ކ. މާލެ
|
30 އޯގަސްޓް 2017 | ބުދަ 14:37
މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާ ސަރުކާރުގެ މިނިސްޓަރު ޑރ. ޝައިނީ
މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާ ސަރުކާރުގެ މިނިސްޓަރު ޑރ. ޝައިނީ
ރާއްޖެ އެމްވީ
ސިޔާސީ ޕާޓީތަކުގެ މަޝްވަރާ
ރައީީސް މައުމޫނާއި ޕާޓީތަކަށް، މަޝްވަރާގެ މޭޒަށް އައުމަށް ސަރުކާރުން ގޮވާލައިފި
ސިޔާސީ އިދިކޮޅު ހުރިހާ ލީޑަރުން ތިއްބެވީ ޖަލުގައި
އިދިކޮޅު ގިނަ މެމްބަރުންނަށް ވަނީ ދައުވާ ކޮށްފަ
ރައީސް މައުމޫނަށް ދައުވަތު ފޮނުއްވާފައިވޭ

ޕީޕީއެމްގެ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމަށާއި ސިޔާސީ ޕާޓީތަކަށް، މަޝްވަރާގެ މޭޒަށް އައުމަށް ސަރުކާރުން ދައުވަތު ފޮނުވައިފި އެވެ. 

އިދިކޮޅު ސިޔާސީ ޕާޓީތަކުން ބޭނުންވާ އިސްލާހީ ބަދަލުތައް ހަތް ދުވަހުގެ ތެރޭގައި ލިޔުމުން އަންގައިދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުރިހާ ޕާޓީތަކަށާއި ރައީސް މައުމޫނަށް ބުދަ ދުވަހު ވަނީ ސިޓީ ފޮނުވާފަ އެވެ. 

ޕާޓީތަކަށް ފޮނުއްވި ސިޓީގައި ބުނެފައި ވަނީ ސިޔާސީ ޕާޓީތަކުގެ މެދުގައި ސިޔާސީ ގޮތުން އޮތް ހިޔާލު ތަފާތުވުންތައް ނައްތާލައި، ގައުމު ތަރައްގީކުރުމާއި ބިނާ ކުރުމުގެ މަސައްކަތް ހަލުވިކުރުމަށްޓަކައި، އަދި ރައްޔިތުންގެ އެއްބައިވަންތަކަން އިތުރުކުރުމަށްޓަކައި ސަރުކާރުން އިސްނަގައިގެން ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކުރުމަށް ސަރުކާރުން އެކި ފަހަރުމަތިން ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ނަމަވެސް މަޝްވަރާތައް ފެށުމުގެ އެކިއެކި ޝަރުތުތައް ކުރަމުން ދިއުމުގެ ސަބަބުން މަޝްވަރާތައް ކުރިއަށް ގެންދެވޭ ގޮތް ނުވެފައިވާ ކަމަށްވެސް ސިޓީގައި ބުނެފައިވެ އެވެ. 

މަޝްވަރާތަކާ ގުޅޭގޮތުން ރައީސް އޮފީހުގައި ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސަރުކާރުގެ ފަރާތުން މަޝްވަރާތަކުގައި އިސްކޮށް ހުންނަވާ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކަންކަން އިސްލާހުކުރަން ބޭނުންވާކަމުގެ ވާހަކަތައް ދައްކަމުންދާ ކަމަށާއި، އެހެންކަމުން ސަރުކާރުން ބޭނުންވަނީ އެއީ ކޮން ކަންތައްތަކެއްކަން ދެނެގަންނަން ކަމަށެވެ.

އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ ތެރެއިން ޖަލު ހުކުމަކާ ކުރިމަތިލައްވަން ނުޖެހި ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ވެސް ހުކުމްކުރިތާ ހަފްތާއެއް ފަހުން، ސިޔާސީ ޕާޓީތަކުގެ މަޝްވަރާއަށް ގޮވާލާފައިވާއިރު، ޝައިނީ ވިދާޅުވީ މަޝްވަރާތައް ބާއްވަންޖެހޭނީ ވަކި ފަރުދެއްގެ މައްސަލައާ  ވާހަކަ ދެއްކުމުގެ ބަދަލުގައި ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރަން ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުގެ އެފަދަ ހުށަހެޅުންތަކެއް ހުރި ކަމަށް ސަރުކާރަށް ފެންނަ ކަމަށް ޝައިނީ ވިދާޅުވި އެވެ.

