ޅ. ހިންނަވަރުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެރަށު ގެއެއްގައި ހުރި ޓީވީއެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ ގިނަ އަދަދެއް ތަކެތި ހޯދައިފިއެވެ.
ފުލުހުން ބުނީ މި އޯގަސްޓް މަހުގެ 29 ވަނަ ދުވަހު، ފުލުހުންގެ އިންޓެލިޖެންސާއި ހިންނަވަރު ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ހިންނަވަރު ގެއެއްގައި ހުރި ޓީވީއެއްގެ އެތެރެ ބަލައިފާސްކުރިއިރު އެ ޓީވީގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 259 ސެލޯފިންކޮޅު ފެނިފައިވާ ކަމަށެވެ.
ހިންނަވަރުގައި ޓީވީއެއްގެ ތެރޭގައި ފޮރުވާފައި ހުއްޓައި މަސްތުވާތަކެތި ކަމަށް ލަފާކުރެވޭ އެއްޗެއް ހޯދާފައި ވީނަމަވެސް މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.
އޯގަސްޓް 29 ވަނަ ދުވަހުގެރޭ ހިންނަވަރުގައި ހިންގި އިތުރު އޮޕްރޭޝަނެއްގައި އުމުރުން 22 އަހަރުގެ ފިރިހެނަކު ވެސް ވަނީ ހައްޔަރު ކޮށްފައެވެ. ފުލުހުން ބުނީ އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ބަލައި ފާސްކުރިއިރު އޭނާ ލައިގެން ހުރި ސޯޓުގެ ކަނާތްފަރާތު ޖީބުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށެވެ. އަދި އޭނާ ދިރިއުޅެމުންދާ ކޮޓަރި ބަލައި ފާސްކުރިއިރު އެކޮޓަރީގައި ހުރި އެނދުގައި އަޅާފައި އޮތް ގޮަދަނޑީގެ ދަށުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 80 ސެލޯފިންކޮޅު ފެނިފައިވާކަން ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން، އޮގަސްޓް މަހުގެ 28 ވަނަ ދުވަހުގެރޭ ޅ. ނައިފަރުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ބައެއް ތަކެއްޗާއިއެކު އުމުރުން 24 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ އެމީހާ މަޑުކުރުމަށް ފުލުހުން އެންގުމުން އޭނާގެ އަތުގައި އޮތް މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް އެއްލާލާފައިވާ ކަމަށެވެ. އަދި އޭނާގެ ކުޑަކަމުދާތަކެތި ޓެސްޓްކުރުމުން މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާކަން ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ފުލުހުންގެ އޮޕަރޭޝަންތަކުގައި ހިންނަވަރާއި ނައިފަރުން ހައްޔަރު ކުރެވުނު ދެ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން އެ ކޯޓުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި އެ ދެމީހުން ބަންދުކޮށްފައި ބޭތިއްބުމަށް 7 ދުވަހުގެ މުއްދަތެއް ދީފައެވެ.
ފުލުހުން ބުނީ މަސްތުވާތަކެތީގެ މި މައްސަލަތައް ހިންނަވަރާއި ނައިފަރު ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.