ޖަލުގައި ހުންނެވި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިޝް މައުމޫނާ ބައްދަލު ކުރެއްވުމަށް އޭނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި މައްމާފުޅު ނަޝްރީނާ އިބްރާހިމް މާފުށީ ޖަލަށް ވަޑައިގެންފި އެވެ.
ފާރިސް ޖަލަށްލާފައި ހުންނެވީ އޭނާގެ މައްޗަށް ތުހްމަތުކުރާ ރިޝްވަތު ދިނުމުގެ ދައުވާގެ ޝަރީއަތްތައް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރަކާއި ގުޅިގެންނެވެ. އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައިވީ ނަމަވެސް އެ ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.
ފާރިސް ބަންދު ކުރި ފަހުން އޭނާއާ ބައްދަލު ކުރައްވަން މައުމޫނު ވަޑައިގެންނެވި މިއީ ދެ ވަނަ ފަހަރެވެ. އަދި ނަޝްރީނާ އާއި ފާރިސްގެ އެއްބަނޑުއެއްބަފާ ބޭފުޅުން މީގެ ކުރިން ޖަލަށް ވަޑައިގެންނެވި އެވެ.
އޭގެ ފަހުން ބުދަ ދުވަހު ރައީސް މައުމޫނު މާފުއްޓަށް ވަޑައިގެންނެވިއިރު އަރިހުގައި އާއިލީ ބޭފުޅުން ވަޑައިގެންނެވިއެވެ.
ރައީސް މައުމޫނު ވަނީ އެމަނިކުފާނާއި އަނބިކަނބަލުން މާފުށީ ޖަލުކައިރީ ހުންނަވައިގެން ފޮޓޯ ނެންގުވުމަށް ފަހު ޓުވީޓް ކުރައްވާފަ އެވެ.
ފާރިސްގެ މައްޗަށް ވަނީ ޝަހްސު އޮޅުވާލުމުގެ ދައުވާ އާއި ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލާފަ އެވެ. ފާރިސްގެ މައްސަލަތަކުގެ އަޑުއެހުންތަކަށް ރައީސް މައުމޫނުގެ ދެ ކަނބަލުން ޝަރީއަތުގެ އަޑުއެހުންތަކަށް ވަޑައިގެންފައިވެ އެވެ.
ފާރިޝްގެ މައްޗަށް ހިންގާ ޝަރީއަތާ އަދި ކޮށްފައިވާ ތުހްމަތުތަކަށް ރައީސް މައުމޫނު ގެންދަވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
ނަމަވެސް ފާރިސްގެ އެއްބަނޑުއެއްބަފާ ދައްތަ ދުންޔާ މައުމޫނާއި އެއްބަނޑު އެއްބަފާ ބޭބެ ގައްސާން މައުމޫނު ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވުމުން އެކަމަށް އާންމުން ވަރަށް ބޮޑަށް ގެންދަނީ ފާޑު ކިޔަމުންނެވެ.
މަންމާފުޅު ނަސްރީނާ އިބްރާހީމާއި ދައްތަ، ޔުމްނާ މައުމޫން ވެސް ވަނީ މީގެ ކުރިން ޖަލަށް ވަޑައިގެން ފާރިސްއާ ބައްދަލު ކުރައްވައިފަ އެވެ.