ބ.ކެންދޫއިން ފުރައިގެން މާލެ ދަތުރުކުރި "ފްލާވާ" ނަމަކަށް ކިޔާ ބޯޓެއް ފަރަށް އަރައިފި އެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދިން ގޮތުގައި ބޯޓު އަރާފައިވަނީ ބަނޑޮސް އައިލެންޑް ރިސޯޓުގެ އިރުމަތީ ފަރަށެވެ
އެމްއެންޑީއެފް އިން ބުނީ އެ ހާދިސާ ހިނގި ކަމުގެ މައުލޫމާތު ލިބުނީ އަންގާރަ ދުވަހުގެ ރޭ 22:20 ހާއިރު ކަމަށެވެ. އަދި އެ މައުލޫމާތު ލިބުމާއެކު ކޯސްޓްގާޑުގެ ލޯންޗެއް ޑައިވަރުންގެ ޓީމަކާއެކު އެސަރަޙައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް މައުލޫމާތުދެ އެވެ.
މި ހާދިސާ ހިނގި އިރު މި ބޯޓުގައި 15 މީހުން ތިއްބެވެ. އޭގެ ތެރޭގައި އަންހެނަކާއި ކުޑަކުއްޖަކު ހިމެނޭ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ. އަދި ބަނޑޮސް އައިލެންޑް ރިސޯޓުގެ ދޯންޏެއްގެ އެހީތެރިކަމާއެކު އޭގެ ތެރެއިން 8 މީހުން ބަނޑޮސް އައިލެންޑް ރިސޯޓަށް ގެންގޮސްދީފަ ކަމަށްވެސް ވަނީ ބުނެފަ އެވެ.
މި ހާދިސާގައި ފަރަށް އެރި ދޯނި ފުން ކުރުމުގެ މަސައްކަތުގައި ކުރަމުންދަނީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިންނާއި ޑައިވަރުންގެ ޓީމެއްގެ އިތުރުން ބޯޓުގެ ވެރިފަރާތުން ހަމަޖެއްސި ދޯންޏެއްގެ އެހީގައި އެމްއެންޑީއެފް އިން ފާހަގަކޮށްފައިވެ އެވެ.