ރައްޔިތުންގެ މަޖިލީހުގެ ހަ ދާއިރާއެއްގެ ބައި އިލެކްޝަން އޮންނާނެ ކަމަށް އިލެކްޝަން ކޮމިޝަނުން އިއުލާން ކުރީ ވަކި ބަޔަކު ރުއްސާލަން ކަމަށާއި އިންތިހާބާ ގުޅޭ ތައްޔާރީތައް ވަމުން ނުދާ ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިދާރީ އަލީ ނިޔާޒް ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުން ނިޔާޒް ވިދާޅުވީ ހަ ދާއިރާގެ ގޮނޑި ހުސްވެފައިވާ ކަމަށް ނިންމާ ބައި އިލެކްޝަނެއް ބާއްވާނެ ކަން އިއުލާންކުރުން ފިޔަވާ ކަމެއް އެ ކޮމިޝަނުން ނުކުރާ ކަމަށެވެ.
ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މައްސަލައިގައި ސުޕްރީމް ކޯޓުން ހުކުމެއް ނެރެން ނުޖެހޭނެ ކަމަށް ބުނުމުން ހަ ދާއިރާއެއްގެ ބައި އިލެކްޝަން ބާއްވަން އިލެކްޝަން ކޮމިޝަނުން ނިންމިކަން އިއުލާންކުރުމާ ގުޅިގެން ނިޔާޒް ވިދާޅުވީ އޭގެ ކުރިން ވެސް އިލެކްޝަނުން އެކަން އިއުލާންކުރި ކަމަށެވެ. އެކަން ހުއްޓާލީ ވަކި ބަޔަކު އަންގައިގެން ނޫން ކަމަށާއި ބައި އިލެކްޝަނެއް ބޭއްވުމުގެ ނިޔަތެއް އެ ކޮމިޝަނުގައި އޭރުވެސް ނެތްކަން ފާހަގަ ކުރައްވައި ނިޔާޒް ވިދާޅުވީ އެ ކޮމިޝަން މަސައްކަތް ކުރަމުން އައިސްފައިވަނީ ޕީޕީއެމްގެ އިދާރީ ގޮތްޕެއްގެ ގޮތުގައި ކަމަށެވެ.
ބައި އިލެކްޝަނެއް ބާއްވަން ޖެހޭފަދަ ހާލަތެއް އައިސްފި ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އަދި އިލެކްޝަންސް ކޮމިޝަނުގައި ތިބި ފަސް މެމްބަރުން ވެސް އެގޮތަށް ގަބޫލު ކުރާކަމަށް ނުބެލެވޭ ކަމަށް ނިޔާޒް ވިދާޅުވި އެވެ.
" އިލެކްޝަނެއް ބާއްވަން އުޅެންޏާ އެކަމަށްވާންޖެހޭ ތައްޔާރީތައް އެކަމަށްވާން ޖެހޭ އިއުލާންތައް، އެކަމާ ގުޅިގެން އާންމުންނަށް ދޭން ޖެހޭ މައުލޫމާތުތައް މިއިން އެއްވެސް ވާހަކައެއް ނުދައްކަވާ،" އޭނާ ވިދާޅުވި އެވެ.
ނިޔާޒް ވިދާޅުވީ އިންތިހާބު ބާއްވަން އުޅެފިނަމަ ގާނޫނީ ގޮތުން ދިމާވެދާނެ ކަންކަން އިލެކްޝަން ކޮމިޝަނުގެ މެމްބަރުންނަށްވެސް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށާއި އެހެން ކަމުން ބޭނުމަކީ ހަމައެކަނި ރައީސް އަބްދުﷲ ޔާމީން ހިތްފުޅު ހަމަ ޖެއްސެވުމަށް އިއުލާނެއް ކުރެއްވުން ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބާއްވަން އުޅޭ ބައި އިލެކްޝަން ހުއްޓާލުމަށް ސުޕްރީމް ކޯޓުން ނާންގާ ކަމަށް ބުނާއިރު ބައި އިލެކްޝަނެއް ބާއްވަން ކުރަންޖެހޭ މަސައްކަތެއް އަދި މިހާތަނަށް އެ ކޮމިޝަނުން ކޮށްފައިނުވާ ކަމަށް ނިޔާޒް ފާހަގަ ކުރެއްވި އެވެ. އަދި އެ ސުޕްރީމް ކޯޓުގެ ހުކުމަކާ ހިލާފަށް އިންތިހާބު ބާއްވަން މަސައްކަތްކުރާނަމަ އެކަން އެ ކޯޓުން ހުއްޓުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ނިންމުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ނިޔާޒް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮނޑިއާމެދު ސުވާލު އުފެދިއްޖެ ނަމަ އެކަމުގައި ފަހު ބަސް ބުނާނީ ސުޕްރީމް ކޯޓުން ކަމަށާއި އެ ކޯޓުން ވަނީ އެފަދަ ހާލަތެއް އަދި ނެތް ކަމަށް ނިންމާފަ ކަމަށެވެ.
އިންތިހާބު ނުބާއްވާ ދިގުލައިގެން ދާނެ ގޮތައް އިލެކްޝަން ކޮމިޝަނުން އަމަލުކުރާނެ ކަމަށާއި އިންތިހާބެއް ބާއްވައިފި ނަމަ މި ސަރުކާރު ބޮޑުތަނުން ބަލިވާނެކަން އެނގޭނެ ކަމަށްވެސް ނިޔާޒް ވިދާޅުވި އެވެ.
" އިންތިހާބު ދެކެ ބިރުގަންނާނެ. ސަބަބަކީ ރައީސް ޔާމިން ބޭނުންވާ ގޮތައް ނަތީޖާ ނުނިކުމެދާނެތީ. އޭގެ ފަހުން އެ ބޭފުޅުން ވަޒީފާއަށް ވެދާނެ ގޮތަކާ ދޭތެރޭ (ވިސްނަވާނެ). އެހެންވީމަ އެ ހާލަތު މިހާރު ބޭއްވިއަސް އަންނާނެ. މިހާރުވެސް ކެރިވަޑައިނުގަންނަވާނެ އިންތިހާބު އޮންނާނެ ތާރީހެއް ވިދާޅުވާކަށްވެސް. އަދި އިންތިހާބެއް ބާއްވާކަށްވެސް،" ނިޔާޒް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހަ ދާއިރާއެއްގެ މެމްބަރުންގެ ގޮނޑި ހުސްވެފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނުމުން މަޖިލީހަށް އެ ބޭފުޅުން ވެންނެވުމަށް ސަލާމަތީ ހިދުމަތްތަކުން ހުރަސްއަޅާ މައްސަލައަށްވެސް ވަރަށް އަވަހަށް ހައްލެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.