ސީރިއާގައި ހިނގަމުންދާ ހަނގުރާމައިގައި ބައިވެރިވުމަށް ރާއްޖެ ދޫކޮށް ދިޔަ ކަމަށް ބުނެ ދައުވާ ކޮށްފައިވާ ތިން މީހުންގެ މައްޗަށް ހިންގާ ޝަރީއަތުގައި ހުކުމް ކުރުން މިއަދަށް ތާވަލުކޮށްފި އެވެ.
ސީރިޔާއަށް ހަނގުރާމައަށް ދާން އުޅުނުކަމުގެ ތުހުމަތުގައި ދައުވާކޮށްފައި ވަނީ، ލ. މާމެންދޫ، މުރިނގު، އަހުމަދު ލަތީފާއި، ގދ. ރަތަފަންދޫ، ނީލްވީލާ، އަހުމަދު ސުހައިލް މޫސާ އާއި، ތ. ގާދިއްފުށީ ސެނެރީގޭ، މުނައްވަރު އަބްދުﷲ ގެ މައްޗަށެވެ.
މި ތިން މީހުންގެ މައްޗަށް ހުކުމް ކުރުން ތާވަލުކޮށްފައިވަނީ މިއަދު މެންދުރު 1:00 އަށެވެ.
މި ތިން މީހުންނަށް ކުރާ ދައުވާގައި ބުނެފައި ވަނީ، ފެބުރުއަރީ 15، 2016 ވަނަ ދުވަހު ރާއްޖެއިން ފުރައިގެން މި ތިން މީހުން ތުރުކީއަށް ދަތުރުކޮށްފައިވާ ކަމަށެވެ. އަދި މި ތިން މީހުން ހައްޔަރުކޮށްފައިވަނީ ސީރިއާ އާއި ތުރުކީ ގުޅޭ ބޯޑަރު ސަރަހައްދުން ކަމަށް ވެސް ބުނެފައި ވެއެވެ.
މި މައްސަލައިގައި މިމަހުގެ 21 ވަނަ ދުވަހު ދުވަހު ބޭއްވި އަޑުއެހުމުގައި ވަނީ ޚުލާސާ ބަޔާން ހުށަހަޅާފަ އެވެ. އަދި މިއަދު ބާއްވާ އަޑުއެހުމުގައި މައްސަލަައިގެ ހުކުމް އިއްވަވާނެ ކަމަށް ގާޒީ ވިދާޅުވެފައިވެއެވެ.
ލާސާ ބަޔާން ހުށަހަޅުއްވަމުން ތިން މީހުންގެ ގާނޫނީ ވަކީލު އިސްމާއިލް މުހައްމަދު ވިދާޅުވީ އެ މީހުން ބައިވެރިވީ ކޮން ޓެރަރިސްޓް ޖަމާއަތެއްގައި ކަމާއި، އެމީހުންގެ އެޖެންޓަކީ ކޮބައި ކަމާއި، އަދި ސީރިއާ އަށް އެތެރެވިކަން ސާބިތުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށާއި އެހެންނަމަވެސް، އެކަންކަން ދައުލަތަށް ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ. ސިއްރުން ހެކި ބަސް ދިން މީހުން ބުނެފައިވަނީ ތަހުގީގުގައި ބަޔާން ނަގުވާފައިވަނީ މަޖުބޫރުކޮށްގެން ބިރުދައްކައިގެން ކަން ވަކީލު ފާހަގަކުރެއްވި އެވެ.
ސިއްރު ހެކިވެރިން ބުނެފައި ވަނީ ހަނގުރާމައަށް އެ ތިން މީހުން ދިޔަ ކަމެއް ނޭނގޭ ކަމަށާއި ނަމަވެސް ވިޔަފާރި ދަތުރެއްގައި ދިޔަކަން އެނގޭ ކަމަށެވެ.
މީގެ އިތުރުން ޓެރަރިޒަމާ ގުޅޭ ތަޖުރިބާކާރެއް ކަމަށް ބުނެ ދައުލަތުން ހުށަހެޅި މީހާއަށް އެމީހުން ދަތުރުކުރި މަގު ވެސް އެނގިފައިނުވާކަން އޭނާ ފާހަގަކުރެއްވި އެވެ. ރާއްޖެއިން ސްރީލަންކާއަށް ދިއުމަށް ފަހު އެގައުމުން ސީދާ ތުރުކީއަށް ދިޔަ ކަމަށް ތަޖުރިބާކާރު ބުނާއިރު، އެމީހުން ތުރުކީއަށް ދިޔައީ ދުބާއީއަށް ދިއުމަށް ފަހު ކަން ވަކީލު ފާހަގަކުރެއްވި އެވެ.
ވިޔަފާރި މުއާމަލާތެއްގައި ނުވަތަ އެނޫން ވެސް ބޭނުމަކަށް ރާއްޖޭން ބޭރަށް ދިއުމަކީ ވެސް ރާއްޖޭގެ އެއްވެސް ގާނޫނަކުން މަނާކުރާ ކަމެއް ނޫން ކަމަށް ވަކީލު ވިދާޅުވި އެވެ. އެ ތިންމީހުން ތުރުކީ އާއި ސީރިއާ ގުޅޭ ބޯޑަރު ހުރަސްކުރަން އުޅުނު ކަމަށް ދައުވާގައި ބުނާއިރު ބޯޑަރުން އެތެރެވާން އުޅުނުކަން ސާބިތުކޮށްދޭންޖެހޭނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ދައުލަތުން ހުށަހެޅި ހުލާސާ ބަޔާނުގައި ބުނެފައި ވަނީ ސިއްރު ހެކިވެރިން ހަދަނީ ކަނޑައެޅިގެން ދޮގުކަން އެމީހުން ތަހުގީގަށް ދިން ބަޔާނުން އެނގޭ ކަމަށެވެ. އަދި ތަޖުރިބާކާރުގެ ހެކިބަހަކީ އިލްމާއި ތަޖުރިބާގެ މައްޗަށް ދީފައިވާ ހެކި ބަހަކަށްވާއިރު، އެ ހެކިބަސް ނަފީ ނުކުރެވޭނެ ކަމަށެވެ.