ޝައިނީ ވިދާޅުވީ އެ ކަންތައްތައް ހަތް ދުވަހުގެ ތެރޭގައި ހުށަހެޅުމުން ސަރުކާރާއެކު ތިބި ސިޔާސީ ފަރާތްތަކާ މަޝްވަރާކުރާނެ ކަމަށާއި އެއަށްފަހު އީޖާބީ ބަދަލުތަކެއް ފެންނަ ނަމަ މަޝްވަރާގެ މަސައްކަތް ފަށާނެ ކަމަށެވެ. ޝައިނީ ވިދާޅުވީ ސިޔާސީ މަސްރަހު "އޮމާންކޮށް، ފިނިކުރުމަށް" މަޝްވަރާތަކަށް އަންނަންވާނީ އެއްވެސް ޝަރުތަކާ ނުލައި ކަމަށެވެ.

"މިފަހަރު ސިޓީ މި ފޮނުވީ ޖަލަށް ލާފަ ހުރި މީހަކަށެއް ނޫން، ޕާޓީތަކުގެ ލީޑަރުންނަށް، ދެން އެބޭފުޅުންނަށް އެކިއެކި ކަންކަމުގެ ތުހުމަތުކުރެވިގެން ޝަރީއަތް ހިންގުމާ ޖަލަށް ލެވިފަ ހުރުމާ ޖަލުން ފިލައިގެން އުޅުމާ މިއީ އެހެން ލެވަލްއެއްގަ ހިނގާ ކަންތައްތައް. ހަމަގައިމުވެސް ހުރިހާ އެންމެންގެ މައްޗަށް މިހާރު ޝަރީއަތް ކުރެވޭނެ ކަން ހުކުމް އަންނާނެކަން އެއްވެސް މީހަކު ތަފާތުނުކޮށް، ސަރުކާރުން ބޭނުންފުޅުވޭކަން މި ހުރިހާ އެންމެންނާ ދޭތެރޭގައި ވެސް އެއްވަރަކަށް ގާނޫނާއި ގަވާއިދުތައް ތަންފީޒްވާން ރައްޔިތުންނަށް ޔަގީންވާނެ، އެހެންވީމަ އޭގެ ތެރޭގައި އަދި މީހަކު ކޮށްފައި ހުރި ކަމެއްގެ ސަބަބުން އޭނައަށް ވަކިވަކިން އަންނަ ކަންތައްތަކާ ޕާޓީއާ ވަރަށް ތަފާތު، އެހެންވީމަ ޕާޓީގެ ލީޑަރުންނަށް ސިޓީ ފޮނުވާފަ އެއޮތީ އެއީ ލީޑަރުންނަށް ވާތީވެ،" ޝައިނީ ވިދާޅުވި އެވެ.

ޝައިނީ ވިދާޅުވީ ސަރުކާރުން ގަބޫލުކުރާ ގޮތުގައި ސަރުކާރުން ހުރިހާ ކަމެއް ވެސް ކުރަމުންދަނީ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެެއިން ކަމަށާއި "ޗާޓުން ބޭރުން" އެއްވެސް ކަމެއް ކުރަމުންނުދާ ކަމަށެވެ. އެހެންކަމުން ހުރި މައްސަލަތަކަކީ ކޮބައިކަން ސަރުކާރަށް އެނގޭނީ އިދިކޮޅު ފަރާތްތަކުން ބުނެދިނުމުން ކަމަށް ޝައިނީ ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ނޫސްވެރިން ވަނީ ޝައިނީއާ ވަރުގަދަ ސުވާލުތަކެއް ކުރިމަތިކުރުވާފަ އެވެ. އެގޮތުން ސަރުކާރުގެ ތެރޭގައި "ގޯސްކޮށް" ހިނގަމުންދިޔަ ކަންތައްތައް ސީދާ ރައީސް އަބްދުﷲ ޔާމީނުގެ ސަމާލުކަމަށް ރައީސް މައުމޫނާއި، އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ގެންނެވި ކަމާއި އެއިރު އެކަންތައްތައް އިސްލާހު ނުކުރި ސަބަބާ މެދު ސުވާލުކުރި އެވެ. އަދި ސަރުކާރުގައި އިސްލާހު ކުރަންޖެހޭ ކަމެއް ހުރިކަމަށް ސަރުކާރުން ގަބޫލުކުރޭތޯ ސުވާލުކޮށްފައިވެއެވެ.

