއްޖޭގެ ގަޑިން ނަމަ މިރޭ ދަންވަރު 02:00 ހާއިރެވެ. ހައްޖު ކޯޕަރޭޝަނުގެ ދަށުން 1022 މީހުން މިރޭ އަރަފާތު ބިމަށް ފުރާ އިރު، އެހެން ހައްޖު ގްރޫޕުތަކުން އަރަފާތު ބިމަށް ފުރުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު އެވެ.
އަރަފާތު ބިމަށް ކިތަންމެ ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް އެރުމަކީ ހައްޖުގެ ރުކުން ތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ހައްޖު ކޯޕަރޭޝަންގެ ފަރާތުން 700 މީހުން ފުރަތަމަ ހައްޖަށް ގޮސްފައިވާއިރު ފަހުން ލިބުނު ހައްޖު ކޯޓާގެ ދަށުން 322 މީހުން ވަނީ ހައްޖަށް ފުރާފަ އެެވެ. މި އެންމެންނާ އެކު ހައްޖު ކޯޕަރޭޝަނުން މިފަހަރު ހައްޖަށް ގޮސްފައި ވަނީ 1022ހައްޖުވެރިންނެވެ.
ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ހައްޖަށް ގޮސްފައި ތިބި އެންމެންގެ ހާލުވެސް ރަގަޅު ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެ އެވެ.
ހައްޖު ކޯޕަރޭޝަންގެ އިތުރަށް އަމިއްލަ ތިން ގްރޫޕަކުން ވެސް ވަނީ މީހުން ހައްޖަށް ފޮނުވާފަ އެވެ. އެގޮތުން ޒައީ ހައްޖު ގުރޫޕާއި ހަރަމައިން ހައްޖު ގުރޫޕާއި ސިސިލްފަރު ހައްޖު ގުރޫޕް އިން ވެސް މީހުން ހައްޖަށް ފޮނުވާފައިވެއެވެ.
މުޅި ޖުމްލަ ހައްޖު ކޯޓާގެ ގޮތުގައި ރާއްޖެއަށް 2000 ކޯޓާ ލިބުނު ނަމަވެސް، އޭގެ ތެރެއިން 1000 ކޯޓާ ލިބިފައިވަނީ ހައްޖަށް ރާއްޖެއިން އާންމުކޮށް މީހުން ފުރާ ދުވަސްވަރަށްވުރެ ހައްޖު ދުވަސް ކައިރިވެފައިވަނިކޮށެވެ. އެކަމުގެ ސަބަބުން އެ 1000 ކޯޓާ ހަމަވާ ވަރަށް މީހުން ހައްޖަށް ގޮސްފައެއް ނުވެއެވެ.