މީގެ އިތުރުން، ޕާޓީތަކަށް ފޮނުވި ސިޓީތަކުގައި އެ ޕާޓީގެ ލީޑަރުންނަށް ނުވަތަ ރައީސުންނަށް އެޑްރެސް ކޮށްފައިވަނީ ކީއްވެތޯ ވެސް ސުވާލުކޮށްފައިވެއެވެ. ޖަލުގައި ބަންދުކޮށްފައި ހުންނަ މުއްދަތުގައި ސިޔާސީ ޕާޓީއާއި ޖަމްއިއްޔާތަކަށް އާންމު މެންބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުމުގެ އިތުރަށް އެއިން ތަނެއްގެ މަސްއޫލްވެރި ފަރާތެއްގެ ގޮތުގައި ހުރުމާއި އެތަންތަނުން ހިންގާ އެހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ނުލިބޭ ގޮތަށް ޖަލުތަކާއި ޕެރޯލްގެ ގާނޫނު ވަނީ އިސްލާހު ކޮށްފަ އެވެ.

ކޯލިޝަނަކުން ރައީސް ޔާމީން އިންތިޚާބު ކާމިޔާބު ކުރެއްވި އިރު، ޚިޔާނާތުގެ މައްސަލަތައް ފެންމަތިވުމާއެކު ޝެއިޚް އިމްރާން ވަނީ ރައީސް ޔާމީނާ ބައްދަލުކުރައްވައި، މަޝްވަރާކޮށްގެން ކަންތައްތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރައްވާފަ އެވެ. ނަމަވެސް، ހައްލެއް ނުލިބުމުން އަދާލަތު ޕާޓީއިން ކޯލިޝަނާ ވަކިވެ އިދިކޮޅު އެމްޑީޕީއާއެކު މަސައްކަތް ކުރަން ފެއްޓި އެވެ.

ރައީސް މައުމޫން ވެސް ވަނީ ސަރުކާރުގެ ތެރޭގައި ގޯސްކޮށް ހިނގަމުންދިޔަ ކަންތައްތައް ސިޓީގެ ޒަރިއްޔާއިން ރައީސް ޔާމީނުގެ ސަމާލުކަމަށް އެތައް ފަހަރެއްގެ މަތިން ގެނެސްދެއްވާފަ އެވެ. އެހެންނަމަވެސް، އެ ސިޓީތަކަށް ޖަވާބެއް ނުލިބި އެތައް ދުވަހެއް ފާއިތުވުމުން އެމަނިކުފާނު ވެސް ވަނީ ރައީސް ޔާމީނަށް ކުރެއްވި ތާއީދު އަނބުރާ ގެންދަވާފަ އެވެ. ރައީސް މައުމޫން ވެސް މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ އިދިކޮޅު ފަރާތްތަކާއެކު އެވެ.

މީގެ ކުރިން 2015 ވަނަ އަހަރުގެ މެދު ތެރޭގައާއި، 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މަޝްވަރާ ކުރުމަށް ސަރުކާރުން ޕާޓީތަކަށް ދައުވަތު ދިނެވެ. އެހެން ނަމަވެސް، ވަކި ހިސާބަކުން މަޝްވަރާތައް ހުއްޓިގެން ދިޔައީ ޖަލުގައި ބަންދުކުރެވިފައިވާ ޕާޓީތަކުގެ ލީޑަރުން މަޝްވަރާގައި ބައިވެރިކުރުމާ މެދު "އެއްގަލަކަށް" ނޭރުމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
30 އޯގަސްޓް 2017 | ބުދަ 12:19
އަލީ
އިދިކޮޅު މީހުން ގެ ޝަރުތުތަށް މަޖިލިސް ކުރިޔަށް ގެންދިއުމަށް ފުރުސަތުދިނުން މަސީހުބޭރުކުރުން (ސަރުކަރުން ސަރުތު ކުރާނީ ޔާމީން އަޒުލު ނުކުރުމަށް،)